ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ހުއްޓާ ފިލި ދެ ބިދޭސީއަކު އަދިވެސް ނުފެންނަކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނިކޮށް ފިލާފައިވާ ހަތް މީހުންގެ ތެރެއިން ފަސް މީހަކު ފެނިފައިވާ ކަމަށާއި ބާކީ ދެމީހުން އަދިވެސް ނުފެންނަ ކަމަށެވެ.

ބަލިޖެހުނު މީހުންގެ ތެރެއިން ފިލައިގެން އުޅެނިކޮށް ހޯދި އެއް ބިދޭސީއަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށްލައިގެން ފަރުވާދިނުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ބިދޭސިން ބައިތިއްބާ ތަންތަނުގެ ސެކިޔުރިޓީ ބަލަހައްޓަމުންދަނީ ފުލުހުން ކަމަށާއި އެތަންތަނުން ފިލޭނެ ފުރުސަތެއް މިހާރު ނޯންނާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްޖެހުނު މީހުންގެ އަދަދު 1106 އަށް އެރިއިރު އޭގެ ތެރޭ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 562 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކައެވެ.

ރާއްޖެއިން މިހާތަނަށް 74 މީހަކު ކޮވިޑުން ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ.