ވައިގަދަވެ އދ. މަހިބަދޫ މަސްޖިދުލް އިހުސާނުގެ މުންނާރުގެ ގުއްބު ވެއްޓިއްޖެއެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް އަހުމަދު ޚަލީލް މިރޭ ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:00 އެހައިކަންހާއިރު ވައިގަދަވެ، މިސްކިތު މުންނާރުގެ ގުއްބު ވެއްޓިފައިވާ ކަމަށެވެ.

އޭގެ ސަބަބުން ތާޅަފިލި ހަލާކުވެފައިވާ ކަމަށާއި މުންނާރުގެ ބައި ވެއްޓި ޖެހުމުގެ ސަބަބުން މިސްކިތު ފުރާޅުން ބައެއްވެސް ހަލާކުވެފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.

"އެބައި ވެއްޓި ޖެހުނީ ފުރާޅުގައި. ޖެހުނުތަނުން ހަލާކުވެ ސީލިންވެސް އެތަނުން ހަލާކުވެފައި ހުރީ. މިހާރު ވާނީ މިސްކިތަށް ފެން ފޭބުން ހުއްޓުވުމަށް ވަގުތީ ގޮތުން އެތަނުގައި ޓިނު ޖަހާފައި،" ހަލީލް ވިދާޅުވިއެވެ.

މަހިބަދޫ މިސްކިތުގެ މުންނާރުން ބައެއް ވެއްޓިފައި -- ފޮޓޯ: އަބްދުﷲ ރަފީއު / ފޭސްބުކް

މަސްޖިދުލް އިޚްލާސް އަކީ 1997 ވަނަ އަހަރު ރަނގަޅު ފެންވަރަކަށް ހަދާފައިވާ މިސްކިތެއް ކަމަށް ހަލީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވައިގަދަވުމުގެ ސަބަބުން މަހިބަދޫގެ ގޭގޭގައި އިންދާފައިވާ ބައެއް ގަސްތަކުގެ އޮފިތައްވެސް ވެއްޓިފައިވާ ކަމަށާއި ފަސް ގަހެއް ވެއްޓުނު ކަމުގެ ރިޕޯޓުވެސް ލިބިފައިވާ ކަމަށެވެ. އަދި އެރަށުގައި ހުންނަ ދިރާގު އެންޓަނާގެ ދަނބުރާން ވެސް ކެނޑިފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ވައިގަދަވެ މަހިބަދޫގައި ހުރި ގަހެއް ވެއްޓިފައި -- ފޮޓޯ: އަބްދުﷲ ރަފީއު / ފޭސްބުކް

މީގެ އިތުރުން ފާނަ އާލާ ކުރުމަށް ވޯލްޑްބޭންކާއި ފިޝަރީޒް މިނިސްޓްރީ އަދި ކައުންސިލް ގުޅިގެން ހިންގާ ޕްރޮޖެކްޓުގެ ދަށުން އެރަށުގައި ހިންގާ ކޮށީގައި ފާނަ ބޮޑުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ބަހައްޓާފަިއވާ ފާނަކޮއްޓެއްގެ ވާ ކަނޑައިގެން ގޮސް ލައްގާފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކޮޅިގަނޑުގައި 55 މޭލާ 60 މޭލާ ދެމެދަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.