18 May 2020, 12:49
ފުލުހުންގެ ފޮރެންސިކްސް ޑިޕާޓްމެންޓުގެ ޓީމެއް ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ސީޕީ ވިދާޅުވީ، ކޮވިޑް-19އަށް ޕީސީއާރް ޓެސްޓު ކުރުމުގެ މަސައްކަތުގައި ފުލުހުންގެ ފޮރެންސިކްސްގެ 12 އެނަލިސްޓިކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭގެ އިތުރުން، ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ކަންކަން އިތުރަށް ވަރުގަދަ ކުރަން ފުލުހުންގެ ފޮރެންސިކްސްއިން އޭޑީކޭ ހޮސްޕިޓަލުގެ ހަތަރު ލެބް ޓެކްނީޝަނުން ތަމްރީނު ކުރަމުންދާކަންވެސް ސީޕީ ހާމަ ކުރެއްވި އެވެ.
ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވާއިރު، ފުލުހުން ދަނީ ފްރޮންޓްލައިންގައި އެހެނިހެން މަސައްކަތްތައްވެސް ކުރަމުންނެވެ. އޭގެ ތެރޭގައި މަގުމަތި ބެލެހެއްޓުމާއި ބިދޭސީން ދިރިއުޅޭ ތަންތަން ބެލެހެއްޓުން ހިމެނެ އެވެ.
އިއްޔެ ސީޕީ ހަމީދު ހާމަކުރެއްވި ގޮތުގައި މިހާތަނަށް 23 ފުލުހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.