ޖެނީވާ (19 މެއި 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ފަގީރު ގައުމުތަކުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ޗައިނާއިން ބުނެފި އެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އިން މިހާރު ފަށާފައިވާ ވޯލްޑް ހެލްތު އެސެމްބްލީގެ ސެޝަނެއްގައި އިއްޔެ ދެއްވި ޚިތާބެއްގައި ޗައިނާގެ ރައީސް ޝީޖިންޕިން ވިދާޅުވީ އެފްރިކާގެ ތިރީސް ގައުމަކަށް ސިއްޙީ ދާއިރާއިން ބޮޑެތި އެހީތަކެއް ދިނުމަށް ޗައިނާ ނިންމާފައިވާ ކަމަށާއި އިންފެކްޝަސް ޑިޒީޒް ނުވަތަ ގައިން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ޚާއްސަ މަރުކަޒެއް އެފްރިކާގެ ބައްރުގައި ބިނާކޮށްދޭނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ.

އެފްރިކާގައި ބިނާކުރާ އެމަރުކަޒަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން އެތަނަށް ބޭނުންވާ ޑޮކްޓަރުންނާއި ރީސާޗަރުން ތަމްރީނުކޮށްދިނުމާއި އެބާވަތުގެ ބަލިތަކަށް ބޭނުންވާ ބޭސް އެފްރިކާގައި އުފެއްދުމަށް އެހީތެރިވާނެކަމަށް ވެސް ޝީ ވިދާޅުވި އެވެ. މިއީ ކޮވިޑް-19 ފަދަ ގައިން ގަޔަށް އަރާ ހުރިހާ ބަލިތަކެއް ކޮންޓްރޯލް އެބަލިތަކުން ރައްކާތެރި ވުމުގެ ޤާބިލްކަން މުޅި އެފްރިކާއަށް ލިބިގެންދާނެ މަރުކަޒަކަށް ވެގެންދާނެކަން ޝީ ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން ދުނިޔޭގައިވާ ތަރައްޤީ ވަމުން އަންނަ ޤައުމުތައް ކޮވިޑް-19 އިން އަރައިގަތުމަށާއި އެ ރޯގާއާ ގުޅިގެން ކުރިމަތިވާ އިޤްތިސާދީ އަދި އިޖްތިމާއީ ދަތިތަކުން އަރައިގަތުމަށް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދެ ބިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން ދޭންނިންމާފައިވާ ކަމަށްވެސް ޝީ ޖިންގްޕިން ވިދާޅުވި އެވެ. މީގެ އިތުރުން، ދުނިޔޭގެ ފަގީރު ޤައުމުތަކުން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކަށް ފައިސާ ދެއްކުމުގެ ކަންތައް ފަސްކުރުމާބެހޭގޮތުންވެސް އެގައުމުތަކާ މަޝްވަރާ ކުރަމުން ގެންދާކަން ޝީ ފާހަގަ ކުރެއްވި އެވެ.

އަދި ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދުމާއެކު ޗައިނާގެ އެހީގައި އެ ވެކްސިން ފަގީރު ގައުމުތަކަށް ހިލޭ ފޯރުކޮށްދޭނެ ކަމާއި ތަރައްގީވަމުން އަންނަ އެނޫން ގައުމުތަކަށް ހެޔޮ އަގުގައި ފޯރުކޮށްދޭނެ ނިޒާމެއް އެކަށައަޅާނެ ކަމަށްވެސް ޝީ ވިދާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކާއި ޗައިނާ ވިޔަފާރީގެ ގޮތުން ގުޅާލުމަށް ޗައިނާ ކުރިޔަށް ގެންދާ ވިޔަފާރިއާއި ތަރައްގީގެ ބިޔަ މަޝްރޫއު ކަމަށްވާ ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ ދަށުން އޭޝިއާ އެފްރިކާ އަދި ޔޫރަޕްގެ އެތައް ގައުމެއްގައި ތަރައްގީގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށްޓަކައި އެއްޓްރިލިޔަން ޑޮލަރު ޚަރަދު ކުރުމަށް ޗައިނާ ވަނީ ނިންމާފައެވެ.

ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވް ގައި ބައިވެރިވާ ގައުމުތަކުގައި ތަރައްގީގެ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ޗައިނާ ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ކަނޑުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް ބިނާކޮށްދިނުމާއި މަގުތަކާއި ހައިވޭތަކާއި ބްރިޖްފަދަ ވަސީލަތްތައް ގާއިމް ކޮށްދިނުންވެސް ހިމެނެއެވެ.

އަދި ބެލްޓް އެންޑް ރޯޑް ގައި ހިމެނޭ ގައުމުތަކުގައި ކާރުޚާނާތަކާއި ރިއަލްއެސްޓޭޓް މަޝްރޫއުތައް ހިންގައި އިގްތިސާދީ ސަރަހައްދުތައް ބިނާކޮށްދިނުމަކީވެސް ބެލްޓް އެންޑް ރޯޑު އިނިޝިއޭޓިވްގެ ދަށުން ޗައިނާ ޚަރަދުކުރާ އެއް ޓްރިލިޔަން ޑޮލަރުގެ ޕްރޮގްރާމުން ޚަރަދުކުރާ ކަންކަމެވެ.