ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވިލިމާލޭ ޑިޓެންޝަންގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ޕޮޒިޓިވްވެފައި ވަނީ އެތަނުގައި ބަންދުކޮށްފައި ތިބި ދެ ބިދޭސީއެކެވެ. އެމީހުން ޕޮޒިޓިވްވިކަން އެޗްޕީއޭ އިން މިހާރު ވަނީ ފުލުހުންނަށް އަންގާފައެވެ. އަދި އެ ދެ މީހުންނާ ކޮންޓެކްޓްވި ފުލުހުން މިހާރު ތިބީ ކަރަންޓީނުކޮށްފައިކަން ވެސް އެނގިފައިވެއެވެ.

ކޮވިޑް-19 މާލެ ތެރޭގައި ފެތުރެން ފެށުމާއެކު ކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރާ މީހުން ފުރަތަމަ ގެންދަނީ ވިލިމަލޭ ޑިޓެންޝަނަށެވެ. ދޫނިދުއަށް ގެންދަނީ އެމީހެއްގެ ގައިގައި ބަލި ނެތްކަން ކަށަވަރު ކުރުމަށްފަހުއެވެ.

މިހާތަނަށް ދޫނިދުއިން އެއްވެސް ބަންދު މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.

ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ 23 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް މީގެކުރިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.