ނ. މަނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހާ ބަލިން ރަނގަޅުވެފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން އާއި ހަވާލާދީ، ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ބުނީ އޭނާގެ އެންމެ ފަހުން ހެދި ޓެސްޓުތަކުން ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބަލިޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަކީ މިހާރު އެންމެ އިސްކަންދޭ ކަންތައް ކަމަށާއި ބަލިޖފައިތިބި މީހުން ރަނގަޅުވަމުންދާއިރު އޭގެ ތެރޭ ދުވަސްވީ މީހުންވެސް ހިމެނޭކަމީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

މަނަދޫ އިން ޕޮޒިޓިވްވި ދުވަސްވީ މީހާއަށް ފަރުވާ ދިނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އަށް ވަނަ ފަންގިފިލާގައެވެ.

"މަނަދޫއިން ޕޮޒިޓިވްވި 80 އަހަރުގެ މީހާގެ އެންމެ ފަހުން ނެގި ޓެސްޓްވެސް ވަނީ ކޮވިޑަށް ނެގެޓިވެވްވެފައި. މިއީ މިމަސައްކަތުގައި އުޅޭ މީހުންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް،" ޕީއެސްއެމް އަށް ދެއްވި އިންޓަވިއު ގައި މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެ މީހާއާ ކޮންޓެކްޓުވި އިތުރު ނުވަ މީހަކު އެރަށުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި ގިނަ ބައެއްގެ ސާޕަލް ނަގައި މިއަދު ވަނީ މާލެ ގެނެސްފައެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ޒުވާން އުމުރުގެ މީހުން ކަމަށާއި އެ އެންމެންގެ ހާލުވެސް އިރާދަކުރެއްވީތީ މިވަގުތު ރަނގަޅު ކަމަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުންދަނީ 1030 މީހުންނަށެވެ. ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 1094 އެވެ. މިހާތަނަށް 59މީހަކު ބަލިން ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ.