19 May 2020, 15:01
ކޮވިޑް19 އާ ގުޅިގެން ކ. ވިލިވަރުގައި ތަރައްގީކުރި އައިސޮލޭޝަން ފެސިލިޓީގެ މަސައްކަތް ނިންމައި ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމާލުމާ އެކު އެތަނުގައި ބަލިމީހުންނަށް 218 އެނދު ހުންނާނެ ކަމަށެވެ. އެއާކޮންޑިޝަން ތިން ޓެންޓާ އެކު ގާއިމްކުރި އެ ފެސިލިޓީގައި 20 ފާހާނާ އަދި ފެންވަރަން ހާއްސަ 29 ޝަވަރާ އެކެ އެވެ.
އެ ތަންތަން ތަރައްގީކޮށްފައި ވަނީ ބިދޭސިންނަށް ހާއްސަކޮށްގެންނެވެ.
ވިލިވަރުގައި އެންމެ ފުރަތަމަ ތަރައްގީކޮށްފައިވަނީ 30 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީ އެކެވެ. ނަމަވެސް އެކިސަބަބުތަކާހުރެ އެތަން ބޭނުންކުރުން ހުއްޓާލި އެވެ.
ދެވަނަ ފޭސް ތަރައްގީކުރި އިރު ވިލިވަރުގައި މަސައްކަތްކުރާ ސްޓާފުންނާއި މެޑިކަލް ފެސިލިޓީގެ ގޮތުގައި ބޭނުން ކުުރުމަށް އިތުރު 30 ކޮޓަރި ހުންނާނެ އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމުމުގައި ފެނަކަ ކޯޕަރޭޝަނުގެ ބޮޑުއެހީތެރިކަމެއް ލިބުނު ކަމަށެވެ.

ވިލިވަރު ކަރަންޓީނު ފެސިލިޓީ --- ފޮޓޯ: ޓޫރިޒަމް
ސާދަ ދުވަހުގެ ތެރޭގައި ވިލިވަރު އެކްސްޓެންޝަން ޕްރޮޖެކްޓު ނިންމައި އެންޑީއެމްއޭ އާ ހަވާލު ކުރިއިރު، ޓޫރިޒަމް މިނިސްޓަރު އަލީވަހީދާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ވިލިވަރަށް ވަޑައިގެން އެތަން ބައްލަވާލައްވައިފަ އެވެ.

ވިލިވަރު ކަރަންޓީނު ފެސިލިޓީ -- ފޮޓޯ: ޓޫރިޒަމް
ރާއްޖެއިން މިހާތަނަށް 1106 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ 399 ދިވެހިންނާއި 707 ބިދޭސިންނެވެ. މިހާތަނަށް ރާއްޖެއިން 80 މީހުން ބަލިން ރަނގަަޅުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކައެވެ.
ކޮވިޑް19 އާއި ގުޅިގެން ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ގިނަ އަދަދެއްގެ ރިސޯޓުތައް ދަނީ ބޭނުން ކުރަމުންނެވެ.