19 May 2020, 02:55
ކޮވިޑް19 ފެތުރުން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއްދޭން އުޅޭ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފި އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަމީން މިރޭ ވިދާޅުވީ ލޮކްޑައުން އަށް ލުއިދިނުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ނިއު ނޯމަލްއެއްގައި ކަންކުރާނެ އުސޫލުތައް އެކުލަވާލަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެގޮތުން މިސްކިތްތަކާއި ސްކޫލުތައް އަދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލުމާ ގުޅޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެވިއްޖެ ކަމަށާއިި ލޮކްޑައުންއަށް ލުއިދޭ އިރު އެ ދޭ ލުއި ވާން ޖެހޭނީ ފަރުވާގެ ކަންކަން އަތުން ކައްސާލައިގެން ނުދާނެ، ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮއްސުންލައިގެން ނުދާނެ ގޮތަކަށް ވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބި ހާލަތަށް ލުއި ލިބޭނެ،" ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވެގެން ނުދިޔައީ ރައްޔިތުން އިރުޝާދުތަކަށް ތަބާވެ، ދުރާލާ ތައްޔާރުވުމުން ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެންނަށް ރަނގަޅު ހާލަތެއްގައި ތިބެވޭނީ ފަރުދީގޮތުންނާއި މިކަމުގައި އަމަލު ކުރަން ޖެހޭ ގޮތް ދެނެގަނެ އެގޮތްތަކަށް އަމަލު ކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންނަށް އޮތް ތަކުލީފު ކަމަށާއި ގެއިން ބޭރަށް ނުނިކުމެ، ދިރިއުޅުން ހުއްޓުމަކަށް އައިސްފައި އޮތުމުން ބޮޑު ގޮންޖެހުމެއް ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަމަށެވެ.
އަދިވެސް ރާއްޖޭގައި ބަލި ފެތުރިގެން ހިނގައިދާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެ، މިނިސްޓަރު އަމީން ވިދާޅުވީ "ހުޅުވާލެވޭ ވަގުތަކީ ނާޒުކު ވަގުތެއް" ކަމަށެވެ.
"ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ. ކްރިޓިކަލް ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވާނެ. އެހެންވިމާ މިހާލަތަށް ތައްޔާރުވުމަކީ މިވަގުތު ކުރަންޖެހޭނެެ ކަމަކީ،"
މިހާރު އޮތް ރނަގަޅު ހާލަތުގެ މާނައަކީ ހުޅުވާލީމާ ބަލި ފެތުރެމުން ނުދާނެކަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީހުން އަރައިފޭބުމުގެ ކަންތައް ނުހިނގާތާ 30 ދުވަަށް ވުރެ ގިނަ ދުވަސް ވެފައިވާ ރަށްތައް ވެސް އެބަހުރި ކަމަށާއި އެރަށްތަކަށް ލުއި ދިނުމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.
"ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާ ދުވަސްވަރަކަށްވީމާ އަޅުގަނޑުމެން މަޑުކުރީ. މިހާރުން މިހާރަށް ދެވޭނެ ލުއިތަކެއް ވެސް އެބަހުރި. އެ ލުއިތައް ދެވެމުންދާނެ އަޅުގަނޑު ހިތުން. މާގިނަ ދުވަސްތަކެއް ނުވެ އެ ލުއިތައް ދޭން ފަށާނެ،" މިނިސްޓަރު ވިދާޅުވީ ލުއި ދިން ނަމަވެސް އަމަލުކުރަންޖެހޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
"އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމާއި މުދާ އެއްތަނުން އަނެއްތަނަށް ގެންދިޔުމާ، މިކަހަލަ ކަންތައް ހުންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާލެއަށް ވެސް ބަލި އައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށް ކަމަށާއި ރަށްރަށަށް އެފަދަކަމެއް ދިވާމެދާނެ ކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް 1106 މީހުން ކޮވިޑަށް ޕޮޒިޓިވްވެ ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74 އަށް އަރައިފަ އެވެ.