18 May 2020, 12:00
ކޮވިޑް19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން "އިންކަމް ސަޕޯޓު އެލަވަންސް" އަށް އެދި ފޯމު ހުށަހެޅުމަށް ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފި އެވެ.
އިންކަމް ސަޕޯޓް އެލަވެންސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދޭ އެލަވެންސެކެވެ.
މި އެލަވަންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.
މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.
އެލަވަންސަށް އެދި މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް މިހާރު ވަނީ ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފަ އެވެ.
މާޗު 1 އިން 30 އޭޕްރީލްގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި ކަމަށް ކަނޑައަޅާފައި ވަނީ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މެއި 1 ން 30 މެއިގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ހަތެއް ޖޫންއެވެ.
ޖޫން 1 ން 30 ޖޫންގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.
އެލަވަންސް ދިނުމުގެ އުސޫލު ބުނާގޮތުން މާޗު އެކަކާއި ހަމައަށް އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށްވެސް ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއް އޮތްނަމަވެސް އަދި ނެތް ނަަމަވެސް މި އެލަވެންސް ލިބިދެވޭނެ އެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެ ކަމަށާއި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށް ކަމަށް ބުނެފައިވެ އެވެ.
ވަޒީފާ އިން ވަކިކޮށްފައިވާ ފަރާތްތަކަށް މި އުސޫލުގެ ދަށުން 5،000 ރުފިޔާ ލިބޭނެ އެވެ. ނޯޕޭ އަށް ފޮނުވާފައިވާ ފަރާތްތަކަށްވެސް މި އަދަދަށް އެލަވެންސް ލިބޭއިރު މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިންް މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ދޭނެއެވެ.
އެލަވަންސް ދިނުމުގައި، ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެ ފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާއަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުދިޔާ އިން އެ އަދަދު އުނިކުރުމުން ބާކީ އޮންނަ އަދަދާ އެއްވަރުގެ އަދަދެއް، އެ ފަރާތަކަށް ދޭނެ ކަމަށް އުސޫލުގައި ވެއެވެ.
އެލަވަންސް ހޯދުމަށް ހުށަހަޅައިފައިވާ ފަރާތަކީ އެހެން އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ، އެފަދައިން ލިބޭ އިތުރު އާމްދަނީން މަހެއްގެ މައްޗަށް ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ބޮޑު އަދަދެއްނަމަ އެ މީހަކަށް އެލަވެންސް ނުލިބޭނެ ކަމަށްވެސް އުސޫލު ބުނެ އެވެ.
މި އެލަވެންސް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ، ދިވެހިންނަށެވެ. އަދި އެއީ، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިހުރި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށް ވާން ޖެހޭނެއެވެ.