މާލެ ފުރަބަންދުގައި އޮތުމުން ރަށްރަށަށް ނުދެވިފައި ތިބި މީހުން އަނބުރާ ފޮނުވާލުމުގެ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ދޯހަޅި ކަމަށް ވިދާޅުވެ، އެކަން ހައްލު ނުކުރާނަމަ މަޖިލީހުން އެކަމުގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

މާލެއިން އެނބުރި ރަށަށް ދާން 5،000 އަށް ވުރެ ގިނަ މީހުން އެދިފައިވެ އެވެ. އެހެން ނަމަވެސް އެ މީހުން ރަށްރަށަށް ގެންދާނީ، 14 ދުވަހު ކަރަންޓީނު ކުރުމަށް ފަހު ކަމަށް ވަނީ ނިންމައިފަ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ، ރަށްރަށަށް އެނބުރި ދާން ބޭނުންވާ މީހުންގެ ޝަކުވާތައް މެންބަރުންނަށް އިންތިހާއަށް ލިބެމުން އަންނަ ކަމަށާއި މިހާރު ކަރަންޓީނު ކުރަން ނިންމާފައިވާ އުސޫލުން އެ މީހުންނަށް ރަށަށް ދެވޭނެ ދުވަހެއް ވެސް ނޭނގޭކަން ފާހަގަ ކުރައްވައިފަ އެވެ.

ފުރަތަމަ ބުރުގައި ކަރަންޓީނު ކުރަން ނިންމާފައި އޮތީ 500 މީހުން ނަމަވެސް، އެ މީހުން ވެސް އަދި ކަރަންޓީނަށް ނުގެންދެވި އަންނަނީ ލަސްތަކެއް ކުރިމަތިވަމުންނެވެ. އެ މީހުން ކަރަންޓީނު ކުރަން ނިންމާފައި ވަނީ ސަރުކާރުން ގާއިމް ކޮށްފައިވާ ކަރަންޓީނު މަރުކަޒުތަކުގަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުން މާލޭގައި އުޅެމުން ދާ ނިކަމެތި ހާލު އެމަނިކުފާނަށް ވަރަށް ބޮޑަށް އިހުސާސް ކުރެއްވޭ ކަމަށާއި އެކަން ހައްލު ކުރަން ސަރުކާރުން އެދެވޭ މަސައްކަތެއް ނުކުރެވިގެން އުޅޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެކަމުގައި މެންބަރުން އިންތިހާއަށް ކަންބޮޑުވެ ހިޔާލު ފާޅުކުރައްވާއިރު، މެންބަރުންގެ އެ ވާހަކަތަކަށް ސަރުކާރުން ފަރުވާލެއް ނުބަހައްޓާ ނަމަ، އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމުގެ ބާރު ވެސް މަޖިލީހަށް ލިބިގެންވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ ތިޔަ އިއްޒަތްތެރި މެންބަރުންގެ ބާރު އޮންނާނެ. މެންބަރުން ފާހަގަ ކުރައްވާ މައްސަލައަށް އަމަލު ނުކުރެވޭނަމަ އިތުބާރު ނެތް ކަމަށް ވެސް ނިންމޭނެ، އެހެންވިޔަސް އަޅުގަނޑުމެން ދާން ބޭނުންވާ އަމާޒެއް ނޫން އެއިއްޔަކީއެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވަން އެބަ ޖެހޭ، މާލޭގައި އެތައް ބަޔަކު މިހެން ތާށިވެފައި ތިބުމަކީ އެތައް އާއިލާއަކަށް ލިބެމުންދާ ވަރަށް ބޮޑު ގެއްލުމެއް ކަން،"

ނަޝީދު ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަށް ރަށަށް ފޮނުވުމުގައި ގެންގުޅޭ ސިޔާސަތުގެ ސަބަބުން މަޖިލިސް މެންބަރުންގެ ކެތްތެރިކަން މިހާރު ކޮޅުންލަމުންދާކަން އެމަނިކުފާނަށް ވިސްނި ވަޑައިގަންވާ ކަމަށެވެ. އަދި މެންބަރުންނަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށްކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ކެތްތެރިކަން ވެސް ކޮޅުންލާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ރަށްރަށުގެ މީހުން ރަށްރަށަށް ފޮނުވޭނޭ އިންތިޒާމެއް މިވަގުތުން ވަގުތަށް މުހިންމުވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް އެބަ ފެނޭ މަޖިލީހުގެ މެންބަރުންގެ ކެތްތެރިކަން މި ކަމުގައި ކޮޅުން ލައިގެން އެބަ ދާ ތަން، އަޅުގަނޑުގެ ކެތްތެރިކަން ވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް،" މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވަނީ، ކޮރޯނާވައިރަހުގެ ކަންކަން މާ ބޮޑުކޮށްލައިގެން އުޅޭކަން ދޭހަވާ މޭރުމަކުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮރޯނާވައިރަހުން ޖެހޭ ބައްޔަކީ ބައެއް މީހުންނަށް ނުރައްކާތެރި ރޯގާއެއްކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެއީ މަރުބައްޔެއް ނޫން ކަމަށެވެ. އަދި ޓީވީތަކުން މި ރޯގާއަކީ ބިރުވެރި ފިލްމެއްގެ ގޮތުގައި ސިފަކުރަމުން ދާތީ، އެއީ ގޯހެއް ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ނަރުދޫ 11 މީހުންނަށް ޖެހިއްޖެ. އެމީހުން ހަގީގަތުގައި ގަބޫލެއް ނުކުރެ އެމީހުންނަށް ކަމެއް ވެފާ ތިބި ކަމަކަށް ވެސް. މި ބަލީގެ ނުރައްކާތެރިކަމެއް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވުނު. އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންނަކަށް. އެއީ މި ބައްޔަކީ އެ ފާހަގަކުރެވުނު ބާވަތުގެ މަރު ބައްޔެއް ނޫންކަން. މަރު ބަލީގެ ގޮތުގައި ފާހަގަވާ ބަލިތައް އެބަހުރޭ. މި ބައްޔަކީ ނުރައްކާތެރި ބައްޔެއް ބަލީގައި ހާލުދެރަވާ، ހާލު ބޮޑުވާ މީހުންނަށް. އެހެން ނަމަވެސް އެއީ ވަރަށް މަދު އަދަދެއްގެ މީހެއް ކަން އެެއީ އިރާދަފުޅުން ލިބިފައިވާ ނަސީބެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބޭހެއް އަދި ވެކްސިނެއް ވެސް ނުދީ މި ބަލިން ގިނަ ބަޔަކު ސަލާމަތްވާ ކަމަށެވެ. އަދި ގިނަ މީހުންނަށް ބަލީގެ އުނދަގޫތަކެއް ނުވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.