18 May 2020, 11:22
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި، ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބޭ ގެއްލުންތައް ފޫބައްދަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެވެ.
ނިހާދު ހުށަހެޅުއްވި މައްސަލައިގައި ކްލައިމެޓް އެމަޖެންސީ އަކީ ޖޯކެއް ކަމުގައި ނުދެކި، މޫސުމަށް އަންނަ ނުރަނގަޅު ބަދަލުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި ރައްޔިތުންގެ ގެދޮރާ މުދާ ހިމާޔަތް ކުރުމުގެ މަސައްކަތަށް އިސްކަމެއް ދީގެން ކުރުމަށް ވަނީ ގޮވާލައްވައިފަ އެވެ.
މީގެ އިތުރުން މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށްރަށާއި ގެދޮރާއި މީހުންގެ މުދަލަށް ލިބެމުންދާ ގެއްލުން، އަދި ހާއްސަކޮށް އައްޑޫ ސިޓީ ފޭދޫ ރައްޔިތުންގެ މުދަލާ ގެދޮރަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް މިހާރުުން މިހާރަށް ފިޔަވަޅު އެޅުމަށާއި އަދި ގެއްލުން ފޫބެއްދުމަށް މާލީ ގޮތުން އެހީވުން އަވަސްކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށް ފެން ވަދެ ގެއްލުންތައް ލިބިފައިވެއެވެ. ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފޭދޫ އަށެވެ.
ނިހާދު މިއަދު ވިދާޅުވީ ވިއްސާރައިގައި ފޭދޫގެ 544 ގެއަކަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ.
އައްޑޫގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކަށް ވެސް ވިއްސާރައިގެ ސަބަބުން އަންނަނީ ގެއްލުން ލިބެމުންނެވެ.
ނިހާދު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 44 މެމްބަރުންގެ ވޯޓުންނެވެ.