26 Dec 2011, 13:39
ގައުމީ ސަލާމާތަށް ނުރައްކާވާފަދަ މައްސަލަތައް މީޑިޔާއިން ހިމާޔަތް ނުކޮށް ގެނެސްދޭނަމަ އެފަދަ ނޫސްތަކާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތައް ބަންދު ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވެ އިންޒާރު ކުރައްވައިފި އެވެ.
އިޒްރޭލުގެ ބޯޓުގެ މައްސަލަ އާއި ޅ. ދިއްފުށި މާދޫގައި އިޒްރޭލާ ގުޅިގެން މިިލިޓަރީ އެކަޑީމީއެއް ހަދާ ކަމަށް ތުހުމަތުކޮށް އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިން ހުށަހެޅުއްވި މައްސަލައިގައި ސުވާލު ކުރުމަށް ގައުމީ ސަލާމާތާ ބެހޭ ކޮމެޓީއަށް މިއަދު ހާޒިރު ކުރެއްވުމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ މީޑިއާގެ ކަންތައްތަކުގައި މީޑިއާއާ ވާހަކަ ދައްކަވާ ކަމަށާއި ނޭޝަނަލް ސިކއުރީޓީ އިޝޫސްތައް މީޑިޔާއިން ހިމާޔަތްކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ހިމާޔަތް ނުކޮށްދޭ ކަމަށް ވާނަމަ އަޅަން ޖެހޭ ފިޔަވަޅު ޑިފެންސުން އަޅާނެ ކަމަށެވެ.
"ރާއްޖޭގެ ސެންސިޓިވް އިންފޮމޭޝަން، ރާއްޖޭގެ ރާއްކާތެރިކަމާ ސަލާމަތަށް އޮންނަ ބާރާ ބެހޭ ގޮތުން ބުރުލެއް އަރާފަދަ ގޮތަކަށް މިޑިއާއިން ހަބަރު ފަތުރާ ކަމަށް ވަންޏާ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން. ބަންދު ކުރަން ޖެހުނަސް ބަންދު ވެސް ކުރާނަން، އެ ނޫސް ޕޭޕަރެއް ވެސް، ޓީވީ ޗެނެލެއް ވެސް. އެކަން ކުރާނަން އަޅުގަނޑުމެން،" މިނިސްޓަރު ވިދާޅުވި އެވެ.
މީޑިޔާތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ވާހަކަފުޅު ދެއްކެވީ ޕާޓީތަކުން މީޑިޔާގައި ގައުމީ ސަލާމަތާއި ސިފައިންނާއި ޑިފެންސް މިނިސްޓްރީއާ ބެހޭ ގޮތުން އެކިކިއެކި ވާކަތައް ފަތުރާއިރު އެކަންކަމާ ފިޔަވަޅު ނާޅުއްވަނީ ކީއްވެގެންތޯ ކޮމެޓީގެ މެންބަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ސުވާލު ދެއްނެވުމުންނެވެ.
މިނިސްޓަރު އަދި ވިދާޅުވީ ޕާޓީއަކަށް ވަކި ގޮތަކަށް ނޭޝަނަލް ސެކިއުރިޓީއާބެހޭ މައުލޫމާތެއް ލިބައިވާ ކަމަށް ބުނުމުން އެ ބަޔަކަށް މައުލޫމާތު ލިބުނީ ކިނެއްތޯ ބަލަން ޖެހޭ ކަމަށާއި ނެޝަނަލް ސިކިއުރިޓީ އިޝޫތަކަކީ ސިއްރުކޮށް ބާއްވާ ކަންކަން ކަމަށެވެ.
"އެފަދަ ސިއްރުތައް ބޭރުވެއްޖިއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް އެކަން އަޅުގަނޑުމެން ތަހުގީގު ކުރާނަން ކިހިނެއްތޯ ވަކި ޕާޓީއަކަށް އެނގުނީ އެއީ އަޅުގަނޑުމެން ސާފުކުރަން ބޭނުންވާނެ ކަމެއް. އަޅުގަނޑު ބަލާނަން މިކަމާބެހޭ ގޮތުން ކޮން ފިޔަވަޅެއްތޯ އެޅޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.