މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތުން ރާއްޖެއަށް އަވަސް މުސްތަގުބަލެއްގައި އަރައިގަނެވޭނީ ހުރިހާ ރައްޔިތުން ކެތްތެރިކަން އިސްކޮށްގެން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ވައިރަސް ރާއްޖޭގައި ކޮންޓްރޯލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީއަށް ބަލައި ގުދު ފަތިކުރުމަށްޓަކައި ގިނަ ކަންތައްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ވައިރަސް ފެތުރުން މަދުކުރުމަށްޓަކައި ފުރަބަންދު އިއުލާނުކޮށްފައި އޮތުން ހިމެނެ އެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގައި މިއޮތް ހާލަތުން އަވަހަށް އަރައިގަނެވޭނީ ރައްޔިތުންގެ ކެތްތެރިކަން އިސްކުރުމާއެކު އެއް ރޫހެއްގައި އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އާދައިގެ ހާލަތެއްގައި ނަމަ ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ހުންނާނީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް ދަށުގައި ކަމަށެވެ. އެއާއެކު ރާއްޖެއިން ކޮވިޑް-19 ފެނުނު ނަމަވެސް މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ މިންވަރަށް ބަލާއިރު ރާއްޖޭގެ ސިއްހީ ނިޒާމަށް ކަތާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެހެންނަމަވެސް ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެ ޕޮޒިޓިވްވާ ކޭސްތައް އިތުރު ވާނަމަ ސިއްހީ ނިޒާމު ކެޕޭސިޓީއަށްވުރެ ބަލިމަޑުކަން އިތުރުވުމަކީ ވެދާނެ ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރި އެވެ.

އެހެންކަމުން މިހާރު މަސައްކަތްކުރަމުން ދަނީ ވައިރަސް ޖެހޭ މިންވަރު ކުޑަކޮށް، ކެޕޭސިޓީއަށް ނުކަތާ ވަރަށް ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ގުދުފަތި ކުރުމަށްޓަކައި ސަރުކާރުން ވަނީ އިޖުތިމާއީ ގައިދުރުކަން ހިޔާރުކޮށް ގޭގައި ތިބުމަށާއި އެއް ރަށުން އަނެއް ރަށަށް ދިޔުމަށް މަނާކުރުމަށް ނިންމާފަ އެވެ. އޭގެ އިތުރުން އާންމުން އެއްވެ އުޅޭ ތަންތައް އެއްކޮށް ބަންދުކޮށް ސްކޫލުތައް ފަދަ ތަންތައް ވެސް ވަނީ އެ ސަބަބަށްޓަކައި ބަންދުކޮށްފަ އެވެ.