މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ފަސް ރިސޯޓެއްގައި ހަށިވިއްކުމުގެ އަމަލު ހިންގާ ކަމަށް ބުނެ އެ ރިޒޯޓްގެ ސުޕާތައް ބަންދުކުރުމަށް ޓޫރިޒަމް މިނިސްޓްރީން އަންގައިފި އެވެ.

ވިލާ ހޮޓެލްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނިން ހިންގާ ރިސޯޓްތަކުގެ ސުޕާތައް ބަންދު ކުރުމަށް ސިޓީ ފޮނުވީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ބޭފުޅުންގެ ރިސޯޓެއްގައި އެފަދަ ކަމެއް ނުކުރާ ކަމަށާއި އަދި ޓޫރިޒަމް މިނިސްޓްރީ އިން އެ ސިޓީ ފޮނުވީ އެއްވެސް ވަރަކަށް އެ ތަންތަން ހިނގާ ގޮތް ބެލުމަކާ ނުލައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވިލާ ހޮޓެލްސްގެ ރިސޯޓްތަކަށް އެ ސިޓީ ފޮނުވާފައި ވަނީ ވަކިވަކިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޔާސިރު ސޮއިކުރައްވައި ރޭގެ ތާރީހުގައި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމަށް ފޮނުވާފައިވާ އެ ތަނުން އެއް ސިޓީގައި ބުނެފައި ވަނީ "ތިޔަ ކުންފުންނިން ލަންކަން ފިނޮޅުގައި ހިންގަވަމުންގެންދަވާ ޕެރަޑައިސް އައިލެންޑް ރިޒޯޓް އެންޑް ސްޕާގައި ހަށިވިއްކުމުގެ އަމަލް ހިންގަމުން ގެންދަވާ ކަމަށް ތުހުމަތުކުރެ ވޭތީ މިމިނިސްޓްރީން ވަކިގޮތަކަށް އަންގަވަންދެން ޕެރަޑައިސް އައިލެންޑްގެ ސްޕާ ބަންދުކުރުމަށް އެންގީމެވެ،" އެ ސިޓީގައިވެ އެވެ.

އެ ރިސޯޓްތަކުގައި ހަށިވިއްކާކަން ޓޫރިޒަމް މިނިސްޓްރީ އަށް އެނގުނީ ކޮން ގޮތަކަށް ބައްލަވައިގެންތޯ ދެންނެވުމުން ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ސޯލިހު މިއަދު ވިދާޅުވީ އެ ސުވާލުގެ ޖަވާބު ހޯދުމަށް "ލިއުމުން ހުށަހެޅުމަ"ށެވެ.

ޑީއާރްޕީގެ ފަރާތުން މިއަދު ބޭއްވީ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބް ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްޔިތުން މިދިޔަ ހުކުރު ދުވަހު ކުރި ބޮޑުމުޒާހަރާގައި ޑިމާންޑްކޮށްފައިވާ މާލޭގެ ހަށިވިއްކާތަންތަން ބަންދުކުރަން ހުށައެޅުމުން އެކަން ނުކޮށް ގާސިމް އިބްރާހިމަށް ފިއްތުން ކުރިމަތިކުރުމަށް ސަރުކާރުން ކުރިކަމެއް ކަމަށާއި އެކަމުގެ ގެއްލުން ރާއްޖޭގެ އިސްތިސާދަށް ކުރާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އަދި ވިދާޅުވީ މާލޭގައި ހަށިވިއްކާ ތަންތަން ބަންދުނުކޮށް ޕްރޮފެޝަނަލް ގޮތަކަށް ހިންގާ ސްޕާ ބަންދުކުރަން ސަރުކާރުން އެންގީ ސިޔާސީ ބޭނުމެއްގައި ކަމަށް ގަބޫލްކުރެވޭ ކަމަށާއި ރާއްޖޭގައި އެހެނިހެން ރިސޯރޓްތަކުގައި ވެސް ސްޕާ ހިންގާ ކަމަށާއި ހަމައެކަނި ގާސިމް އިބްރާހިމްގެ ރިސޯޓްގެ ސްޕާ ބަންދުކުރަން އަންގާފައި ވަނީ މިސަރުކާރުން ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

އަދި ސަރުކާރުން ގާސީމްގެ ރިސޯޓްގެ ސްޕާ ބަންދުކުރަން އެންގި އެންގުން ހަރުކަށި އިބާރާތުން ޑިއާރްޕީގެ ފަރާތުން ކުށްވެރި ކުރާކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.