19 May 2020, 14:11
ކޮވިޑް19އަށް ޓެސްޓްކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުން ނަގާ ސާމްޕަލްތައް ނެގުން އަވަސްކުރުމަށް ބަގީ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އެކަމުގައި ހަރަކާތްތެރިވާ އެންއޯއީސީގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އިން ބުނެފި އެވެ.
އަލާމާތް ފެންނަ އަދި ބަލިޖެހުނު މީހަކާ ކޮންޓެކްޓްވެފައިވާ އެތައް ބައެއްގެ ސާމްޕަލް ނުނެގި ގިނަ ދުވަސް ވަމުން އަންނަ ކަމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅު ކުރަމުންނެވެ.
ދަރުބާރުގޭގައި ގާއިމްކޮޮށްފައިވާ އެންއޯއީސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާރުއާރުޓީގެ ކްލަސްޓާ ހެޑް އަބްދުލް ހަމީދު ވިދާޅުވީ، ސާމްޕަލް ނެގުމުގައި 72 ގަޑި އިރުގެ ލަސްވުމެއް އުޅޭ ކަމަށާއި ސާމްޕަލް ނެގުން ވީހާވެސް އަވަސް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސާމްޕަލް ނެގުމުގައި ދިމާވާ އެންމެ ބޮޑު އެއްދައްޗަކީ މާލޭގެ ހަނި ގޯޅިތަކަށް އެމްބިއުލަންސް ވެއްދުމުގައި ދިމާވާ ދަތިތައް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ސާމްޕަލް ނަގަން ދާ ޓީމުތައް މާލޭގެ އެކި ސަރަހައްދުތަކަށް ދިޔުމަށް ބަގީ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަނި ހަނި ގޯޅިތަކަށް ވަނުމަށް ދަތިވޭ. އެ ގޯޅިތަކަށް ވަނުމަށް ބަގީ ހޯދިފައި މިހާރު ވަނީ. އެހެންވީމަ ސާމްޕަލް ނެގުމަށް ކުދި ގޯޅިތަކަށް ބަގީގައި ވަނުމަށް މަސައްކަތް ރެޑީފައި މި ތިބީ،" ހަމީދު ވިދާޅުވި އެވެ.

އާރްއާރްޓީގެ ކްލަސްޓާ ހެޑް އަބްދުލް ހަމީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ އެންއީއޯސީ
ހަމީދު ވިދާޅުވީ، އިއްޔެ މޫސުން ތަން ނުދިނުމުގެ ސަބަބުން ބަގީގައި ދަތުރުކޮށް ސާމްޕަލް ނެގުން ނުފެށުނު ކަމަށާއި ނަމަވެސް މިއަދު މޫސުން ތަން ދީފި ނަމަ، ބަގީގައި ގޮސް ސާމްޕަލް ނެގުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. މީގެ އިތުރުންވެސް ބެކްލޮގް ފިލުވުމަށް ކުރާ އެހެން ކަންތައްތައްވެސް ހަމީދު ހިއްސާ ކުރެއްވި އެވެ.
"ދެން މިހާރު ސާމްޕަލް ނެގުމަށް ގެއަށް ގޮސް އަޅުގަނޑުމެން އެބަ ރިކުއުސްޓް ކުރަން ތިރިއަށް ވަޑައިގެންނެވޭ ބޭފުޅުންނަށް ގޭގެ ތިރީ ފްލޯއަށް ވަޑައިގަތުމަށް. އޭރަށް އަޅުގަނޑުމެންނަށް ވަރަށް ގިނަ ވަގުތު ސަލާމްތްވެވުނީ. އެހެންވީމަ މިހާރު އަޅުގަނޑުމެން ސާމްޕަލް ނަގަން ގުޅާއިރު، ރިކުއެސްޓްކޮށްލާނެ ތިރިއަށް ވަޑައިގެންނެވޭނަމަ، ތިރިއަށް ވަޑައިގަތުމަށް،" ހަމީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވި ގޮތުގައި އެކަމަށް އާންމުންގެ އެއްބާރުލުންވެސް ލިބޭ ކަމަށެވެ. އެއާއެކު ސާމްޕަލް ނެގުމުގެ މަރުހަލާ ވަރަށް ބޮޑަށް އަވަސް ވެގެންދާ ކަމަށް ހަމީދު ވިދާޅުވި އެވެ.
ސާމްޕަލް ނެގުމުގައި ގޮންޖެހުންތަކެއް އަބަހުރި ކަމަށާއި އެ ގޮންޖެހުންތަކާއެކުވެސް އާރުއާޓީން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މަސައްކަތް ކުރެވޭތޯ ކަމަށް ހަމީދު ވިދާޅުވި އެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ކޮންމެ ގެއަކަށް ސާމްޕަލް ނެގުމަށް ވަނުމަށް ފަހު، އެހެން ގެއަކަށް ވަންނަ އިރު ޕާސަނަލް ޕްރޮޓެކްޝަން އިކުޕްމަންޓް (ޕީޕީއީ) ބަދަލު ކުރަން ޖެހުމާއި، މާލޭގެ ގެތަށް ހުންނަ ގޮތުން އެ ސަރަހައްދުތަކަށް ވާސިލްވުމުގެ ދިމާވާ ދަތިތައް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ގެނައި ދެ ބަދަލާއެކު އެ ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ގެއަކަށްވަދެފައި ބަލި ހުރި މީހަކަށް އެޓެންޑުކޮށްފައި ހުރެދާނެ. އެ ހުރިގޮތަކަށް އެހެން މީހަކަށް އެޓެންޑެއް ނުކުރެވޭނެ. އެހެންވީމާ އެބަޖެހޭ ޕީޕީއީ ބަދަލު ކުރަން،" ހަމީދު ވިދާޅުވި އެވެ.
ޕީޕީއީ ބަދަލުކޮށްގެން، ސާމްޕަލް ނަގަން ޖެހޭތީ ކޮންމެ ޓީމަކަށް ވެސް އެ މަސައްކަތް ކުރެވޭނީ ވަކި އަދަދަކަށް ކަމަށް ހަމީދު ވިދާޅުވި އެވެ. އެ ހިސާބުން ދެން މަސައްކަތަށް ނިކުންނާނީ އެހެން ގްރޫޕެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ މިދުވަސްވަރު ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ވިއްސާރުވުމުގެ ސަބަބުން ކަމަށެވެ. އެގޮޮތުން މި ދުވަސްވަރު އެއް ގެއިން އަނެއް ގެއަށް ސާމްޕަލް ނެގުމަށް ދިޔުން ވަރަށް ބޮޑަށް ދަތިވެފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ހާއްސަކޮށް ޕީޕީއީގެ ރައްކާތެރިކަން، މީހާގެ ރައްކާތެރިކަމަކީ ވަރަށް މުހިންމު ކަމެއް. ޕީޕީއީ ތެމިއްޖެނަމަ އެއީ ވަރަށް ބޮޑަށް އިންފެކްޝަނަށް ހުޅުވާލެވޭ ކަމެއް. [އާރުއާރުޓީގެ ބޭފުޅުން] ނުރައްކާތެރިކަމަށް އެ ވެއްޓެނީ،" ހަމީދު ވިދާޅުވި އެވެ.
މިއީ ރިސްކް ބޮޑު މަސައްކަތެއް ކަމަށާއި އާރުއާރުޓީގެ މެމްބަރުން އެ މަސައްކަތް ކުރައްވަނީ ވަރަށް ހިތްވަރާ އެކު ވަރުބަލިކަމެއް ނެތި ކަމަށް ހަމީދު ވިދާޅުވި އެވެ. މި މަސައްކަތުގެ ބާވަތުގެ ގޮތުން ވަރަށް ބޮަޑަށް މީހުން ލިބުމުގައި ދަތިތައްވެސް އުޅޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ރާއްޖެއިން މިހާތަނަށް 10،000 ވުރެ ގިނަ ސާމްޕަލް ނެގުނު އިރު ނަތީޖާ ނުލިބޭ ސާމްޕަލްތަގެ އަދަދަކީ 400 އެއްހާ ސާމްޕަލެވެ. މިހާތަނަށް ޕޮޒިޓިވްވާ މީހުންގެ އަދަދަކީ، 1،106 މީހުންނެވެ.