ކޮވިޑް ފެތުރިފައިވޭތޯ ބެލުމަށް މާލޭ ޖަލާއި ކ. ހިންމަފުށީ އައްސޭރި ޖަލުން ނެގި ހުރިހާ ރެންޑަމް ސާމްޕަލްތައް ނެގަޓިވް ވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ކޮވިޑްގެ އެ ދެ ޖަލުގައި އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި ހޮނިހިރު ދުވަހު ރެންޑަމްކޮށް ނެގި ސާޕަލްތައް ނެގަޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އައްސޭރި ޖަލުން 25 ގައިދީންނާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި މާލޭ ޖަލުގެ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 މީހެއްގެ ސާމްޕަލާއި އޮފިސަރުންގެ ތެރެއިން 20 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

އެ ދެ ޖަލުން ޖުމްލަ 72 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ގައިދީންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ އޮފިސަރުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.