18 May 2020, 10:02
އިނގިރޭސިވިލާތުގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތަށް 17،000 އަށް ވުރެ ގިނަ މީހުން ރެކްރޫޓް ކުރެވިއްޖެކަމަށް އެެގައުމުގެ ސަރުކާރުން ބުނެފި އެެވެ.
އިނގިރޭސިވިލާތުގެ ކެބިނެޓް މިނިސްޓަރު މައިކަލް ގޯވް ވިދާޅުވީ އެ ގައުމުން އަމާޒު ހިފާފައި ހުރީ 18،000 މީހުން ރެކްރޫޓް ކުރަން ކަަމަށާއި އެހެންކަމުން މިހާރު އޮތީ އެ އަމާޒަށް ވާސިލްވުމުގެ މަގުމަތީގައި ކަމަށެވެެ.
ކޮންޓެކްޓް ޓްރޭސަރުންގެ މަސައްކަތުގެ ތެރޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ގުޅައި އެމީހުންނާ ކައިރިވި މީހުން ހޯދުމަށް އެހީތެރިވެދިނުން ހިމެނެއެެވެ.
ސަރުކާރުގެ އަމާޒަށް ވާސިލް ވާން ކައިރިވިޔަސް އެ އަދަދަކީ އެކަށީގެންވާ އަދަދެއް ނޫންކަމަށް ބުނެ ސައިންޓިސްޓުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެކަން ރަނގަޅަށް ކުރަން 100،000 މީހުން ބޭނުންވާ ކަަމަށް ވަނީ ބުނެފަ އެެވެ.
އިމްޕީރިއަލް ކޮލެޖްގެ ޕަބްލިކް ހެލްތުގެ ހެޑް ވިދާޅުވީ ޗައިނާގެ ވޫހާންގައި ބަލި ފެތުރުނުއިރު އެ ސަރަހައްދުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް 9000 މީހުން ނެރުނު ކަމަށެެވެ. ވޫހާންއަކީ 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދެކެެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް 2024 އާ ހަމައަށް ކުރިއަށް ގެންދަން ޖެހިދާނެކަމަށް ޔޫކޭގެ ޕަބްލިކް ހެލްތު އޮފިޝަލުން ދަނީ ވިދާޅުވަމުންނެވެ.
ކޮރޯނާ ޖެހިފައިވާ 244،000 މީހަކު އިނގިރޭސިވިލާތުން މިހާތަނަަށް ފެނިފައިވާއިރު ބަލީގައި 34،636 މީހުން ވަނީ މަރުވެސްވެފަ އެެވެ.
މައުލޫމާތު: ސީއެންއެން