26 Dec 2011, 12:07
މިސަރުކާރުން ދަނީ ރާއްޖެ ދަރަނިވެރި ކުރުވަމުން ކަމަށާއި މިސަރުކާރު 2013 ވަނަ އަހަރު ބަދަލުވިޔަސް ދެން އަންނަ ސަރުކާރަކަށް ޖެހޭނީ ލިބޭ ހުރިހާ އެއްޗެއް ދަރަނި އަދާކުރުމަށް ހަރަދުކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ 2012 ވަނަ އަހަރު ނިމިގެންދާ އިރު އެތެރެއިންނާއި ބޭރުން ނަގާފައިވާ ދަރަނިތަކާ އެކު ދައުލަތުގެ ދަރަނި 27 ބިލިޔަން ރުފިޔާ އަށް އަރާނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މަނިޓަރީ ސިޔާސަތުގެ ސަބަބުން ކުރިމަތިވާ ކަމެއް ނޫން ކަމަށެވެ.
"ދެ ހާސް ބާރަ ވަނަ އަހަރުގެ ބަޖެޓް ނިމިގެންދާ އިރު އެތެރެ އިންނާއި ބޭރުން ނަގާފައި ހުރި ދަރަނި އެބަ އަރާ 27000 މިލިޔަނަށް، އެއީ 27 ބިލިޔަން، " ޔާމީނު ވިދާޅުވި އެވެ.
ޔާމީނު ވިދާޅުވީ އެ އަދަދަކީ ދެ އަހަރު ދުވަހުގެ ދައުލަތުގެ ބަޖެޓާ އެއްވަރުގެ އަދަދެއް ކަމަށެވެ.
"މިވަރުގެ ބޮޑު ދަރަންޏެއް ދޫކޮށްލާފައި 2013 ވަނަ އަހަރު އެހެން ބަޔަކު ވެރިކަމަށް އައިސްފި ނަމަ ލިބޭ ހުރިހާ އެއްޗެއް ފުރަތަމަ ދާންވާނީ ދަރަނި ފޫބައްދަން. މިހާރު ބޭރުން ނަގާފައި ހުރި ދަރަންޏަށް އެކަނި ބެލި ނަމަވެސް ބޭރުން މިނަގާ ލޯނުތަކަށް ދައްކަން ޖެހޭ ފައިސާއަކީ މުޅި ބަޖެޓްގެ ސަތޭކައަކުން 20، ނޫނިއްޔާ ބަޖެޓްގެ ކޮންމެ ފަސްރުފިޔާ އަކުން އެއް ރުފިޔާ މިދަނީ ބޭރުން ނަގާފައި ހުރި ލޯނުތައް ދައްކަން،" ޔާމީނު ވިދާޅުވި އެވެ.
ޔާމީނު ވިދާޅުވީ ބަޖެޓާ ދެކޮޅު ހައްދަވަނީ އެހެންވެ ކަމަށެވެ.
ލިޔުމާ ގުޅޭ އޯޑިއޯ