19 May 2020, 12:17
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަން މިހާރު ހުއްޓިފައި އޮތުމުން އަދި ލަފާކުރުންތަކަށް ބަލާއިރު މިއަހަރުގެ ތެރޭ ފަތުރުވެރިކަމުން އެއްވެސް އާމްދަނީއެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް މޯލްޑިވްސް އެސޯސިއޭޝަޝަން ފޯ ޓުއަރިޒަމް އިންޓަސްޓްރީ (މަޓީ) އިން ބުނެފި އެވެ.
މަޓީއިން އެހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން މައުލޫމާތު ސާފު ކުރުމުންނެވެ. އެ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައިވަނީ ޓުއަރިޒަމް ފޯކާސްޓް އެކުލަވާލުމާ ބެހޭގޮތުން އެ ކޮމިޓީއިން ފަތުރުވެރިކަމާ ގުޅުން ހުރި މުއައްސަސާތަކާއި ޖަމިއްޔާތަކާ ބައްދަލުކޮށް އަދި ލިޔުމުން މައުލޫމާތު ހޯދާފައިވާ ކަމަށެވެ.
އެގޮތުން މަޓީއިން ކޮމިޓީއަށް މައުލޫމާތު ދެމުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާއި މި ބަލިމަޑުކަމުގައި ހާލަތު މިގޮތަށް އޮއްވާ ޓްރެވަލް ކޮންފިޑެންސް ލިބި އާންމު ހާލަތައް އައުމަކީ ނާދިރުކަމެއް ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ކޮމިޓީއިން ވަނީ ބުނެފަ އެވެ.
"މި އަހަރު ނިމުމުގެ ކުރިން ކޮވިޑް -19 ރޯގާއަށް ވެކްސިނެއް އުފެއްދިގެން އޭގެ ސަބަބުން ޓޫރިޒަމް އާންމު ހާލަތައް އަންނާނެކަމަށް ނުފެންނާތީ އާއި އަދި ސޯސް މާކެޓްތަކުގައި މި ބަލީގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތަކަށް ބަލައި މި އަހަރުގެ ބާކީ މިއޮތް ދުވަސްތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީއެއް ލިބޭނެކަމަށް އުއްމީދު ނުކުރެވޭކަމަށާއި ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފިއުޗާ ރެވެނިއު ފޯކާސްޓް މި ދަނޑިވަޅުގައި ހެދިދާނެކަމަށް ނުބެލެވޭ ކަމަށް (މަޓީ) އިން މައުލޫމާތު ދީފައިވެ އެވެ" ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމްސް) އިން ކޮމިޓީގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން މިހާރު އޮތް ހާލަތާއި ގުޅިގެން ގެސްޓް ހައުސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 28.9 މިލިއަން ޑޮލަރުގެ ގެއްލުން ގެސްޓްހައުސް ވިޔަފާރިއަށް ވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ގޭމްސްއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ ފަތުރުވެރި ކަމާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން (އެމްއެމްއޭ)އިން ވަނީ ހަތަރު ހާލަތެއް ލަފާކޮށްފަ އެވެ. އޭގެ ތެރެއިން މިހާރު ބެލެވެނީ ހަތަރު ވަނަ ހާލަތް ނޫނީ ސެޕްޓެމްބަރު މަސް ނިމެންދެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލާފައި އޮތުމެވެ. މި ހާލަތުން އަންދާޒާ ކުރެވެނީ މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ، 2019 ވަނަ އަހަރާ އަޅާބަލާއިރު 7.7 ޕަސެންޓްއިން ދަށްވާނެ ކަމަށެވެ.
މީގެ އިތުރުން، އެންމެ ގޯސް ހާލަތުގައި މިއަހަރު ރާއްޖޭގެ ޖީޑީޕީ، މިދިޔަ އަހަރާ އަޅާބަލާއިރު 7.17 ޕަސެންޓްއިން ދަށްވާނެކަމަށް ވެސް ލަފާކުރެވޭކަމަަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ސިނާރިއޯ 4:
- 2020 ސެޕްޓެމްބަރުގެ ނިޔަލަށް އޮން އަރައިވަލް ވިސާ ދޫ ނުކުރާނެ.
- އޮންއަރައިވަލް ވިސާ އަލުން ދޫކުރަން ފަށާ ފަހުން ތިން މަހުގެ ރިކަވަރީ މުއްދަތެއް.
- ވައިރަސް ފެތުރުމުގެ ސަބަބުން ޓްރެވަލް ރެސްޓްރިކްޝަން ލެވުނު މާކެޓްތަކުގެ ރިކަވަރީ 97 އިންސައްތައިން ދަށްވާނެ ކަމަށް.
- އެހެނިހެން ގައުމުތަކުގެ ރިކަވަރީ ފަސް އިންސައްތައިން ދަށްވާނެ. އޮގަސްޓުގެ ނިޔަލަށް ސުން އިންސައްތައިގެ ކުރިއެރުން.
- ރިކަވަރީ މުއްދަތަށްފަހު ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު މަހުން މަހަށް އިތުރުވަމުންދާނެ.
ފަަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވާ ސިނާއަތަށްވާއިރު، ކޮވިޑް -19 ރޯގާގެ މި ދަނޑިވަޅުގައި އެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާއެކު އެ ސިނާއަތަށް ވާނެގޮތުގެ ފޯކާސްޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހެދިފައި ނުވާކަމަށް ކޮމިޓީއަށް ފާހަގަކުރެވޭތީ، ޓޫރިޒަމް ސިނާއަތުގެ ފޯކާސްޓްތަކެއް ސަރުކާރުން އަވަހަށް ހަދައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ކޮމިޓީއިން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ވަރުގެ ފޯކާސްޓެއް ހެދުމަށް ގައުމީ ޔުނިވަސިޓީއާ ހަވާލުކުރުމަށް ވެސް ކޮމިޓީއިން ނިންމާފައިވެ އެވެ.