19 May 2020, 10:54
މުޅި ދުނިޔޭގައި އަދިވެސް ހުއްޓުމެއް ނެތި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުމަކާއެކު ގައުމުގައި އަމިއްލަ އުފެއްދުންތައް އިތުރުކުރުކުރުން ވަނީ ވަރަށް މުހިއްމު ކަމަކަށް ވެފައެވެ. އަދި ހާއްސަކޮށް ސިއްހީ ދާއިރާއަށް އެކަމުގައި ބޮޑު އަހައްމިއްޔަތެއް ދޭން ވަނީ މިހާރު ޖެހިފައެވެ. އެކަމަށް ދިވެހީންނަށް ދާދި ފަހުން އުއްމީދެއް ލިބިފައިވަނީ ރާއްޖޭގައި ވެންޓިލޭޓަރު އުފެއްދޭނެ ކަމުގެ އުއްމީދު ލިބުމުންނެވެ. މިފަހަރު އެ އުއްމީދަށް އިތުރު އާކަމެއް ވަނީ ލިބިފައެވެ. ދިވެހި ޒުވާނަކު ވަނީ ގެއިން ލިބެން ހުރި ސާމާނު ބޭނުންކޮށްގެން މަސައްކަތްކުރާ ވެންޓިލޭޓަރެއް އުފައްދާފައެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް ބޭނުންވާ ތަފާތު ވަސީލަތްތައް ގަތުމަށް ސަރުކާރުން ދަނީ އެތައް މިލިއަނުން ހަރަދުކުރަމުންނެވެ. އެކަމުގައިވެސް އެންމެ ބޮޑަށް ބޭނުންވާ އެއް އާލާތަކީ ވެންޓިލޭޓަރެވެ. ނަމަވެސް މިލިއަނުން ހަރަދު ނުކޮށް ބޭނުންކޮށްލެވޭނެ ކަމުގެ އުއްމީދު އޮތް ވެންޓިލޭޓަރެއް ދިވެހި ޒުވާނެއް ހަދާފައިވަނީ ގާތްގަނޑަކަށް އެންމެ 200 ވަރަކަށް ރުފިޔާ ހަރަދުކޮށްގެނެވެ.
އައްޑޫ، މީދޫ އަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އަހުމަދު މުއީދު ވަނީ ދާދި ފަހުން، ވެންޓިލޭޓަރެއްގެ ޕްރޮޓޯޓައިޕް އެއް ތައްޔާރުކޮށްފައެވެ. އޭނާ އެ ވެންޓިލޭޓަރު ތައްޔާރުކޮށްފައިވަނީ ގެއިން ލިބެން ހުންނާނެ އެއްޗެހި ބޭނުންކޮށްގެންނެވެ.
ވެންޓިލޭޓަރަކީ އަމިއްލަ ބާރުގައި ނޭވާލާން ދަތިވާ ހާލަތްތަކުގައި ހަށިގަނޑުގެ ތެރެއަށް އޮކްސިޖަން ފޮނުވައި ދިނުމަށް ތައްޔާރުކޮށްފައިވާ މެޝިނެކެވެ.
ސަން އަށް މައުލޫމާތު ދެމުން މުއީދު ބުނީ އެ ޕްރޮޓޯޓައިޕް ތައްޔާރުކުރުމަށް ގާތްގަނޑަކަށް ހޭދަވެފައިވާނީ ގާތްގަނޑަކަށް ހަފްތާއެއްގެ މުއްދަތު ކަމަށެވެ. އެގޮތުން އެ މަސައްކަތް ފަށާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަސްލު އެންމެ ފުރަތަމަ ޕްރޮޓޯޓައިޕްގެ މޮޑެލް އެއް ތައްޔާރުކުރީ ކާޑްބޯޑް ބޭނުންކޮށްގެން. އެއަށްފަހުގައި އަދި އޭތި ތައްޔާރުކުރަން ފެށީ. ބޭނުންވާނެ އެއްޗެހިވެސް ދެން ވިސްނިން އެ ތައްޔާރުކުރަން،" މުއީދު ބުންޏެވެ.

ވެންޓިލޭޓަރަށް ބޭނުންވާ ތަކެތި ފަރުމާކުރުމަށް ކާޕެންޓަރެއްގެ އެހީތެރިކަން ހޯދާފައިވޭ --- ފޮޓޯ : އަހުމަދު މިއާދު
އެ ޕްރޮޓޯޓައިޕް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ވަނީ މުއީދު ކިޔައިދީފައެވެ. އެގޮތުން އެ އުފެއްދުމަށްޓަކައި އޭނާ ބޭނުންކޮށްފައިވަނީ ފަންކާ ޑިމަރަކާއި ކާރުގެ ކުޑަދޮރުގެ ބިއްލޫރިގަނޑަށް ބޭނުންކުރާ މޯޓަރަކާއި އެލްއީޑީ އާއި ކަބަޑު ފްރޭމްގެ ފިލާގެ އިތުރުން ބައެއް އިލެކްޓްރިކް ކޮމްޕޯނެންޓް އެވެ.
"ތްރެޑް ރޮޑް ކަހަލަ ތަކެތި ވެސް ބޭނުންކޮށްފައިވާނީ މި ޕްރޮޓޯޓައިޕް އުފެއްދުމަށް. ދެން ގާތްގަނޑަކަށް 100 ވަރަކަށް ރުފިޔާ ހަރަދުވެފައިވާނީ ކާޕެންޓްރީއަކަށް ގެންގޮސް ފިލާތައް ފަރުމާ ކުރުމަށް،" އޭނާ ބުންޏެވެ.
މުއީދު ބުނިގޮތުގައި އެފަދަ ޕްރޮޓޯޓައިޕް އެއް އުފެއްދުމުގެ ބޭނުމަކީ މެކޭނިކަލް ކޮށް އޮކްސިޖަން ޕަމްޕް ކޮށްދޭނެ ހިދުމަތެއް ހަމަޖެއްސުމެވެ.
"މެޑިކަލް ޕްރޮފެޝަނަލެއް ޕޭޝަންޓް ގާތުގައި ހުރެ އަބަދު އޮކްސިޖަން ފޯރުކޮށްދިނުމަށް ހުރުމުގެ ބަދަލުގައި މެކޭނިކަލް ކޮށް އެކަންތައް ކުރެވޭނަމަ އޭގެ ސަބަބުން ފަސޭހަ ވެގެން ދާނެ ކަމަށް ބެލެވެނީ،" މުއީދު ބުންޏެވެ.
އޭނާ ބުނީ، މެކޭނިކަލް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކުޑަދޮރުގެ މޯޓަރު ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ޕަމްޕް ކުރާ ސްޕީޑު މޮނިޓާކޮށް ބަދަލުކުރުމަށް ފަންކާ ޑިމަރު ބޭނުންކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
މިހާރު އެ ޕްރޮޓޯޓައިޕް ހަދައި ނިންމާލާފައިވާއިރު އެ ޕްރޮޓޯޓައިޕް އަކީ ސަރުކާރުން ގެންނަ ވެންޓިލޭޓަރުތަކާ އަޅާ ކިޔޭނެ އެއްޗެއް ނޫން ކަމަށާއި މިއީ ހަމައެކަނި ވެންޓިލޭޓަރެއް ހެދޭނެކަން އަންގައިދޭ މިސާލެއް ކަމަށް އޭނާ ބުންޏެވެ. އެގޮތުން މިހާރު އެ ވެންޓިލޭޓަރު ޓެސްޓުކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"މި ޕްރޮޓޯޓައިޕް މީހަކަށް ގުޅައިގެން ޓެސްޓުކޮށްފައެއް ނުވާނެ. އެހެންނަމަވެސް ޕްރޮޓޯޓައިޕް މަސައްކަތް ކުރޭތޯ ބެލުމަށް ރޭގައި ވަނީ ޓެސްޓުކޮށްފައި. އަދި ޓެސްޓު ކާމިޔާބުވެސް ވަނީ ވެފައި،" އޭނާ ބުންޏެވެ.

ޕްރޮޓޯޓައިޕް ތައްޔާރުކޮށްފައިވަނީ ގޭގެ ކަބަޑު ސެޓުގެ ފިލާ ބޭނުންކޮށްގެން --- ފޮޓޯ : އަހުމަދު މިއާދު
މުއީދު ބުނީ، އެ ޕްރޮޓޯޓައިޕްގެ ޓެސްޓިން ކުރުމަށްޓަކައި ހުޅުމީދޫ ހެލްތު ސެންޓަރާ ގުޅިގެން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
އޭނާ އެ ޕްރޮޓޯޓައިޕް އުފައްދާފައިވަނީ ދާއިރާއިން ޑިގްރީތަކެއް ނަގައިގެންނެއް ނޫނެވެ. އެހެންނަމަވެސް ސައިންސަށް ހުންނަ ލޯތްބެއްގެ ސަބަބުންނެވެ. މުއީދަކީ ބިޒްނަސް ސްޓަޑީސް އިން ބެޗެލާސް ހާސިލުކޮށްފައިވާ ޒުވާނެކެވެ. އަމިއްލަ ވިޔަފާރި އަދި ޓެކްސީ ކޮށްގެން އާމްދަނީއެއް ހޯދަމުން އަންނައިރު ގެޖެޓްތައް އުފެއްދުމަށްވުރެ ބޮޑަށް އޭނާާގެ ހުނަރު ހުރީ ސޮފްޓްވެއާ ދާއިރާއިން ކަމަށް އޭނާ ބުންޏެވެ.
ވެންޓިލޭޓަރުގެ ސޮފްޓްވެއާ ފަންކްޝަން ހަމަޖެއްސުމުގެ މަސައްކަތްކޮށްފައިވަނީވެސް މުއީދެވެ.
މުއީދު ބުނަނީ، އޭނާ ފަދައިން ސައިންސަށް ލޯބިކޮށް އަމިއްލައަށް އެއްޗެހި އުފައްދަށް އެއަށްވުރެ މޮޅެތި މީހުން ރާއްޖޭގައި ތިބޭނެ ކަމަށެވެ. އެހެންކަމުން ކޮވިޑް-19 ފަދަ ދަނޑިވަޅެއްގައި އެފަދަ ފަރާތްތަކުން ނިކުމެ ގައުމަށް ބޭނުންވާނެ ފަދަ ތަކެތި އުފައްދާނެ ގިނަ ޒުވާނުން ގައުމަށް މިވަގުތު ބޭނުން ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަޅުގަނޑުގެ އެދުމަކީ ހަމަ މިފަދަ، ގައުމަށް ބޭނުންވާނެ ހެން ހީވާ ގިނަ ތަކެތި އުފެއްދުމަށް އުޅެމާ ހިނގާށޭ. ހުރިހާ އެންމެންވެސް އަމިއްލައަށް މިކަމުގައި އިނިޝިއޭޓިވް އެއް ނެގީމައި ރަނގަޅުވާނެ،" މުއީދު ބުންޏެވެ.