26 Dec 2011, 11:01
ރާއްޖޭގައި އަލަށް ތަރައްގީ ކުރާ ކުދި އަދި މެދު ފަންތީގެ ޓޫރިޒަމް އިންޑިއާގައި ޕްރޮމޯޓް ކުރަން ރާއްޖެއިން ހާއްސަ މަސަކަތްތަކެއްފަށައިފި އެވެ.
އިންޑިއާއިން ރާއްޖެއަށް ވައިގެ މަގުން ގާތްގަނޑަކަށް ގަޑިއިރެއްހާއިރުން އާދެވޭއިރު އިންޑިޔާގެ ޓޫރިސްޓުން ރާއްޖެ އައުމަށް އެޅިފައިވާ ހުރަހަކީ އިންޑިއާގެ ޓޫރިސްޓުންނަށް ރާއްޖެ މާކެޓް ކޮށްދެއްވިފައި ނެތުމާއި ރާއްޖޭގެ މައުލޫމާތު އިންޑިއާއަށް ދެވިފައި ނެތުން ކަމަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ޒިންމާ އުފުލާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ން ބުނެ އެވެ.
"މިއޮތް ހުރިހާ ދުވަހު ރާއްޖެއިން މިދިޔައީ މަތީ ފެންވަރުގެ މާކެޓުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން. އެ މާކެޓްގައި އެކަނި ވިސްނުން ބަހައްޓައިގެން ނެތް ވާކަށް. މިހާރު ވިސްނޭ މެދު ފަންތީގެ ޓޫރިޒަމްގެ މުހިންމުކަން އަދި އޭނގެން ލިބޭ ފައިދާ ވެސް،" އެމްއެމްޕީއާރްސީގެ އެމްޑީ ސައިމަން ހޯކިންސް ވިދާޅުވި އެވެ.
ރާއްޖެ އާއި ގާތް ގުޅުންތަކެއް ބާއްވާ އިންޑިޔާގެ ޓޫރިސްޓު އައުޓް ފްލޯ 28 ޕަސެންޓް އިތުރުވެފައިވާއިރު ސައިމަން ވިދާޅުވީ ރާއްޖޭން އިންޑިއާގައި ޕީއާރް އޮފީހެއް ގާއިމްކޮށްފައިވާ ކަމަށާއި އެ އޮފީހުން ރާއްޖެ އިންޑިއާގައި ޕްރޮމޯޓް ކުރާނީ "ފައިންޑް ޔޯ އައިލެންޑް"ގެ ނަމުގައި ކަމަށެވެ.
"ފައިންޑް ޔޯ އައިލެންޑް، މި ނަމުގައި ރާއްޖެ ޕްރޮމޯޓް ކުރަނީ. އެތަނުން އަންނަން ބޭނުން ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ. މެދު ފަންތީގެ ރިސޯޓްތަކުގެ ތެރެއިން މީހަކަށް ރެއަކާ ދުވާލު 75 ޑޮލަރު ވަރަށް ޗުއްޓީ ހޭދަކޮށްލެވޭނެ،" ސައިމަން ވިދާޅުވި އެވެ.
ރާއްޖޭން ވަނީ އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް އިންޑިއާގެ އިތުރުން އިތުރު ފަސް ގައުމެއްގައި ޕީއާރް އޮފީސްތައް ހުޅުވާފަ އެވެ.
ޒަމާނުއްސުރެ ރާއްޖޭގެ ޓޫރިޒަމް ޔޫރަޕްގެ ޓޫރިޒަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުވެ ޗައިނާގެ ޓޫރިސްޓުންނަކީ މިހާރު ރާއްޖޭގެ ޓޫރިޒަމްގެ 28 ކަށް ޕަސެންޓެވެ.
ޓޫރިޒަމްގެ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި ވެސް އިންޑިއާއަކީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ބައެއް "ހިއްސާ ކޮށްފާނެ" މާކެޓެކެވެ. ނަމަވެސް ރާއްޖެ ރަނގަޅަށް މާކެޓްކޮށް އިންޑިއާޔާ ގުޅުން ބަދަހި ކުރުން މުހިންމު ކަމަށް އެ ބޭފުޅުން ދެކިލައްވަ އެވެ.
"ރާއްޖެ ވަރަށް ބޮޑަށް އިންޑިއާ މީހުންނަށް ޕްރޮމޯޓްކޮށްދޭން އެބަޖެހޭ. ރަނގަޅު މައުލޫމާތުދީ ރަނގަޅަށް ރާއްޖެ އެބަޖެހޭ އިންޑިއާގެ ޓޫރިސްޓުންނަށް ބުނެދޭން. އިންޑިއާގެ ގިނަ ބަޔަކު ރަނގަޅު ތަނަކަށް ޗުއްޓީ ހޭދަކޮށްލަން ދާންބޭނުވޭ. އެކަމަކު ރާއްޖެ އެމީހުންނަށް ޕްރޮމޯޓްކޮށްދެވިފައެއެއް ނުވޭ،" ޔުނިވާޝަލް ރިސޯޓްސް ގުރޫޕްގެ ޑައިރެކްޓާ ޝަންކަރު ކޮތާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުން ވަނީ 3.9 ޕަސެންޓަށް އިތުރުވެފަ އެވެ.