18 May 2020, 13:02
ލަންޑަން (މެއި 18): އާ ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ނާކާމިޔާބުވުމުގެ ފުރުސަތު އޮތް ކަމަށާއި އެހެންކަމުން ވައިރަސް ކޮންޓްރޯލް ކުރެވޭނެ އާ ގޮތްތައް ހޯދަން ޖެހޭ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގައި އިއްޔެ ޖޯންސަން ލިޔުއްވި ގޮތުން ވެކްސިން ހޯދުމުގެ މަސައްކަތުގައި ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. އަދި ވައިރަހަށް ވެކްސިނެއް ނުހޯދުމަކީވެސް އެކަށީގެންވާ ކަމެކެވެ.
"އަޅުގަނޑު ބުނިން ވެކްސިނެއް ހޯދަން ކުރެެވެން އޮތް ހުރިހާ ކަމެއް ކުރާނަމޭ. އެ މަސައްކަތުގައި ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި، އަދި ތެދަށް ބުނާ ނަމަ ވެކްސިން ހޯދުމުގެ މަސައްކަތް ކާމިޔާބު ނުވުންވެސް އެކަށީގެންވޭ،" ޖޯންސަން ލިޔުއްވި އެވެ.
އެހެން ނަމަވެސް އިނގިރޭސިވިލާތުން ދަނީ ވެކްސިނެއް ހޯދުމުގެ މަސައްކަތުގައި އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުން ކަމަށާއި ވެކްސިނާ ބެހޭ އެންމެ އުއްމީދީ ބައެއް ދިރާސާތައް ކުރިއަށްގެންދަނީ އެގައުމުގައި ކަން ޖޯންސަން ފާހަގަ ކުރެއްވި އެވެ.
"މި މަސައްކަތްތަކާ އެކުވެސް، އަޅުގަނޑުމެން އެބަ ގަބޫލު ކުރަން ޖެހޭ ވައިރަހާ އެކު ދިރިއުޅެން ޖެހިދާނެކަން. އަޅުގަނޑުމެން އެބަ ހޯދަން ޖެހޭ ވައިރަސް ކޮންޓުރޯލް ކުރެވޭނެ އާ ގޮތްތައް. އެކަން ކުރާނީ ޓެސްޓުކޮށްގެންނާއި ޓްރޭސްކޮށްގެން،" ޖޯންސަންގެ ލިޔުމުގައިވެ އެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގައި ހުޅުވާ ވެކްސިން އުފައްދާ ސެންޓަރެއްގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން 110 މިލިއަން ޑޮލަރު ދޭނެ ކަމަށާއި އެގައުމުން ދަނީ ބަލި އަވަހަށް ރަނގަޅު ކުރެވޭނެ ބޭސްތައްވެސް ޓެސްޓު ކުރަމުން ކަމަށް ޖޯންސަން ވިދާޅުވި އެވެ.
ސިއްހީ މާހިރުން ވަނީ އާ ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމަށް މުޅި ދުނިޔޭގައި އެތައް ހާސް ސައިންސުވެރިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ވެކްސިނެއް ލިބޭވަރުވާން އަދި އެތައް މަހެއް ނުވަތަ އަހަރުތަކެއްވެސް ނަގާފާނެ ކަމަށް ބުނެފަ އެވެ.
ދުނިޔޭގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 4.7 މިލިއަނަށް އަރާ، ބަލީގައި 315،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1.7 މިލިއަން ހުރަސްކޮށްފަ އެވެ.