19 May 2020, 13:23
ވޮޝިންޓަން (މެއި 19): ކޮވިޑް-19 ބަލި ޖައްސާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މެލޭރިއާ ބޭސް ހައިޑްރޮކްސިކްލޮރޮކުއިން ބޭސް ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން އިއްޔެ ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ކުރައްވާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
"އަޅުގަނޑު ހައިޑްރޮކްސިކްލޮރޮކުއިން ބޭނުން ކުރަން. އަޅުގަނޑު އެ ބޭސް ބޭނުން ކުރާތާ ހަފްތާއަކާއި ބައި ވެދާނެ. ކޮންމެ ދުވަހަކު އެއް ބޭސް ގުޅަ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ އެ ބޭސް ބޭނުން ކުރައްވަނީ އިންފެކްޝަނުން ރައްކާތެރިކޮށްދޭ އެންޓިބަޔޮޓިކްއެއް ކަމަށްވާ އަޒިތުރޮމައިސިން އާއި ޒިންކްއާ އެއްކޮށެވެ. އަދި އެ ބޭސް ބޭނުން ކުރުމަށް ވައިޓް ހައުސްގެ ޑޮކްޓަރު ހުއްދަ ދެއްވިތޯ ނޫސްވެރިން ސުވާލު ކުުރުމުން ޓްރަމްޕް ވަނީ އެ ބޭސް ބޭނުން ކުރަން އެދުނީ އަމިއްލައަށް ކަމަށާއި އެހެންކަމުން ޑޮކްޓަރު ބޭސް ދެއްވަން އެއްބަސްވީ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑަށް ބުނެވެން އޮތީ އަޅުގަނޑުގެ ހާލު އަދިވެސް ރަނގަޅޭ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އެފަދައިން ވިދާޅުވި ނަމަވެސް، ހައިޑްރޮކްސިކްލޮރޮކުއިން އަކީ އާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ނުވަތަ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ބޭހެއްކަން ދޭހަވާ ސައިންޓިފިކް ހެއްކެއް އަދި ފެނިފައި ނުވެ އެވެ.
މީގެ އިތުރުން މިދިޔަ މަހު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަނީ ހައިޑްރޮކްސިކްލޮރޮކުއިންއަކީ ކޮވިޑް-19އިން ރައްކާތެރިވުމަށް ނުވަތަ ފަރުވާ ދިނުމަށް ރަނގަޅަށް މަސައްކަތް ކުރާ އަދި ރައްކާތެރި ބޭހެއްކަން އަދި ޔަގީންވެފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި ކޮވިޑް-19 ހުންނަ މީހުން އެ ބޭސް ބޭނުން ކުރުމުން ހިތުގެ ވިންދު ޖެހުމަށް ބަދަލު އަންނަ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން އެފްޑީއޭއިން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ހޮސްޕިޓަލުން ބޭރުގައި އެ ބޭސް ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
އެމެރިކާގެ ވެޓެރަންސް ހެލްތް އެޑްމިނިސްޓްރޭޝަންގެ މެޑިކަލް ސެންޓަރުތަކުގައި ހައިޑްރޮކްސިކްލޮރޮކުއިންއާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ވަނީ، ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ބޭސް ބޭނުން ކުރި މީހުންނާއި ބޭސް ބޭނުން ނުކުރާ މީހުންގެ ފަރާތުން ވަކި ތަފާތެއް ނުފެންނަ ކަމަށް ދައްކާފަ އެވެ.