19 May 2020, 00:48
އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކޮވިޑް19 ފެތުރޭ މިންވަރު ބެލުމަށް ނަގާ ރެންޑޮމް ސާމްޕަލް ދިނުމަށް މަޖުބޫރު ނުކުރާނެ ކަމަށް އެންއީއޯސީ އިން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެފަދަ މީހުންގެ ސާމްޕަލް ނެގުމަށް އެއްވެސް ވަރެއްގެ މަޖުބޫރެއް ނުކުރާނެ ކަމަށެވެ. އަދި ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމަށް އެކަށީގެންވާ ތަރުހީބު ނުލިބޭކަންވެސް ޑރ. ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ދުވަސްވީ މީހުންގެ ސާމްޕަލްއަކީ ބައްޔަށް ޝައްކު ކުރެވިގެން ނަގާ ސާމްޕަލް އެއް ނޫން ކަމަށްވެސް ޑރ. ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑް19 ގެ އެންމެ ހައިރިސްކު އެއް ގްރޫޕެވެ. އެފަދަ ފަރާތްތަކުގެ މެދުގައި ބަލި ނެތްކަން ޔަގީންކުރުމަށް ނަގާ ސާމްޕަލްތައް ނެގުމަށް އެއްބާރުލުން ދިނުމަށް އެންއީއޯސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ ކުރިން މިގޮތަށް ނެގި ރެންޑޮމް ސާމްޕަލަކުން ދުވަސްވީ މީހަކަށް ބަލިޖެހިފައިވާކަން ވަނީ ޔަގީންވެފައެވެ.
ރާއްޖޭގައި 1106 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 74 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވެފައިވަނީ ހަތަރު މީހެކެވެ.