ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީވުމުގެ ގޮތުން ބޭރުގެ ކުންފުންޏެއް ކަމަށްވާ، ސެންކެން އޯވާސީސްގެ ފަރާތުން ރާއްޖެއަށް ތާމަލް ކެމެރާ ނޫނީ ހުން ހުރިކަން ދެނެގަންނަ ކެމެެރާ ސިސްޓަމެއް ހަދިޔާކޮށްފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓާގެ އެއްބާރުލުން ބޭނުންވާ ކަމަށް ގަބޫލު ކުރާ ކަމަށާއި ސަރުކާރުން ކުރާ މަސައްކަތަށް އެހީވުމަށް އެ ކުންފުނިން ހައި އެންޑް ތާމަލް ސްކޭނަރެއް ދިވެހި ސަރުކާރަށް ހަދިޔާކޮށްފައިވާ ކަމަށެވެ.

މި ސިސްޓަމް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ތާމަލް ސިސްޓަމާ ހަވާލުވެ ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ސެންކެން ކުންފުނިން ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ މަތީފަންތީގެ ރިސޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައެވެ.

އަމާރީ ހަވޮއްޑާ މޯލްޑިވްސް ހިންގާ ކްރިސްޓަލް ޕްލާޒާ ރިސޯޓްސްގެ މެޖޯރިޓީ ޝެއާހޯލްޑަރަކީވެސް ސްރީލަންކާ އަށް ނިސްބަތްވާ ސެންކެން އޯވާސީސް އެވެ.

އެ ކުންފުނިން ވަނީ ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް ފާހަގަކޮށްފައެވެ.