ކޮވިޑަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ބުނެ އަޑު ފެތުުރުނު އެންޓި މެލޭރިއާ ބޭސް، ހައިޑްރޮކްސިކްލޮރޯކުއައިނިން ބައްޔަށް ނުގުޑާ ކަމަށް އާ ދިރާސާއެއްގައި އަނެއްކާ ވެސް ބުނެފި އެެވެ.

އެމެރިކާ މެޑިކަލްސް އެސޯސިއޭޝަންގެ ޖާނަލްގައި މިދިޔަ ހޯމަ ދުވަހު ޝާއިއުކުރި އެ ދިރާސާއާއެކު މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު ނިއު އިންގްލެންޑްގެ ޖާނަލް އޮފް މެޑިސިންގައި ޝާއިއުކުރި ދިރާސާގައި ވެސް ބުނީ އެ ބޭސް ކޮވިޑަށް ނުގުޑާ ކަމަށެވެ.

މީގެ ކުރިން އެންޓި މެލޭރިއާބޭސް ކޮވިޑަށް ފަރުވާ ދިނުމުގައި ބޭނުން ނުކުރަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އޮތީ ގޮވާލައިފަ އެެވެ.

ޔުނިވާސިޓީ އޮފް އަލްބަނީއިން އެންމެ ފަހުން ކުރި ދިރާސާގައި ނިއުޔޯކްގެ ހޮސްޕިޓަލްގައި ކޮރޯނާ ޖެހިގެން އެޑްމިޓްކޮށްގައި އޮތް 1438 ބަލި މީހުން ބޭނުންކޮށްގެން ވަނީ ދިރާސާކޮށްފަ އެވެ.

އެ ދިރާސާގައި ބުނީ އެންޓި މެލޭރިއާ ބޭސް ބޭނުން ނުކުރާ ފަރާތްތަކާއި ބޭސް ބޭނުންކުރި ފަރާތްތަކުގެ މެދުގައި މަރުވާ ރޭޓް ހުރީ އެއްވަރެއްގައި ކަމަށެވެެ.

އޭގެ އިތުރުން ބައެއް ބަލި މީހުންނަށް ވަނީ އެންޓި މެލޭރިއާ ބޭހާ އެކު އެންޓި ބަޔޮޓިކްއެއް ކަމަށްވާ އެޒިތުރޮމައިސިންވެސް ދީފަ އެވެެ. އަދި އެ ދެބޭސް އެއްކޮށް ދީގެންނާއި އެންޓި މެލޭރިއާ ބޭސް އެކަނި ދީގެންވެސް މަރުވާ ރޭޓް ހުރީ އެއްވަރެއްގައި ކަމަށް ވަނީ ބުނެފައެެވެ.

އެހެން ނަމަވެސް ދެ ބޭސް އެއްކޮށް ދިން މީހުންނަށް ކާޑިއެކް އެރެސްޓަކަށް ދިއުމުގެ ފުުރުސަތު ބޮޑުކަމަށް ވަނީ ބުނެފައެވެެ. ހައިޑްރޮކްސިކްލޮރޯކުއައިނިން ބޭނުންކުރުމުން ހިތުގެ މައްސަލަ ކުރިމަތިވާކަން ކުރިން ވެސް އެނގެ އެެވެ.

އެ ދިރާސާގައި އުޅުއްވި ޔުނިވާސިޓީގެ ޑީން ޑޭވިޑް ހޮލްޓްގްރޭވް ވިދާޅުވީ އެ ދިރާސާއިން ވެސް އެނގިގެން ދިިޔައީ މީގެ ކުރިން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރިން މިދިޔަ އޭޕްރީލްގައި ދިން އިރުޝާދުގެ ތެދުކަންކަމަށެެވެ. އަދި މީހުންގެ ފުރާނައާ ގުޅިފައިވާ ކަމެއްގައި ސާބިތުވާ ވަރަަށް ޑޭޓާ ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެެވެ.

ހައިޑްރޮކްސިކްލޮރޯކުއައިނިން ބޮޑަށް މަޝްހޫރު ވެގެން ދިޔައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ބޭސް މާބޮޑަށް ޕްރޮމޯޓް ކުރައްވަމުން ދިއުމުގެ ސަބަބުންނެވެ. ޓްރަމްޕް މީގެ ކުރިން ވިދާޅުވީ އެ ބޭހާއެކު މުޅި މަންޒަރު ބަދަލުވެގެންދާނެކަމަށެެވެ. ނަމަވެސް ސައިންސްވެރިން ކުރިން ވެސް ދިޔައީ ޓްރަމްޕްގެ ވާހަކައިގައި އެއްވެސް އޮއްޓަރެއް ނެތް ކަަމަށް ވިދާޅުވަމުންނެވެ.

ސީއެންއެން