18 May 2020, 15:52
ދިއްލީ (މެއި 18): އިންޑިއާގެ ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން އަމްޕަންގެ ސަބަބުން ވެސްޓަން ބެންގާލް އާއި އޮޑީޝާ އެލާޓަށް ގެނެސްފި އެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނި ގޮތުގައި މިއަދު އެ ތޫފާން ވަނީ 'ސުޕަ ސައިކްލޯނިކް ސްޓޯމް'އަކަށް ބަދަލުވެފަ އެވެ. އަދި އަންނަ ބުދަ ދުވަހު އެ ތޫފާން ވެސްޓް ބެންގާލް އާއި ބަންގުލަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށާއި އޭރު ގަޑިއަކު 155 އާއި 165 ކިލޯމީޓަރާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް އެ ޑިޕާޓްމެންޓުން ލަފާ ކުރި އެވެ.
އެ ތޫފާނުގެ ސަބަބުން މާދަމާއިން ފެށިގެން ވެސްޓް ބެންގާލް އާއި އޮޑީޝާއަށް ބޯކޮށް ވާރޭ ވެހި، ވައިގަދަ ވާނެ ކަމަށް މެޓް ޑިޕާޓްމެންޓުން ބުންޏެވެ. އޭގެ ސަބަބުން ގެތަކާއި ދަނޑުބިންތަކަށް ގެއްލުންވެ ކަރަންޓާއި ރޭލުގެ ހިދުމަތަށް ބުރޫ އަރާފާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އިންޑިއާ ފުރަބަންދުގައި އޮތުމުން މިހާރު ކުރާ ރޭލު ދަތުރުތަކަކީ އަމިއްލަ އަވަށުން ބޭރުގައި މަސައްކަތް ކުރަމުން ދަނިކޮށް ވަޒީފާ ގެއްލުމުގެ ސަބަބުން އަނބުރާ އަވަށަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ކުރާ ދަތުރުތަކެވެ.
އެ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް)އިން ވަނީ ވެސްޓް ބެންގާލް އާއި އޮޑީޝާއަށް 37 ޓީމެއް ފޮނުވާފަ އެވެ. އަދި މަސްވެރިންނަށް ވަނީ މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ބޭ އޮފް ބެންގާލްގެ އުތުރާއި ދެކުނުގައި ދަތުރު ނުކުރުމަށް އަންގާފަ އެވެ.
މީގެ އިތުރުން އޮޑީޝާއިން ވަނީ ތޫފާންގެ ސަބަބުން ގެއްލުން ލިބިދާނެ ސަރަހައްދުތަކުގައި ތިބި 11 ލައްކަ ވަރަކަށް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ވެސްޓް ބެންގާލް އިން ވަނީ ވަގުތީ ހިޔާތަކުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ޖިސްމާނީ ގައިދުރުކަމުގެ ގަވާއިދުތަކަށް އަމަލު ކުރާނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ މެޓް އޮފީހުން ވަނީ ތޫފާން އަމްޕަންގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ބާރު ގަދައީ ތޫފާނުގެ ނުސީދާ އަސަރުގެ ސަބަބުންނާއި މިއީ ހުޅަނގު މޫސުމަށް ވާތީ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މާޗް 24ގައި އިއުލާން ކުރި ފުރަބަންދުގެ މުއްދަތު އިއްޔެ ވަނީ އަނެއްކާވެސް ދެ ހަފްތާއަށް އިތުރުކޮށްފަ އެވެ. އެ ފިޔަވަޅުގެ ސަބަބުން އެގައުމުގެ ބޮޑެތި ސިޓީތަކުގައި ނުރަސްމީ ވަޒީފާތައް އަދާ ކުރަމުން ދިޔަ އެތައް މިލިއަން މީހުންގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި އޭގެ ތެރެއިން އަމިއްލަ އަވަށަށް ދާން މިސްރާބު ޖަހާފައިވާ މީހުންގެ ތެރޭގައި ވެސްޓް ބެންގާލް އާއި އޮޑީޝާއަށް ދާ މީހުންވެސް ހިމެނޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އިންޑިއާގައި މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު 96،000އަށް އަރާ، ބަލީގައި 3،029 މީހަކު ވަނީ މަރުވެފަ އެވެ.