19 May 2020, 02:38
ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ތިބި ދެ މީހަކު ބަންދުން ދޫކޮށްލައި، ކަރަންޓީނު ނުކޮށް އެއަތޮޅު ކެނދިކުޅުދުއަށް ގެންދަން އުޅޭތީ އެރަށު ރައްޔިތުން އިހްތިޖާޖު ކުރަމުން އެބަދެއެވެ.
ކެނދިކުޅުދުއަށް ގެންދަން އުޅެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ތިބި އެރަށުގެ ދެ މީހެކެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ޝަމީމް މިރޭ "ސަން" އަށް ވިދާޅުވީ އެ ދެ މީހުން މާދަމާގެ ވަގުތެއްގައި އަނބުރާ އެރަށަށް ގެންދާނެ ކަމަށް މަނަދޫ ޕޮލިސްޓޭޝަނުން އަންގާފައިވާ ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިތުރު ނުވަ މީހަކު މަނަދޫން ވަނީ ފެނިފައެވެ. އެރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ މަނަދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކަށްވާތީ، އެ ހާލަތު އެހެން އޮއްވައި އެމީހުން އަނބުރާ އެރަށަށް ނުގެންދާނެ ކަމަށް ކުރިން މަނަދޫ ޕޮލިސްސްޓޭޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭގެފަހުން އެމީހުން ގެންދަން ނިންމިކަން އެ ޕޮލިސްޓޭޝަނުން އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.
https://web.facebook.com/natti.nadheem/videos/3233852749998622/
މަނަދޫ ޕޮލިސް ސްޓޭޝަނުން އެގޮތަށް އެންގުމުން، އެރަށު ކޮވިޑް ޓާސްކް ފޯހާ މަޝްވަރާ ކުރުމަށްފަހު އެ ރަށަށް އެމީހުން ނާރުވަން ނިންމި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ޕޮލިހުން އެދުނީމަ އަޅުގަނޑުމެން ވިލަރެސް ކޮމިޓީން [ކޮވިޑް ޓާސްކް ފޯސް] އިން މަޝްވަރާ ކުރުމަށްފަހު ނިންމީ އެމީހުން މިދުވަސްކޮޅު ރަށަށް ނުގެނައުމަށް. އެކަމަށް ޕޮލިހުން ވެސް ފުރަތަމަ އެއްބަސްވި. އެކަމަކު އަނެއްކާ ފަހުން އަޅުގަނޑުމެންނަށް އެންގީ މާދަމާ އެބޭފުޅުން މިކޮޅަށް ގެންނަ ވާހަކަ،" އަލީ ޝަމީމް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެރަށުގެ ރައްޔިތުން އިހްތިޖާޖު ކުރަމުން އަންނަ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެލްޖީއަށާއި، އެޗްޕީއޭ އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އަދި އޭގެ ޖަވާބުގައި އެމީހުން އެރަށަށް ގެންދިޔުމުގެ ހުއްދަ މަނަދޫ ޕޮލިސް ސްޓޭޝަނަށް ދީފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
"ދެން ކޮންމެ ގޮތެއް ވިޔަސް މިކަމާ ދެކޮޅަށް ނުކުތުމަށް އަޅުގަނޑުމެންނަށް މިއޮތީ މަޖުބޫރުވެފައި. ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑު. ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް މިއޮތީ ކައުންސިލް އިދާރާ ކުރިމައްޗަށް އެއްވެފައި،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުން ސަރުކާރަށް ގޮވާލަމުން ދަނީ މިދަނޑިވަޅުގައި އެ ދެ މީހުން އެރަށަށް ގެންދިޔުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ކަމަށެވެ.
އެރަށަކީ ފުލުހުންގެ ޚިދުމަތް ގާއިމްވެފައިވާ ރަށަކަށް ނުވުމުން ގެންނަ މީހުން ބެލެހެއްޓޭނެ ގޮތެއް ނެތް ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހައިރިސްކު ރަށްރަށުން އަންނަ އެންމެން ވެސް ކައިރި ރިޒޯޓުތަކުގައި ކަރަންޓީން ކުރާ އިރު، މަނަދޫން ގެންނަ މީހުން ކަރަންޓީނުނުކޮށް ސީދާ ރަށަށް ގެނައުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ.
"މިރަށު ރައްޔިތުން ކަމާބެހޭ ފަރާތްތަކަށް މި ގޮވާލަނީ ތި ނިންމުން ބަދަލު ކުރާށޭ. މިދަނޑިވަޅުގައި އެމީހުން މިރަށަށް ނުގެންނާށޭ،"