26 Dec 2011, 09:46
މީގެ ހަތް އަހަރު ކުރިން 2004 ވަނަ އަހަރުގެ މި ދުވަހު އޭޝިޔާގެ ގިނަ ގައުމުތަކެއް ހަލާކުވި، ސުނާމީ ކާރިސާގެ ހަނދާންތައް މިއަދު އެކި ގައުމުތަކުގައި ފާހަގަކުރަމުން އެބަދެ އެވެ.
ސުނާމީ އެރި ދުވަސް ހަނދާން ކުރުމުގެ ގޮތުން، އެ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އިންޑޮނޭޝިޔާގެ ބަންދަރު އަޗޭގައި ހިންގީ ވަރަށް ބޭނުންތެރި ޕްރޮގްރާމެކެވެ.
ސުނާމީ އެއް އަރައިފި ނަމަ ލިބޭ ގެއްލުން ކުޑަ ކުރުމަށް، ސަލަމާތީ ގޮތުން ކުރާނެ ކަންތައްތަކަށް ތައްޔާރުވުމުގެ ގޮތުން ބަންދަރު އަޗޭގައި އިއްޔެ ބޭއްވި ޑްރިލްގައި ހާހަކަށް ވުރެ ގިނަ ދަރިވަރުން ބައިވެރިކުރި އެވެ.
ބަންދަރު އަޗޭގެ ސުނާމީ އެންޑް ޑިޒާސްޓާ މިޓިގޭޝަން ރިސާޗް ސެންޓަރުގައި "ސްކޫލްސް ރެޑީ ފޯ ޑިޒާސްޓާ ފެސްޓިވަލް" ގެ ނަމުގައި ބޭއްވި ތަމްރީނު ޕްރޮގްރާމް ފައްޓަވައި ދެއްވީ އެރަށުގެ މޭޔަރު މަވަޑްރީ ނާޑިން އެވެ.
"ކާރިސާތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކުގައި ހުންނަ ސްކޫލްތަކުގެ ގާބިލުކަން އިތުރު ކުރުމަކީ ކާރިސާތަކަށް މީހުން ތައްޔާރުކުރުވުމުގެ މަސައްކަތްކުރާ އެންމެންގެ ވެސް ޒިންމާއެއް،" ފެސްޓިވަލް ހުޅުވައި ދެއްވަމުން މަވަޑްރީ ވިދާޅުވި އެވެ.
ކާރިސާތަކަށް ތައްޔާރުވުމުގެ ތަމްރީނު ޕްރޮގްރާމަށް ފަހު ސުނާމީއާ ގުޅޭ ފޮޓޯ އެގްޒިބިޝަނަކާއި ކުރެހުމުގެ މުބާރާތެއް ވެސް ބަންދަރު އަޗޭގައި އިއްޔެ ފެށި އެވެ. އެ ހަރަކާތްތަކުގައި ބަންދަރު އަޗޭ އާއި އެރަށުގެ ކައިރީގައިވާ އަޗޭ ބިސާރުގެ އެކި ސްކޫލްތަކުން 1000 އަށް ވުރެ ގިނަ ކުދިން ބައިވެރިވި އެވެ.
ސްނާމީގައި އިންޑިޔާ ކަނޑުގެ 12 ގައުމަކުން 230،000 އަށް ވުރެ ގިނަމީހުން މަރުވި އިރު އިންޑޮނޭޝިޔާގެ އަޗޭ ޕްރޮވިންސުން އެކަނި 164000 މީހުން މަރުވި އެވެ.