ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ ރައްޔިތުންތަކެއް އަނބުރާ އެމީހުންގެ ގައުމަށް ގެންގޮސްދިނުމަށް ހަމަޖެހިފައި އޮތް މޯލްޑިވިއަންގެ ފްލައިޓް ކެންސަލް ވެއްޖެއެވެ.

ފްލައިޓު ކެންސަލްވެފައި ވަނީ ޑާކާ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެނގިފައިވެއެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިންް އެނބުރި ގައުމަށްދާ 200 އެއްހައި މީހުންނާއެކު މި ފްލައިޓު ފުރުމަށް އެންމެ ފުރަތަމަ ހަމަޖެެހިފައިއޮތީ މިއަދުއެވެ. ނަމަވެސް މޫސުން ގޯސްވެ، ފްލައިޓު މާދަމާ އަށް ޑިލޭވިއެވެ.

ބޭއޮފް ބެންގަލް ސަރަހައްދުގައި އުފެދިފައިވާ ތޫފާނުގެ ބާރު ގަދަވެ ބަންގްލަދޭޝް ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވަނިކޮށް ފްލައިޓު ވަނީ ކެންސަލް ކޮށްފައެވެ.

ތޫފާން އަމްފާންގެ ސަބަބުން ދެކުނު އޭޝިޔާގެ ގިނަ ސަރަހައްދުތަކަށް ދަނީ ވިއްސާރައިގެ އަސަރުކުރަމުންނެވެ.

ތޫފާން އަމްފާން މިހާރު ކެޓެގަރީ ފަހެއްގެ ތޫފާނަކާއި އެއް މިންވަރަށް ނުރައްކާތެރިވެފައިވާއިރު ތޫފާނުގެ އެންމެ ނޭދެވޭ އަސަރުތައް ކުރާނީ ބަންގްލަދޭޝްގެ އައްސޭރި ފަށުގެ ހިސާބުތަކަށް އަދި އިންޑިޔާގެ އިރުމަތީ ސްޓޭޓްތަކަށްކަމަށް މީޓިއޮރޮލޮޖިސްޓުން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގައި އުޅޭޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 67 މީހަކު އިއްޔެ ވަނީ އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ފުރުވާލައިފައެވެ. އޭގެ އިތުުރުން 68 މީހުން ވެސް އަސްކަރީ މަތިންދާބޯޓެއްގައި ފުރުވާލިއިރު ހޮނިހިރު ދުވަހުވެސް ވަނީ ދިވެހި ސަރުކާރުން ޗާޓަރުކުރި ބަންގްލަދޭޝްގެ މަތިންދާބޯޓުގައި އެ ގައުމުގެ 353 މީހަކު ފުރުވާލައިފަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 1،500 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިމަހުގެ ކުރީ ކޮޅުގައި ވިދާޅުވެފަ އެވެ. ރައީސް އެހެން ވިދާޅުވި ފަހުން މިއީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލު ފުރަތަމަ ފަހަރެވެ. ނަަމަވެސް ކޮވިޑް-19ގެ ނުރައްކާ އެ ބިދޭސީންނަށް ބޮޑުވެފައިވާ އިރު ރައީސް އެހެން ވިދާޅުވުމުގެ ކުރިން ވެސް ވަނީ ބައެއް ބިދޭސީން އަނބުރާ ބަންގްލަދޭޝްއަށް ފޮނުވާލާފަ އެވެ.

ރާއްޖެއިން މިހާތަނަށް 1094 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެ ތެރޭގައި ބަންގްލަދޭޝްގެ 562 މީހުން ހިމެނެ އެވެ. މި ބަލި ޖެހުނު ހަތަރު މީހަކު ރާއްޖޭގައި މަރުވި އިރު އޭގެ ތެރޭ ބަންގްލަދޭޝްގެ އެކަކު ހިމެނެއެވެ.