ވޮޝިންޓަން (19 މެއި 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ކޮންޓްރޯލް ނުވެ އެ ރޯގާ ސަބަބުން އެމެރިކާގައި ކޮންމެ ދުވަހަކު ހާހުން މީހުން މަރުވަމުންދާ މިދަނޑިވަޅުގައި ސޫފީގެ ނުރައްކާތެރި ވައްތަރަކާއި ލިޒާޑްސްގެ ވައްތަރެއް އެމެރިކާގައި ފެތުރެން ފަށައިފިއެވެ.

އެމެރިކާގެ ސިއްހަތާބެހޭ މަސްއޫލުވެރިންނާ ހަވާލާދީ ސީއެންއެން ބުނާގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މިހާރު ފެތުރެމުންދާ ވާސްޕް (ކުޅަނދުރު ވައްތަރަކަށް ހުންނަ ސޫޕެއް) އަކީ ނުރައްކާތެރި ބާވަތެއްގެ ވާސްޕެއް ކަމަށާ އެ ކަށިޖަހާމީހުން މަރުވާކަމުގައެވެ. މިއީ މިބާވަތުގެ ވާސްޕް އެމެރިކާއިން ފެނުނު ފުރަތަމަ ފަހަރުކަމަށްވެސް އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގައި ފެތުރެމުންދާ ވާސްޕް ގެ ބޮޑުމިނަކީ 5 ސެންޓިމީޓަރެވެ. އޭގެ ކަށިން ފޮނުވާލާ ވިހައަކީ އެންމެ ނުރައްކާތެރި ހަރުފައިގެ ވިހައަށްވުރެ އެތަށް ގުނައެއް ބާރުގަދަ އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި މީހުން މަރާލުމުގެ ބާރު ހުރި ވިހައެެއްކަމަށްވެއެވެ. މިސޫފި ދެފަހަރަކަށް ކަށިޖަހައިފިނަމަ ވަރަށް އަވަހަށް މީހުން މަރުވާކަމަށްވެއެވެ.

ވޮޝިންޓަނުން ގިނަ އަދަދަކަށް ފެންނަން ފަށާފައިވާ މި ސޫއްޕަށް އެމެރިކާގެ ސައެންސްވެރިން ދީފައިވާ ނަމަކީ "ކިލިންގް ވާސްޕް" އެވެ. މި ސޫފި އެމެރިކާއަށް އައިކަމަށް ބެލެވެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ތެރެއިންކަމަށާ މީގެ ނޭޓިވް ސަރަހައްދަކީ އޭޝިޔާ ޕެސިފިކް ސަރަހައްދު ކަމަށް އެމެރިކާގެ ސައެންސްވެރިން ބުނެއެވެ.

އެެމެރިކާއިން ފެންނަމުންދާ ޓޭގަސް ލިޒާޑްމީގެއިތުރުން އެމެރިކާގެ ބައެއް ސްޓޭޓްތަކުން ވަނީ ކުރިން ނުފެންނަ ވައްތަރުގެ ބިޔަ ލިޒާޑެއް ވެސް ގިނަ އަދަދަކަށް ފެންނަން ފަށާފައެވެ. އެއީ އިންސާނުންނަށް ހަމަލާދޭ ލިޒާޑެއް ކަމަށާ އެލިޒާޑް ގެ ސަބަބުން ބައެއް ސްޓޭޓްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް އެމެރިކާގެ މިޑިއާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ސައެންސްވެރިން ވިދާޅުވާގޮތުން އަލަށް އެމެރިކާއިން ފެންނަން ފަށާފައިވާ ލިޒާޑަކީ ޓޭގަސް ނަމަކަށްކިޔާ ލިޒާޑެކެވެ. އޭގެ ނޭޓިވް ސަރަހައްދަކީ ދެކުނު އެމެރިކާ ބައްރެވެ. ޚާއްސަކޮށް ބްރަޒިލް، އާޖެންޓީނާ، ޔުރްގުއޭ އަދި ޕެގައޭ އެވެ. މިބާވަތުގެ ލިޒާޑް އެމެރިކާއަށް އެތެރެވި ކަމަށް ބެލެވެނީ ޖަނަވާރު ގަނެވިއްކުމުގެ ވިޔަފާރީގެ ތެރެއިންނެވެ.

އެމެރިކާގެ ނެޗުރަލް ރިސޯސަސް އާ ބެހޭ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ޓޭގަސް ލިޒާޑަކީ އެހެން ޖަނަވާރުތަކަށް ހަމަލާދޭ ނުރައްކާތެރި އެއްޗެކެވެ. އޭގެ އަދަދު އެމެރިކާގައި ގިނަވުމަކީ އެމެރިކާގެ ވައިލްޑް ލައިފަށް އޮތް ނުރައްކަލެވެ.

އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލްވާނެ ދުވަހެއް ލަފާކުރަން ނޭންގޭއިރު މިހާތަނަށް އެމެރިކާގެ ދޮޅު މިލިޔަނަށްވުރެ ގިނަ މީހުންނަށް އެރޯގާ ޖެހި 92 ހާހަށްވުރެ ގިނަ މީހުންވަނީ އެރޯގާގައި މަރުވެފައެވެ.

ކޮވިޑް-19 ގެ ނާކާމިޔާބީއާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ އެތެރޭގައި "ހޫނުފެނަށް" ވެއްޓިފައިވާއިރު އެކަމަުން ސަލާމަތް ވުމަށްޓަކައި ޓްރަމްޕްވަނީ އެކަމުގެ ޒިންމާ ޗައިނާއާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ ގެ ބޮލުގައި އަޅުއްވައި މަސްއޫލިއްޔަތުން ރެކިވަޑައިގަތުމުގެ ވަރުގަދަ މަސައްކަތްތަކެއް ފައްޓަވާފައެވެ. (ނޫސްއެޖެންސީތައް)