27 Jun 2010, 15:34
19:00
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުގެ އެގްރީމެންޓްގައި ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބާއްވަން އޮތް ރަސްމިއްޔާތު އެންމެ ފަހު ވަގުތު ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.
ސަރުކާރުން ހުޅުވާލި ފުރުސަތުގައި، އެއާޕޯޓަށް ބިޑްކުރި ތިން ކޮންސޯޓިއަމްގެ ތެރެއިން ސަރުކާރަށް އެންމެ ގިނަ ފައިސާ ދޭން ނިންމި ޖީއެމްއާރާއެކު އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް، މިއަދު މެންދުރު ދެގަޑިބަޔަށް މީޑީޔާތަކަށް ދިން ދައުވަތަށް ރައީސް އޮފީހަށް ދިޔައިރު، އެގްރީމެންޓްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަނަންވާ ދެ ފަރާތުގެ އިސް ބައެއް ވެރިން ވެސް އެ ރަސްމިއްޔާތު ބޭއްވުމަށް ތައްޔާރުކޮށްފައިވާ މާލަމުގައި ތިއްބެވި އެވެ.
ނަމަވެސް ރަސްމިއްޔާތު ނުފެށި، ދިގުދެމިގެންގޮސް ތިނެއްޖެހުމާ ކައިރިވުމުން، ތިންގަޑި ބަޔަށް އެ ރަސްމިއްޔާތު ފަސްކުރިކަން ޕްރެސް ސެކްރެޓަރީ އިއްލާން ކުރެއްވި އެވެ. ނަމަވެސް އެ ގަޑީގައިވެސް، ރަސްމިޔާތު ނުފެށި ވަގުތުކޮޅެއް ދިއުމަށްފަހު، ރަސްމިއްޔާތުގައި، ސޮއިކުރަން ބޭނުންވާ ބައެއް ޑޮކިއުމެންޓްތައް ނުނިމިގެން މަދު ގަޑިތަކަކަށް ސޮއިކުރުން ފަސްކުރީ ކަމަށް، ރައީސް އޮފީހަށް ހާޒިރުވެތިއްބެވި ބޭފުޅުންނާ މުހާތަބު ކުރައްވައި ސިވިލް އޭވިއޭޝަން މިނިސްޓަރު އަދި ޕްރައިވެޓައިޒޭޝަން ކޮމިޓީގެ ޗެއާމަން މަހްމޫދު ރާޒީ އިއްލާން ކުރެއްވި އެވެ.
މަހްމޫދު ރާޒީ އެކަން އިއްލާން ކުރެއްވިއިރު، ސޮއިކުރުން ބޭއްވުމަށް ތައްޔާރުކޮށްފައިވާ ބޭޒުމަތީގައި އެކަމަށް ތައްޔާރުކޮށްފައިވާ ދެ ޑޮކިއުމެންޓް ސޮއިކުރުމަށް ތައްޔާރުކޮށްފައި ވަނިކޮށް ފެނިފައިވެ އެވެ. އަދި އެކަމުގައި ދިވެހި ސަރުކާރާއި އިންޑިޔާގެ ޖީއެމްއާރު ކުންފުނީގެ އިސް ބައެއް ވެރިން އެއް ބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކަވައި މަޝްވަރާކުރައްވަނިކޮށް ނޫސްވެރިންނަށް ފެނިފައިވެ އެވެ.
ބައެއް ފަރާތަކުން ބުނަނީ، މި އެއްބަސްވުމުގައި ސޮއިކުރުން ކެންސަލްކުރީ، މި އެގްރީމެންޓްގައި ސޮއިކުރުމާ މެދު، މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީގެ ބޯޑު މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން ކަމަށެވެ. މިކަހަލަ ކަމަކަށް މުޅި ބޯޑު އިއްތިފާގުވާންޖެހޭނެ ކަމަށް އެ ބޯޑުގެ ގަވައިދުގައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެއާއެކު ސަރުކާރުން ވަނީ އެ ބޯޑަށް ބަދަލު ގެނެސް، އާ ބޯޑެއް އެކުލަވާލައިފައި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މިކަން ވަނީ ރައީސް އޮފީހުން ކަށަވަރުނުވެފަ އެވެ.
މި އެގްރީމެންޓްގައި ސޮއިކުރުމަށް ރައީސް އޮފީހުން، ކުރިން ހަމަޖައްސާފައި އޮތީ އަންނަ ބުދަ ދުވަހެވެ.
އެއާޕޯޓް ބޭރުގެ ފަރާތަކަށް ދިނުމާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ސޮއިކުރައްވައި ރޭ ވަނީ ގަރާރެއް ވެސް ނެރެފަ އެވެ.