26 Dec 2011, 12:36
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދައުލަތުގެ ފައިސާ ހަރަދުކޮށްގެން އެމްޑީޕީގެ ކެންޑޭޓުންނަށް ކެމްޕެއިން ކޮށްދޭ ކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރެޕްޝަން ކޮމިޝަނާއި ފުލުހުންނަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އިއްޔެ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ޕީޕީއެމްގެ ބައި އިލެކްޝަން ކޮމިޓީގެ ޗެއާޕާސަން މުހައްމަދު ނިމާލް ވިދާޅުވީ ދައުލަތުގެ ހަރަދުގައި ކޯސްޓް ގާޑްގައި ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓުންނާ ބައްދަލްކޮށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމުން މި ގޮތަށް ބުނީ އަންނަ ހޮނިހިރު ދުވަހު، ހއ. ފިއްލަދު އާއި ށ. އަތޮޅުގައި އޮންނަ ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ރައީސް ނަޝީދު އެ ދެ އަތޮޅަށް ދާދިފަހުން ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުންނެވެ.
ނިމާލް ވިދާޅުވީ ސަރުކާރުން ހިންގާ އެފަދަ އަމަލުތައް ވަރަށް ބޮޑަށް ޕީޕީއެމުން ކުށްވެރި ކުރާ ކަމަށާއި ކޮންމެ އިންތިހާބަކާ ގުޅިގެން އެކި ރަށްރަށުގައި ފާޑުފާޑުގެ ޕްރޮޖެކްޓްތައް ފަށައި ކުރީގެ ސަރުކާރުން ހަދާ ނިންމާފައިވާ ތަންތަން ހުޅުވައި އިތުރު ވައުދުތައް ރައްޔިތުންނަށް ވަމުން އަންނަ ކަމަށެވެ.