ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް 10،000 ޓެސްޓްކިޓްއާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާ ކޮށްފިއެވެ.

ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްކަށް އެހީތެރިވުމަށް ޑަބްލިއުއެޗްއޯ އިން ދެމުންދާ އެހީތަކަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓެޓިވް ޑރ. އަރުވިންދު މާތުރަށް ގުޅުއްވާ ޝުކުރު އަދާކުރައްވައިފައެވެ.

ޑަބްލިއުއެޗްއޯ އިން މިއަދު ހަދިޔާކުރި ޓެސްޓިންގް ކިޓުތަކާއެކު އެ ޖަމްއިއްޔާއިން ރާއްޖެއަށް މިހާތަނަށް 21،000 ޓެސްޓްކިޓް ވަނީ ހަދިޔާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ކަނޑައަޅާ ޓެސްޓްކިޓްގެ އަދަދު އިތުރުވެގެންދާނެކަމަށް އެ ޖަމްއިއްޔާ އިން ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯ އިން މިއަދު ހަދިޔާކުރި ޕީޕީއީ އާލާތްތަކުގެ ތެރޭގައި ގައުންއާއި، ފޭސްމާސްކުގެ އިތުރުން އަންގިއާއި، ފޭސް ޝީލްޑްފަދަ މުހިންމު އާލާތްތައް ހިމެނޭކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ޑަބްލިއުއެޗްއޯ އިން ދަނީ އެކިގޮތްގޮތުންއެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކިސަރަހައްދުތަކުގައި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާއަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.