19 May 2020, 13:35
ކޮވިޑް ރޯގާއާ ގުޅިގެން ހުއްޓާލާފައި އޮތް ގައުމީ ޔުނިވަސިޓީގެ ކިޔެވުން މިމަހުގެ 31 ގައި ފަށަން ނިންމާފައިވާ ކަމަށް އެ ޔުނިވަސިޓީއިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު މުހައްމަދު ޝަރީފު ވިދާޅުވީ 31 މާޗުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ މަސައްކަތްތައް ފަށަން ނިންމާފައިވާ ކަމަށެވެ.
އޮންލައިންކޮށް ކިޔަވައިދިނުމަށް މާބޮޑު ދަތިތަކެއް އެ ޔުނިވަސިޓީއަށް ކުރިމަތި ނުވާނެކަމަށް ވައިސް ޗާންސެލަރު ފާހަގަކުރެއްވި އެވެ.
"ޔުނިވަސިޓީއަކީ ދުރުންދޭ ތައުލީމަކަށް ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން ކިޔަވައިދޭކަށް ބީރައްޓެހި ތަނެއް ނޫން. ގާތްގަނޑަަކަށް މީގެ 22 އަހަރު ކުރިން ޔުނިވަސިޓީގައި ދުރުންދޭ ތައުލީމު ފަށައިފި. އެހެންވީމަ އަޅުގަނޑުމެންނަކަށް އެގޮތަށް ބަދަލުކޮށްލުމުގެ އަނެއްހެން މާބޮޑު ދަތިތަކެއް ނުހުންނާނެ." ޑރ މުހައްމަދު ޝަރީފު ވިދާޅުވި އެވެ.
އެހެންނަމަވެސް ޕްރެކްޓިކަލް ގިނަ މާއްދާތަކެއް ހުރުމުން ހުރިހާ މާއްދާއެއް އޮންލައިންކޮށް ކިޔަވައިދޭ މާއްދާތަކަކަށް ބަދަލުކުރުމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުންނާނެކަމަށް ޝަރީފު ވިދާޅުވި އެވެ. އެކަމަށް ވަގުތުތަކެއް ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގައުމީ ޔުނިވަސިޓީގެ އެކަޑެމިކް ކަލަޑަރުން ހަތް ހަފްތާ މިހާރުވެސް ގެއްލިފައިވާ ކަމަށް އެ ޔުނިވަސިޓީއިން ބުންޏެވެ. އެއީ ކިޔަވައިދިނުމުގެ ވަރަށް ބޮޑު ބައެއް ގެއްލުން ކަމަށްވެސް ބުންޏެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ގައުމީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ކޮވިޑް19 ގެ އެކި މަސައްކަތްތަކުގައި ޔުނިވާސިޓީގެ 1،300 އަށްވުރެ ގިނަ ދަރިވަރުންނާއި މުވައްޒަފުން ހަރަކާތްތެރިވަމުން ދާކަމަށެވެ. އަދި އެންމެ ކުރީސަފުގައި ހަރަކާތްތެރިވާ މީހުންގެ ތެރޭގައިވެސް އެމްއެންޔޫގެ ދަރިވަރުންނާއި މުވައްޒަފުން އުޅޭކަމަށް ވިދާޅުވިއެވެ.