19 May 2020, 20:19
ކޮވިޑް19ގެ ގެއްލުންތަކުން އަރައިގަނެ، އޮކްޓޫބަރު މަހު އިގްތިސާދު ހަމައަކަށް އެޅެން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ލަފާކުރައްވައިފި އެވެ.
ކޮވިޑް-19 ފުރަބަންދާއި ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރިއަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން މިއަދު ބޭއްވި ވެބިނާގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބޯޑަރު ބަންދުކޮށްގެން އަބަދު ނުތިބެވޭނެ ކަމަށާއި ތިންވަނަ ކުއާޓަރުގައި (ޖުލައި މަހު) ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި ހާލަތުން އަރައިގަތުމަށް ރާއްޖޭގެ މާލީ އިދާރާތަކުން އެކި ސިނާރިއޯތައް ލަފާކޮށް، ފަސޭހައިން އަމަލު ކުރެވޭނެ ފިޔަވަޅުތަކެއް ވަނީ އެކުލަވާލާފައި. އިގްތިސާދު ހަމައަކަށް އެޅޭނީ "ޔޫ ކާވް" ރީބައުންޑަކުން ކަމަށް ލަފާކުރެވެނީ. ކާވްގައި ލަފާކުރެވޭ "އަޕްވާޑް ޓްރެންޑް" އައިސް، އޮކްޓޫބަރުން ފެށިގެން އިގްތިސާދު ހަމައަކަށް އެޅެން ފަށާނެ ކަމަށް ލަފާކުރެވެނީ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.
މިނިސްޓަރު އަލީ ވިދާޅުވީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ބޯޑަރު އަލުން ހުޅުވާލަން ޖެހޭ ކަމަށާއި ލޮކްޑައުންއަށް ފަހު އަމަލުކުރާނެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށެވެ.
"އިގްތިސާދީ އަދި ސިއްހީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް އެއްހަމައެއްގައި ހިފަހައްޓައި، ރިސްކް އެސެސްމަންޓް ހެދުމާއެކު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ރޭވުންތެރިކަމާއެކު ގައުމީ ބޯޑަރު އަދި ބަނދަރުތައް ހުޅުވާލުން މުހިންމު. އޮޓޮމޭޝަން، އިނޮވޭޝަން އަދި ޑިޖިޓަލައިޒޭޝަންއަށް އިސްކަން ދޭން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވަނީ މާލޭގައި ކަމަށާއި ރިސޯޓުތައް މިވަގުތަށް އޮތީ ރައްކާތެރިކޮށް ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އަދި ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތް، ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތް އޮތުމުގެ ފައިދާ ރާއްޖެއަށް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ހަނގުރާމަ ކުރަމުން މިދަނީ ބަލިނުކުރެވޭ ދުޝްމަނަކާ ދެކޮޅަށް. މިކަމުން އާ ފުރުސަތުތައް ހޯދައިގެން، މި ވައިރަހާއެކު ދިރިއުޅެން ދަސްކުރަން ޖެހޭ. ދިރިއުޅުން ހުއްޓުވާފައި ނުބޭއްވޭނެ ކަން ގަބޫލުކުރަން ޖެހޭ. ސަލާމަތާއި ރައްކާތެރިކަމާއެކު ދިރިއުޅުން އަލުން ފަށައިގަންނަން ޖެހޭ." މިނިސްޓަރު އަލީ ވިދާޅުވި އެވެ.