އިޒްރޭލާއެކު ސަރުކާރުން އެއްވެސް މުއާމަލާތެއް ވެސް ގުޅުމެއް ނުހިންގޭ ގޮތަށް ގަރާރެއް ފާސްކޮށްދެއްވުމަށް އިސްލާމިކް މިނިސްޓާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ރައްޔިތުން މަޖިލީހުގައި މިއަދު އެދިވަޑައިގެންފި އެވެ.

ޑރ. މަޖީދު އެގޮތަށް އެދި ވަޑައިގަތީ އިޒްރޭލުގެ ފްލައިޓް ޖެއްސުމުގެ މައްސަލައިގައި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން މިއަދު ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އިޒްރޭލު ފްލައިޓެއް ރާއްޖެ ޖެއްސުމާއި އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމުގެ މައްސަލައިގައި ދީނުގައި އޮންނަ ގޮތް ހާމަކުރައްވަމުން ޑރ. މަޖީދު ވިދާޅުވީ ޣައިރު މުސްލިމުންނާއި ގުޅުން ބަދަހި ކުރުމުގައި އެ މީހުންނަކީ މުސްލިމުންނާއި ހަގުރާމަ ނުކުރާ، މުސްލިމުން ގޯތި ގެދޮރުން ނެރެނުލައި މީހުންނާ ގުޅުން ބަދަހި ކުރުމަކީ ހުއްދަކަމެއް ކަމަށެވެ. ނަމަވެސް އިޒްރޭލަކީ ބައިނަލްއަގްވާމީ އެތައް މުއާހަދާއަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ހިލާފަށް ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގާ ބައެއް ކަމަށާއި އިޒްރޭލާއެކު އަސްކަރީ، ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ކަމަށް މަޖިލީހުން ގަރާރެއް ފާސްކުރަން ޖެހޭ ކަމަށެވެ.

"އިޒްރޭލަކީ ބައިނަލް އަގްވާމީ އެތައް ގަރާރު ތަކަކާއި ހިލާފަށް އިންސާނީ ހައްގުތަކަށް އިހުތިރާމެއް ނުކުރާ ގައުމަކަށް ވީމާ ބައިނަލްއަގްވާމީ ގޮތުން އެ ގައުމު އެކަހެރިވީމާ އެމީހުން މީހުންގެ ހަމްދަރުދީ ހޯދަން މަސައްކަތް ކުރަނީ. އެގޮތުން އައި ބައެއް އައި ފްރޮމް ޒިއޯން އަކީވެސް،" ގުރުއާނާއި ހަދީސުން ދަލީލު ދައްކަވަމުން ޑރ. މަޖީދު ވިދާޅުވި އެވެ. "އަޅުގަނޑުގެ ހިޔާލަކީ ދިވެހި ރާއްޖޭން އިޒްރޭލާއި އެކު އެއްވެސް ސފައެއްގައި އިޒްރޭލާއި އެކު އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެފަދަ ގަރާރެއް ފާސްކޮށްދެއްވުމަށް،"

ޑރ. މަޖީދުގެ ހުށަހެޅުއްވުމަށް ކޮމެޓީގެ މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އެ ހުށަހެޅުން ކޮމެޓީގައި ދިރާސާކޮށް އަދި މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

މިނިސްޓަރު ވަނީ އިޒްރޭލާއި ގުޅުން ބަދަހި ކުރުމުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ރައުޔު ބަޔާންކޮށް ސިޓީއެއްވެސް ކޮމެޓީއަށް ހުށަހަޅުއްވާފަ އެވެ. އަދި މިދިޔަ މަހުގެ ސެޕްޓެމްބަރު މަހުތެރޭ ރައީސްއަށް ވެސް އެވާހަކަ ދަންނަވާފައިވާނެ ކަމައްވެސް ޑރ. މަޖީދު ވަނީ ވިދާޅުވެފަ އެވެ.
"އެ ސިޓީއަށް މިހާތަނަށް ރައީސް އެއްވެސް ޖަވާބެއް ނުދެއްވާ،" ޑރ.މަޖީދު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިން ކޮމެޓީގެ ސަމާލުކަމަށް ގެނައި އިޒްރޭލުގެ ފުލައިޓް ރާއްޖެ އައުމުގެ މައްސަލައިގައި ކޮމެޓީއަށް ހާޒިރުކޮށް މިއަދު ފުރަތަމަ ސުވާލުކުރީ ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމްއާ އެވެ.

އިޒްރޭލުގެ ފުލައިޓެއް ޖެއްސުމަށް ހުއްދަދެއްވާފައިވާނެތޯ މުގައްރިރު އަލީ ވަހީދު އާދިލް އާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ "އިޒްރޭލުގެ އެއްވެސް ބޯޓެއް އަދި އެއާލައިނެއް ރާއްޖޭގައި ޖެއްސުމަށް ހުއްދަދެއްވާފައި ނުވާ" ކަމަށެވެ.

ނަމަވެސް ޑރ. މަޖީދު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ ބޯޓް ޖެއްސުމުގެ މައްސަލައިގައި ކަންބޮޑުވާތީ މިނިސްޓަރު އާދިލްއާ ވާހަކަފުޅު ދެއްކެވުމުން އެއްވެސް ގައުމެއްގެ އެއާލައިނަކުން އެދިއްޖެނަމަ އެކަން މަނާކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އާދިލް ވިދާޅުވި ކަމަށާއި މަޖިލީހުން އެކަން ނުހުއްޓުވައިފިނަމަ އެ ހުއްދަ ދިނުމަކީ ގާތްކަމެއް ކަމައްވެސް ވިދާޅުވި ކަމަށެވެ.

އާދިލް އެގޮތަށް ވިދާޅުވުމުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ މެންބަރުން ވަނީ އެ މައްސަލަ ކޮމެޓީން ބޭރުކުރުމަށް ވެސް ހުށަހަޅާފަ އެވެ. ނަމަވެސް އިދިކޮޅު ޑީއާރްޕީއަށް ނިސްބަތްވާ އަލިފުށީ ދާއިރާގެ މުހަންމަދު ނާޝިޒު ވަނީ މިނިސްޓަރު އެކިގޮތަށް ވާހަކަދައްކަވާ ކަމަށް ވިދާޅުވެ އެ ޖަވާބު ލިޔުމަކުން މަޖިލީހަށް އެންގެވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެޓީއަށް ހާޒިރުކުރެއްވުމުން ޑިފެންސް މިނިސްޓާ ތޮލްހަތު އިބްރާހިމް ކަލޭފާނު ވިދާޅުވީ ފްލައިޓެއް ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ދެއްވާނީ ޓްރާންސްޕޯޓް އޮތޯރިޓީން ކަމަށާއި އެމްއެންޑީއެފްއިން ކުރާކަމަކީ އޭވިއޭޝަން ސެކިއުރީޓި ބެލެހެއްޓުންކަމަށެވެ.

"އަޅުގަނޑުމެންގެ ދަށުގައި އޭވިއޭޝަން ސެކިއުރިޓީ އޮންނަނީ. އެކަމަށް އޮންނަ ގޮތަކީ އެއާލައިންއަކުން އިތުރު ސެކިއުރީޓީއަށް އެދެން ޖެހޭނީ. އެދުނީމާ އެބޭފުޅުން އެދޭ މިންވަރަކަށް އަޅުގަނޑުމެން ބަލާފައި އެ ސެކިއުރިޓީއެއް ފޯރުކޮށްދޭނީ،" ތޮލްހަތު ވިދާޅުވި އެވެ.

އިޒްރޭލުގެ ފްލައިޓަކުން އެފަދަ ސެކިއުރިޓީއަކަށް އެދިފައިވޭތޯ މެންބަރަކު ދެންނެވުމުން ތޮލްހަތު ވިދާޅުވީ "އެކަން ޖެހޭނީ ބަލައިލަން" ކަމަށެވެ.

އަދި އިޒްރޭލުގެ ފުލައިޓް ރާއްޖޭގައި ޖެއްސުމުގައި ގައުމަށް ނުރައްކާވެދާނެތޯ މެންބަރަކު ދެންނެވެމުން ތޮލްހަތު ވިދާޅުވީ އެކަން ނިންމޭނީ ބަލަންޖެހޭ ބެލުންތައް ބަލައި ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ.
"އަޅުގަނޑަށް މިތާ އިނދެފައި މިވެނި ބޯޓަކީ މިވެނި ފުލައިޓަކީ ނުރައްކާވެދާނެ އެއްޗެކޭ ނުނިންމޭނެ. އެއަށް ހަމަލާދީފައި ހުރި މިންވަރާއި ހަމަލާދޭން އުޅޭ ތޯ އާއި މިއެއްޗިހި ބަލާ ދިރާސާކޮށް، ތްރެޓް އެނަލިސިސްއެއް ހަދަންޖެހޭނީ،" ތޮލްހަތު ވިދާޅުވި އެވެ.

އިޒްރޭލުން ރާއްޖޭގައި މިލިޓަރީ އެކަޑަމީއެއް ބިނާކުރަން މަސައްކަތް ކުރާވާހަކަ ވެސް ތޮލްހަތު ދޮގުކުރެއްވި އެވެ. ވިދާޅުވީ އެކަން "އެގިވަޑައި ނުގަންނަނަވާ" ކަމަށެވެ.