26 Dec 2011, 09:32
މި ވޭތުވެ ދިޔަ 700 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިންޑިޔާ ކަނޑުގެ ސަރަހައްދަށް އައި އެންމެ ބޮޑު ބިންހެލުމަކީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26ވީ އާދީއްތަ ދުވަހުގެ ފަތިހު ރާއްޖޭ ގަޑިން 05 ގަޑި 58 މިނެޓް 53 ސިކުންތުގައި އިންޑޮނޭޝިޔާގެ ކައިރިން ކަނޑުގެ އަޑިޔަށް ރެކްޓާ މިންގަނޑުން 9.1 އާއި 9.3 ގެ ބާރު މިނުގައި އައި ބިންހެލުމެވެ. އަށް މިނެޓާއި 10 މިނެޓުގެ ވަގުތަކަށް ދެމިގެން ދިޔަ މި ބިންހެލުމަކީ "އަންޑާ ސީ މެގަ ތުރަސްޓް އާތުކުއޭކް" އެކެވެ.
މި ކާރިސާގެ ސަބަބުން 14 ގައުމަކުން 230000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. މިއީ މީލާދީން 526 ވަނަ އަހަރުގެ ފަހުން ރެކޯޑު ކުރެވިފައިވާ ބިންހެލުންތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވި އެއް ބިން ހެލުމެވެ. މި ބިން ހެލުމަކީ ތިން ވަނަ އަށް އެންމެ ބާރުގަދަ ބިންހެލުމުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ބިން ހެލުމެވެ.
ސުނާމީއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކާއި ގެއްލުން ލިބުނު ސަރަހައްދުތަކަށް އެހީއެއްގެ ގޮތުގައި މުޅި ދުނިޔެ އިން 14 ބިލިޔަން ޑޮލަރު ދީފައިވެ އެވެ.
މިހާދިސާގައި އިންޑޮނޭޝިޔާ އިން 130736 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 37063 މީހުން ވަނީ ގެއްލިފަ އެވެ. އެހެންކަމުން މަރުވިކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ އަދަދަކީ 167799 އެވެ. މި ހާދިސާގައި އިންޑޮނޭޝިޔާ އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ފަސް ލައްކައަށް ވުރެ މައްޗެވެ. ޝްރީލަންކާ އިން 35322 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 21411 މީހުންނަށް އަނިޔާވި އެވެ. ލަންކާ އިން ވެސް ގެދޮރު ގެއްލުނު މީހުންގެ އަދަދު ފަސް ލައްކަ އަށް ވުރެ މައްޗެވެ. އިންޑިޔާ އިން 12405 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 5640 މީހުން ވަނީ ގެއްލިފަ އެވެ. އެހެންކަމުން މަރުވިކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ އަދަދަކީ 18045 އެވެ. މި ހާދިސާގައި އިންޑިޔާ އިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ހަ ލައްކަ އަށް ވުރެ މައްޗެވެ. ތައިލޭންޑުން 5395 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ އިރު 2817 މީހުން ވަނީ ގެއްލިފަ އެވެ. އެހެންކަމުން މަރުވިކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ އަދަދަކީ 8212 އެވެ. އަދި އަނިޔާ ލިބުނު މީހުންގެ އަދަދަކީ 8457 އެވެ. މި ހާދިސާގައި ތައިލޭންޑުން ގެދޮރު ގެއްލުނު މީހުންގެ އަދަދަކީ ގާތްގަނޑަކަށް 7000 އެވެ. ސޯމާލިޔާ އިން 78 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު 211 މީހުން ގެއްލިފައިވާ ކަމަށް ބެލެވެއެވެ. އެހެންކަމުން މަރުވިކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ އަދަދަކީ 289 އެވެ. މި ހާދިސާގައި ސޯމާލިޔާއިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ފަސް ހާހަށް އަރައެވެ. ބަރުމާއިން 61 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު 340 އާއި 540 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ ގެއްލިފައެވެ. އެހެންކަމުން މަރުވިކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ އަދަދު އުޅެނީ 400 އާއި 600 އާ ދެމެދުގައެވެ. އަދި އަނިޔާ ލިބުނު މީހުންގެ އަދަދަކީ 45 އެވެ. މި ހާދިސާގައި ބަރުމާއިން ގެދޮރު ގެއްލުނު މީހުންގެ އަދަދަކީ ގާތްގަނޑަކަށް 3200 އެވެ. ދިވެހިރާއްޖެއިން 82 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު 26 މީހުން ވަނީ ގެއްލިފައެވެ. އެހެންކަމުން މަރުވިކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ އަދަދަކީ 108 އެވެ. މި ހާދިސާގައި ދިވެހިރާއްޖެއިން ގެދޮރު ގެއްލުނު މީހުންގެ އަދަދު ފަނަރަ ހާހަށް ވުރެ މައްޗެވެ. މެލޭޝިޔާއިން 68 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު 7 މީހުން ގެއްލިފައިވާ ކަމަށް ބެލެވެއެވެ. އެހެންކަމުން މަރުވިކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ އަދަދަކީ 75 އެވެ. އަދި އަނިޔާ ލިބުނު މީހުންގެ އަދަދަކީ 299 އެވެ. ޓެންޒޭނިޔާއިން 10 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު 3 މީހުން ގެއްލިފައިވާ ކަމަށް ބެލެވެއެވެ. އެހެންކަމުން މަރުވިކަމަށް އަންދާޒާ ކުރެވިފައިވާ މީހުންގެ އަދަދަކީ 13 އެވެ. ސެސެލުން (ސީޝެލްސްއިން) 3 މީހަކު މަރުވެފައިވާއިރު 57 މީހަކަށް އަނިޔާވެފައިވެއެވެ. މި ހާދިސާގައި ސެސެލުން ގެދޮރު ގެއްލުނު މީހުންގެ އަދަދަކީ ގާތްގަނޑަކަށް 200 އެވެ. މި ހާދިސާގައި ބަންގަލާދޭޝާއި ދެކުނު އެފްރިކާ އާއި ޔަމަނާ މިއިން ކޮންމެ ގައުމަކުން ވެސް 2 މީހުން މަރުވެފައިވާއިރު ކެންޔާއިން އެކަކު މަރުވެ 2 މީހަކަށް އަނިޔާ ލިބިފައިވެއެވެ. މަޑަގަސްކަރައިން މީހަކު މަރު ނުވި ކަމުގައި ވިޔަސް މި ހާދިސާގެ ސަބަބުން އެ ގައުމުގެ 1000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ.
މާލީ ގޮތުން ގައުމުތަކަށް ލިބުނު ގެއްލުން ބިލިޔަނުން ގުނާލެވޭއިރު، މި ހާދިސާއާ ގުޅިގެން އެހީގެ ގޮތުގައި ގައުމުތަކަށް ލިބުނު އެހީގެ ޖުމުލަ 14 ބިލިޔަނަށް އަރައެވެ.