19 May 2020, 11:01
ރެސްޓޯރަންޓަކަށް މެންދުރުގެ ނުވަތަ ރޭގަނޑު ކެއުމަށް ގޮއްސިނަަމަވެސް އެންމެ އަވަހަށް ކޮންއެއްޗެއްތޯ ހުރީ ބަލާލެވޭ އެއް ސެކްޝަނަކީ ޕާސްތާއެވެ. ކްރީމީ ޗިކަން އަލްފްރެޑޯ އާއި ސްޕެގެޓީ ބޮލޮގްނީސް ނުވަތަ ކާބޮނާރާ ވިޔަސް މައްސަލައެއްނެތެވެ. ގޭގަ ފަސޭހައިން އަވަހަށް އެއްޗެއް ތައްޔާރުކޮށްލަން ބޭނުންވިޔަސް ޓޫނާ، ކުކުޅު ނުވަތަ ބީފްކޮޅަކާއި އެއްކޮށް ޗީޒް އެޑް ކޮށްލައިގެންވެސް ހަމަ ޕާސްތާ ވަރެއް ނެތެވެ. ދިވެހިންގެ ތެރޭގައި އިޓަލީގެ މި މީރު ރަހަ ގަދައެވެ.
ލޮކްޑައުންގައިވެސް އަހަރެމެން މިދަނީ ރޯދަ ސުފުރާއަށް އުނިކަން ނާންނާނެ ފަދައިން ތަފާތު ކާބޯތަކެތި ކުޑަހަރަދަކުން ތައްޔާރުކުރާނެގޮތް ހޯދާ ބަލާ އެކްސްޕެރިމަންޓްކުރަމުންނެވެ.
ޕާސްތާ ތައްޔާރުކޮށްލަން ބޭނުންވެ، ފިހާރައިން ޑެލިވަރީ ލަސްވެގެން މިހާރު ހާސްވާކަން ނުޖެހޭނެއެވެ. އެލީޝާ އަހުމަދު (ނޮނާ) މިއަދު އަހަރެމެންނާ ހިއްސާކޮށްލީ މިކަމުގެ ފަރުވާއެވެ. "ސްކްރެޗް" އިން ޕާސްތާ ތައްޔާރުކުރާނެގޮތެވެ. ޚަރަދުވެސް އެހާމެ ކުޑަ ރެސިޕީއެކެވެ.
ބޭނުންވާތަކެތި:
2 ޖޯޑު ރަނގަޅު ކޮލިޓީ ފުށް (އެވްރެން ބްރޭންޑްގެ ފުށް ބޭނުންކުރެވިދާނެ)
- 2 ބިހުގެ ގޮބޮޅި
- 2 ބިސް
- 1 ސައިސަމުސާ ލޮނު
- 2-3 މޭޒުމަތީ ސަމުސާ ފެން (ފިނި)
ތައްޔާރުކުރާނެގޮތް:
ހެޔޮވަރު ސައިޒެއްގެ ބޯތައްޓެއް ޕާސްތާ ފުށްގަނޑު މޮޑެެން ތައްޔާރުކޮށްލާށެވެ. 2 ޖޯޑު ފުށް، ސައިސަމުސަލެއްގެ ލޮނު އަދި 2 ބިހާއި 2 ބިހުގެ ގޮބޮޅިވެސް އެއްކޮށް ރަނގަޅަށް މޮޑެލާށެވެ.
މި ރެސިޕީ ތައްޔާރުކުރުމަށް ނޮނާ ބޭނުންކޮށްފައިވަނީ އެވްރެން ބްރޭންޑްގެ ފުށެވެ. ލޮޓަސް ފިހާރައިން މި ބްޜޭންޑްގެ ފުށް ލިބެންހުރިއިރު މިއީ އަގުވެސް ހެޔޮ ބާވަތެކެވެ.
ޕާސްތާ ފުށްގަނޑު އެންމެ ބޭނުންވާގޮތަށް ތައްޔާރުކުރުމަށްޓަކައި އެކަމަށް ވަގުތުދީ، ރަނގަޅަށް މޮޑުމަށް ޚާއްސަ ސަމާލުކަމެއްދޭންވާނެއެވެ. ފުށްގަނޑު ތައްޔާރުކުރުމަށް މޮޑެމުން ގެންދާއިރު ރަނގަޅަށް އެއްނުވަނީހެން ހީވެ މާޔޫސްނުވާށެވެ. ވީޑިއޯ އިން ފެންނަގޮތަށް ނޮނާވެސް ފުށްގަނޑު އެންމެ ބޭނުންވާގޮތަށް މޮޑުމަށް ގިނަވަގުތު ހޭދެވެއެވެ.
ފުށްގަނޑު ތައްޔާރުކުރުމަށް އަޅާފައިވާ ބާވަތްތައް ރަނގަޅަށް މިކްސްވުމުން 2-3 މޭޒުމަތީ ސަމުސާ ފެން އަޅާ އަދިވެސް ރަނގަޅަށް މޮޑެމުން ގެންދާށެވެ. މިކްސްއަށް ފެން އަޅާނީ ފަހަރަކު ސަމުސަލެއްގެ ރޭޓުން ރަނގަޅަށް މޮޑެ އެއްކުރަމުންނެވެ. ނޮނާ އަންގަނީ މޮޅު، ރަނގަޅު "ހޯމްމޭޑް" ޕާސްތާ ފުއްގަނޑެއްގެ ސިއްރަކީ، "ކްނީޑް، ކްނީޑް، ކްނީޑް" ކަމަށެވެ.
ފުށްގަނޑު މޮޑެނިމޭއިރު ކުޑަ ކުރަކިކަމެއް ނުވަތަ "ކްރަމްބްލްޑް" ހެން ހީވެދާނެއެވެ. ހާސްނުވާށެވެ. ކްލިންގ ފިލްމް ނުވަތަ ޕްލާސްޓިކް ރެޕް އިން ފުށްގަނޑު ރަނގަޅަށް ކަވަރ ކޮށްލާފައި 30 މިނިޓް ބަހައްޓާށެވެ. އޭރުން އެކަމަށް ހައްލެއް ލިބޭނެއެވެ. އަދި ފުށްގަނޑު ރަނގަޅަށް ޕްރޫފްވެސް ކޮށްލެވުނީއެވެ.
30 މިނިޓް ފަހުން ފުށްގަނޑުން ކްލިންގ ފިލްމް ނައްޓާލާއިރު، ފުށްގަނޑު ކުރިއަށްވުރެ މަޑުވެ ފޯމް ވާން ފަށައިފިކަން ފާހަގަކުރެވޭނެއެވެ.
ޕާސްތާ ހެދުމަށް ފުށްގަނޑު ދަމާ ބޯޑު ނުވަތަ މޭޒުމަތި ރަނގަޅަށް ސާފުކޮށްލާ ފުށްކޮޅެއް ބުރުވާލާށެވެ. އަދި އެއަށްފަހު، ހަތަރު ބަޔަށް ފުށްގަނޑު ބަހާލާށެވެ.
ޕާސްތާ ތައްޔާރުކުރުމަށް ދަމާނީ ފަހަރަކު ބައެއް ކަމުން އަނެއް ތިންބައި ބޯތައްޓެއް ފަދަ އެއްޗަކަށް ލުމަށްފަހު ފޮތިގަނޑަކުން ރަނގަޅަށް ކަވަރ ކޮށްލާށެވެ. އެހެންނޫނީ މާބޮޑަށް ފުށްގަނޑު ހިކި ނުވަތަ ޑްރައިވެދާނެއެވެ.
ފުށްގަނޑު ބައިކޮށްލުމަށްފަހު ބޭނުންކުރާ ކުއާޓަރ ދަމަން ފެށުމުގެ ކުރިން އަނެއްކާވެސް ވީޑިއޯއިން ފެންނަގޮތަށް "ކްނީޑް" ކޮށްލާށެވެ.
އެއަށްފަހު ރޮށިދަމާ ކަހަލަ ރޯލާއަކުން ދަމާލާށެވެ. އާދައިގެ ރޮއްޓަކަށް ނުވަތަ ޕިއްޒާ ހަދަން ތައްޔާރުކުރާ ފުށްގަނޑަކަށްވުރެވެސް ބޮޑަށް ޕާސްތާ ހެދުމަށްޓަކައި ފުށްގަނޑު ދަމަންޖެހޭނެއެވެ. އެއަށްފަހު ވީޑިއޯ އިން ފެންނަގޮތަށް ފުށްގަނޑު ހަތަރެސްކަން ބައްޓަމަށް ފައްޖަހާލާށެވެ. އެއަށްފަހު އަދިވެސް ފުށްގަނޑު ދަމަމުން ގެންދާށެވެ. "ރެކްޓޭންގަލް" އެއްގޮތަށް ނުވަތަ ހިމަ ދިގު ބައްޓަމަށް ރޯލް ކުރަމުން ގެންދިޔުމުން ފަސޭހަވާނެއެވެ.
ޕާސްތާ ފުށްގަނޑު ވަރަށް ތުނިކޮށް ދަމަންޖެހުމާއެކު އަދިވެސް އިތުރަށް ރޯލް ކުރަމުން ގެންދާށެވެ. ވީޑިއޯ އިން ފެންނަގޮތަށް ޕާސްތާ ފުށްގަނޑުގެ ނުފުށުން އަތުގެ އަތްތިލަ ފެންނަވަރަށް ރޯލްކޮށްލާށެވެ. މިއީ ނުވާވަރުގެ ކަމެއް ނޫނެވެ. ފުށްގަނޑުވެސް މޮޑެނިމުނުއިރު ހަަމަ ބަރާބަރު ނޫން ހެއްޔެވެ.
ރޯލް ކޮށްލި ޕާސްތާ ފުށްގަނޑުގެ އެޖަސްތައް ކަފާލާށެވެ. ވީޑިއޯ އިން ފެންނަގޮތަށް ދެފަރާތުން ފުށްގަނޑު ރޯލް ކޮށްލާށެވެ. އޭރުން ދެބައިވެސް އައިސް މީޓްވާނީ ފުށްގަނޑުގެ މެދުގައެވެ. އަދި އެއްފަހަރު އެޖަސްތައް ކަފާލާ އެއްވަރުކޮށްލާށެވެ. އެއަށްފަހު މެދުން ކަފާލުމަށްފަހު ވީޑިއޯ އިން ފެންނަގޮތަށް ބޭނުން ސައިޒަކަށް ޕާސްތާ ކަފާލާށެވެ.
ނޮނާ ކެފީ ޕަަޕަރޑެލޭ ސައިޒްއަށެވެ. ކިޔުންތެރިން ބޭނުން ސައިޒަކަށް ޕާސްތާ ބެހެއްޓުމުން މަައްސަލައެއް ނެތެވެ. މަޑުމަޑުން ޕާސްތާ ރޯލްތައް ނިއުޅާލާ ފުށްކޮޅެއްލުމަށްފަހު ބަހައްޓާށެވެ. އަދި ތިން ކުއާޓާރ އެއްކޮށް ރޯލްކޮށް ނިންމާލަން ވާނެ ނޫން ހެއްޔެވެ.
ތިޔަކުރި ހިތްވަރަށް ސާބަހެވެ. ފަރުވާތެރިކަމާއެކު ކުރި ބުރަ މަސައްކަތުން ތިތައްޔާރުކޮށްލެވުނީ "ސްކްރެޗް" އިން ޕާސްތާއެވެ. އަވަހަށް އެންމެ ފޭވަރިޓް ގޮތަށް ޕާސްތާ ތައްޔާރުކޮށް ރަހަ ބަލާލާށެވެ. އަހަރެމެންނަށް ކޮމެންޓްތަކުގައި "ސްޓޯރ ބޯޓް" ޕާސްތާ ތޯ ނޫނީ ނޮނާގެ މި "ހޯމްމޭޑް" ރެސިޕީގެ ރަހަތޯ ސަޅީ ޝެއާ ކުރަންވާނެއެވެ.