ގެއަށް ވަދެފައި މިންކާ އަވަސްވެގަތީ އޭނަގެ ބައްޕައާއި ބައްދަލުކުރުމަށެވެ. އޭރު މިންކާވަނީ ދައްކަންވީހާ ވާހަކަތައް ހިތުގައި ރާވާލާފައެވެ.
"ބައްޕައަށް ޑޮކްޓަރ އަޔާޒު އެނގިލައްވާތަ؟އަދާގެ ހަޒްބެންޑް.....ޖިބްރީލްގެ ފްރެންޑެއް." މިންކާ އޭނަގެ ބައްޕައާއި ޖެހިގެން އިށީނެވެ."އެ ބޭފުޅާ މާ އެހެން ކަހަލަ ކަމަކަށް ޝައްކުކޮށްގެން އުޅެނީ...."
މިންކާގެ ވާހަކަތަކުން މަންސޫރުއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. މިފަދަ ގޮތަކަށް މިންކާއަށް އޭނަގެ މަންމަގެ ފަރާތު އާއިލާ އާއި ބައްދަލުވުމަކީ އިއްތިފާގެކެވެ. ޑޮކްޓަރ އަޔާޒްއަކީ ހިރާގެ ހަނގު ފިރިހެންކޮއްކޮއެވެ. މިންކާ ބުނިގޮތުން އާލިޔާއަކީ މަންމަގގެ ދަރިއެކެވެ. މަންމަ އެދަރިފުޅަށް އާލިޔާ މަންސޫރުގެ ނަމުން ނަންދިނީއެވެ. މިހާރު އާލިޔާ މީހަކާއި އިންނަން ވަލީ ހޯދަން ވުމުން މަންސޫރުއަކީ ކާކުކަން އޮޅުން ފިލުވަން އަޔާޒް އުޅެނީއެވެ. މިންކާ ބުނިގޮތުން އާލިޔާއަކީ ބައްޕަގެ ދަރިއަކަށް ވުމުގެ ފުރުސަތެއް ނެތެވެ. ޑީއެންއޭ ޓެސްޓް ހައްދަންވެސް މިންކާ އެދުނެވެ. އޭނަ އާލިޔާގެ ސާމްޕަލްއެއް ބައްޕައާއި ހަމަޔަށް ގެނެސްދީފާނެއެވެ.
"އެކުއްޖާގެ ފޮޓޯއެއް ދަރިފުޅު އަތުގައި އެބައޮތްތަ؟ "
މަންސޫރުގެ ސުވާލުން މިންކާ ކަންބޮޑުވިއެވެ.
"އޭނައަކީ ނިގާބީއެއް. އެހެންވެ ފޮޓޯ ނަގާކަށް ނުކެރޭ އެކަމަކު ބައްޕައަށް ދައްކަން ފޮޓޯއެއް ގެންނާނަން. މިގޭ ކުއްޖަކާ ވައްތަރެއް ނޫން......" މިންކާ ޔަގީންކަން ދިނެވެ.
"ބައްޕަ އަޔާޒް ގުޅީމަ ބުނުއްވާނީ އެމީހުންނަށް އޮޅުނީކަމަށް. ބައްޕަގެ ވައިފް ދުރަށް ދިޔައީއޭ ނުބުނުއްވާ. އަޅުގަނޑުވެސް ބުނިނން މަންމަ އެކްސިޑެންޓެއްގައި ނިޔާވީއޭ...ޕްލީޒް ޖަސްޓް ޑިނައި އިޓް. އަޅުގަނޑުމެން އަމިއްލައަށް މިކަން އިންވެސްޓިގޭޓްކުރާނީ. އަޅުގަނޑު އޭނަގެ ބޮލުގެ އިސްތަށިކޮޅެއް ނަމަވެސް ގެނެސްދޭނަން........." މިންކާ ހަދަންވީގޮތް ކިޔައިދިނެވެ. މިންކާ އޭނަގެ ބައްޕައަށްވެސް އޮޅުވާލާ ނިންމައިލިއެވެ. ހަގީގަތް އެނގިހުރެވެސް އޭނަ އެކަން ފޮރުވިއެވެ.
މިންހާ ގަސްތުކުރީ މަލްހާ ނަމަވެސް ކުއްޖެއްގެ ފޮޓޯ ނަގާފައި ބައްޕައަށް ދެއްކުމަށެވެ. އެކުވެރިއެއްގެ އަތުން އިސްތަށިކޮޅެއް ނޫނީ ނިޔަފަތި ހޯދުމަކީ އޭނައަށް އުދަގޫކަމެއް ނޫނެވެ.
އެކަމަކު މިހާ ބޮޑު އޮޅުވައިލުމެއް އޮޅުވައިލެވޭކަމަށްޓަކާ އަމިއްލަ ނަފުސް ކުށްވެރިވެސް ކުރެވުނެވެ. އޭނައަށް އިހުސާސްކުރެވެނީ ނުބައި ބައި ކުޅޭ މީހެއްގެ ގޮތުގައެވެ. ފިލްމެއް ނޫނީ ވާހަކައެއްގައި ޔަގީނުންވެސް އޭނަގެ ޝަޚުސިއްޔަތު އަންނާނީ ރަގަޅުމީހެއްގެ ގޮތުގައެއް ނޫނެވެ. މިއީ އެންމެ ރަގަޅުކަމެއް ނޫންކަން އެނގެއެވެ. ފާފަވެރިވެސް ވާނެއެވެ. ނަމަވެސް އޭނަ އަދި ހަގީގަތް ހާމަކުރާނެއެވެ. ވަގުތު ނުޖެހެނީއެވެ. މިހުރިހާ އަހަރުތަކަށް އެކަން ސިއްރުވެފައި އޮތްއިރު އަދި އިތުރު މުއްދަތަކީ މައްސަލައެއް ނޫނެވެ.

***
މާޒިން އާލިޔާއަށް މަލާއި ޗޮކްލެޓް ފޮނުވަނީ މިންކާ މެދުވެރިކޮށެވެ. އާލިޔާ ޗޮކްލެޓް ކާން ބޭނުންނުވުމުން މިންކާ ވަރަށް ހަމަޖެހިފައި އިނދެ މާމައަށްވެސް ދީގެން ކައިލާނެއެވެ. ހަގީގަތް ނޭގި އަދާވެސް ކެއުމުގައި ބައިވެރިވެއެވެ. ކުޑައެތިކޮޅެއް ލިބުނަސް އޭގެ އެއްބައި އަޔާޒްއަށް ނުދީ ނުކެވެއެވެ. ޗޮކްލެޓްގެ ދެތިން ބަދަ ލިބުނަސް ދެބައި ދޭނީ އަޔާޒްއަށެވެ. އެފަދަ ލޯތްބެއް މާޒިންދެކެ އޭނައަށް ވެވޭނެހެއްޔެވެ؟ ލޯތްބާއިމެދު ވިސްނަން ބޭނުންނުވިޔަސް ހަގީގަތަކީ ހިތުގެ މައްޗަށް ބާރުނުފޯރި މާޒިން ހިތަށް ވެރިވެގެންފިކަމެވެ. އުފަލާއެކު ހިނިތުންވެލެވޭއިރަށް އަރްސަންގެ ހަދާންތައް ބިރުވެރިކަން ހިންގާލާ ހިނިތުންވުން ނެތިކޮށްލައެވެ. މާޒިންގެ ބޭބެއެއްގެ ގޮތުގައި އަރްސަން ހުއްޓާ އެއް ގެއެއްގައި ހަމަޖެހިގެން އުޅެވޭނެހެއްޔެވެ؟ މާޒިންގާތު މިގޭގައި ހުންނަން ޝަރުތުކުރިޔަސް އާއިލާއާއި ބައްދަލުކުރަން ދާން ޖެހިދާނެއެވެ.
އެއީކުޑައިރު އަބަދު ދެކުނު ހުވަފެނީގެއެވެ. ކުރިން އެގޭ އާއިލާ ދިރިއުޅުނީ ޔޫރަޕްގައެވެ. މާލެ އަންނަނީ މަދުފަހަރެއްގައި ރިޒޯޓޓްތަކަށް އެެހެން ފަތުރުވެރިން އަންނަ އުސޫލުންކަން ނޭގެއެވެ. އެހެންވެސް އަޅި ލޮލެއް ހުރި ފިރިހެންކުއްޖަކު ފެނުނު ހަދާނެއްނުވެއެވެ. ނަމަވެސް މާޒިންއާއި ދިމާވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއްދުވަހު އެގެއިން ފިރިހެންކުއްޖަކު އޭނައާއި ވާހަކަދައްކާ އިސްތަށިގަނޑާއި އަޅައިގެން އުޅުނެވެ. ބޮޑުދައިތަ ދެކުދިން އެކީ ނެގި ފޮޓޯއެއް އަދިވެސް އޭނަ ރައްކާކޮށްފައި އޮވެއެވެ. އެއީ ހަމައެކަނި ހަނދާނެވެ. ފަހަރެއްގައި އެއީ އަރްސަންއަށްވެސް ވެދާނެއެވެ. ފޮޓޯގެ ފެންވަރު އެހާ ރަގަޅުނޫންވީމަ ލޮލުގެ ކުލަ ނޭގުނީއެވެ. އޭނަވެސް ކުޑަކަމުން އެކަން ފާހަގަނުވީއެވެ. ދެރައީ އެފޮޓޯ ލެވުނުތަނެއްވެސް ނޭގުނީމައެވެ. އެފޮޓޯ ދެކޭހިތުން ފޮށިގަނޑުތަކާއި އެއްޗެހި ހާވަންވެސް ހިތަށް އެރިއެވެ.
"ޑެވިލް އަސްލު ޓައިމް ވޭސްޓްކުރުވަން މިއުޅެނީ. އިބިލީސްއަށް ލައުނަތް ހުރި. އީދަށްފަހު އެކަހަލަ ކަމެއްވެސް ކުރާނީ........" އާލިޔާ މުސްހަފު ހިފައިގެން ކުނާމަތީ އިށީދެ މާނަބަލައިގެން ކިޔަވަންފެށިއެވެ.
މިންކާ ބްރޭންޑެޑް ބޮޑު ކޮތަޅެއް ހިފައިގެން އައިއިރު އާލިޔާ ހުރީ މޭޒުމަތި ތައްޔާރުކުރާށެވެ. ކޮތަޅު ދިއްކޮށްލުމުން އާލިޔާ އެ ބަލައިލިއެވެ. އަސްލު ކުޑަކުއްޖަކާ ވައްތަރު ވަރަށް ރީތިކޮށް ހަދާފައި ހެދުން ލައްވާފައި އޮތް ބޭބީއެކެވެ. ދިރުން ނެތްކަން އެކަންޏެވެ. ލޯބިކަމުން މޮޑެލާހިތްވިއެވެ.
"ތީ ކީއްކުރަން....." އާލިޔާ ހައިރާންވިއެވެ.
"މާޒިންގެ ހަދިޔާއެއް.."
"ހަހަ. ބުދުތަކުން ކުޅެން މީ ކުޑަކުއްޖެއްތަ؟ " އާލިޔާ ހެމުންގޮސް މޫނުމަތި ރަތްވެއްޖެއެވެ. މިންކާ ހައިރާންވަނީ އަބަދު އާލިޔާގެ ރީތި ދަތްތައް ފެންނަވަރަށް ހޭލެއް ގިނަކަމުންނެވެ. އާލިޔާގެ އެންމެ ރީތި ސިފައަކީ އެންމެ އަޅައިގަންނަ ކަމަކީ މި ހުނުންތަކެވެ.
"މީހަކު ބުނެނުދިނަސް ޒިންއަށް ވިސްނޭ. އަސްލު މާމައަށް މީތި ދޭށޭ ބުނީ. އޯޑަރުކުރުވައިގެން ގެނައި ބުދެކޯ ބުނީ. މާމަ ޑިމެންޝިއާ ވާހަކަ މަށަށް ބުނެވުނީމަ އޭނަ ދިން ހަދިޔާ ކިހާ ރަގަޅު......" މިންކާ ބުދު މޫނުގައި ޖައްސާ ބާރުކޮށްލިއެވެ.
"ހޫމް. މިންކް ގޮސް މާމައަށް ދީފައި....."
"މާމަގެ އާލިޔާގެ ފިރިކަލުން ދިން އެއްޗެކޭ ބުނާނީދޯ. މާމަ އަބަދު އިއާންގެ ވާހަކަ އެދައްކަނީ އެއީ ކޮން އިއާންއެއްތަ؟ " އެތައް ދުވަހު ހިތުގައި އުފެދިފައި އޮތް ސުވާލު އޭނަ ކުރިއެވެ.
"މައި ޓްވިން ބްރަދާ. މާމަ ކުރީގެ ހަނދާންތައް އަދިވެސް ހުރޭކަން ނޭގޭ..." އާލިޔާގެ ހިނިތުންވުން އިރުކޮޅަކަށް ފިލިއެވެ.
މިންކާ އިއާން ދެކެލާހިތްވިއެވެ. އެކުއްޖާ ކޮބާހެއްޔެެވެ؟ ދުނިޔޭގައި ނެތީހެއްޔެވެ؟
މާޒިން މެސެޖްކުރުމުން އާލިޔާ ބަލައިލިއެވެ.
އޭނަގެ މަންމަމެން އާލިޔާ ދެެކެން ބޭނުންކަމަށާއި އެގެއަށް ދާނެކަމުގައެވެ. އާލިޔާގެ ހިތްވެސް މަގާމުން ބޭރަށް ފުންމައިލިފަދައެވެ. ހާސްވެ ހިތް ނުތަނަވަސްވިއެވެ. ނޫނެކެވެ. އޭނަ އަދި ކައިވެންޏަކަށް ތައްޔާރެއްނޫނެވެ. އެވެސް މާޒިންއާއެވެ.
"ރަމަޟާން ނިންމާލާފައި....."
"އަހަރެން ބޭނުންވަނީ އީދުފަދަ ސްޕެޝަލް ޑޭއެއްގައި މެރީކުރަން އާލިޔާފަދަ އަޅުވެރި ކުއްޖަކުވެސް އެގޮތް ބޭނުންވެދާނެތީ. ހަމައެކަނި މަގޭ ކޮޅަކުން ނޫން ދޯ ވިސްނަންވާނީ......."
މާޒިންއަށް ހާދަ ވިސްނެއޭ ހިތަށް އެރިއެވެ. އަމިއްލަ އެދުމެއްނެތި ކައިވެނިކުރަން އުޅޭ އަންހެންކުއްޖާގެ އިހުސާސްތަކަށް ގަދަރުކުރަންޏާ އެކީ އުޅެން ހާދަ ފަސޭހަވާނެއެވެ.
މާޒިންގެ ހިތުގައި އޭނައަށްޓަކާ އެއްވެސް ކަހަލަ އިހުސާސްތަކެއް ވަނީހެއްޔެވެ؟ އިސްލާމީ ވާހަކަތަކުގައި ކައިވެންޏަށްފަހު ދެމަފިރިންގެ ހިތުގައި ލޯބި އުފެދި އުފާވެރި ދިރިއުޅުމެއް ހޯދައިގަންނަ ފަދައިން އޭނައަށްވެސް އެފަދަ ނަސީބެއް ލިބެނީބާވައެވެ.
"ޔެސް އާލިއާ އާލިއާއަށް ނޭގުނަސް މާޒިންދެކެ ލޯބިވެވެނީ.." ސިކުނޑީގެ އެންމެ އަނދިރި ކަނަކުން މަޑުމަޑުން އަންގައިލިއެވެ. އާލިޔާ އިރުކޮޅެެއްވާންދެން މޫނު ފޮރުވައިގެން އޮތެވެ.
"ވަޓްއެވާ ހެޕެންސް މާޒިންދެކެ ލޯބިމިވަނީ މާތްﷲއަށްޓަކާ. މާޒިންއަށް ހިދާޔަތް ލިބި ރަގަޅު މީހަކަށްވެ އެކީ ސުވަރުގޭގައި ލެއްވުން ދުޢާއަކީ...."އާލިޔާ ދުއާކުރިއެވެ.
"ޑޭޓެއް ފަހުން ނިންމަންވެސް ހެޔޮ މާދަން ހަވީރު މަންމައާއި މާމަ ތިގެއަށް ދާނެ...."މާޒިން ޓައިޕްކުރިއެވެ.
އާލިޔާ ކަންބޮޑުވުމާއެެކު ރާސްލާފައި ދުއްވައިގަތީ އޭނަގެ ދޮންބެއާއި އަދާ ގާތަށެވެ. އެމީހުންގެ ޚިޔާލު އޭނަ ބަލާނެއެވެ. މާޒިންގެ އާއިލާއާއި ކުރިމަތިލުމުގެ ހިތްވަރެއް އޭނަގެ ނެތެވެ. ނަމަވެސް ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި އެހެން އެއްވެސް ކަމެެއް ސިކުނޑިއަށް ވެއްދުމުގެ ބަދަލުގައި އާލިޔާ އެންމެ މިނިޓެއްވެސް ބޭކާރުނުކޮށް މުޅިރޭތައް އަޅުކަމުގައި ހޭދަކުރަން އަޒުމް ކަނޑައެޅިއެވެ. މިއީ ރަމަޟާންމަހުގެ ފަހު ދިހަ ކީއްކުރަން ހަޔާތުގެ އެންމެ ފަހު ދިހަ ދުވަސް ނޫންކަމެއް ވެސް އެނގެނީ ކިހިނެއް ހެއްޔެވެ؟ ރަމަޟާންމަހުގެ ދުވަސްތައް ހަލުވިކަމާއެކު އުދުހިފައިދާހެން ދިރިއުޅުމުގެ ދުވަސްތައްވެސް ދަނީއެވެ. ބުއްދިވެރިން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރާނެއެވެ. އާލިޔާ ބަދިގޭގައި އުޅުނަސް އޭނަ ޒިކުރުކުރެއެވެ. ލިސްޓެއް ހަަަދައިގެން ދުޢާކުރިއެވެ. ލިބޭ ކޮންމެ ވަގުތެއްގައި ގުރުއާން ކިޔެވިއެވެ. ތައުބާ ނަމާދުކުރިއެވެ. އެންމެ ސުންނަތް ނަމާދެއްވެސް ވައްޓައިލުމެއްނެތި ކުރިއެވެ. ރޫހާނީ ގުޅުން ވަރުގަދަވުމުން އެލިބުނު ހިތްހަމަޖެހުމާއި ފޮނި އިހުސާސްތައް ބަޔާންވާނީ އެފަދަ ނަސީބެއް ލިބުނު މީހަކަށެވެ.

***
އާލިޔާ މާޒިންގެ ނުބައި ނިޔަތާ ބެހޭގޮތުން ހިލަމެއް ނުވެ ހުރެ ކައިވެންޏާއި މެދު ހުވަފެންތައް ދެކެން ފެށިއިރު މާޒިންއާއި އަރްސަންއަށް އާލިޔާވެފައިވަނީ ޖޯކުޖެހުމާއި ޖެއްސުންކުރުމުގެ އަމާޒަކަށެވެ. އެކުވެރިންނާއެކު ސަފާރީއެއްގައި ތަންކޮޅެއް ދުރަށް ގޮސް ކަނޑަށް އެރި ފަތާ ހަދާފައި ކައިރިކޮށްލީ ރިޒޯޓަކަށެވެ. މިއުޒިކާއި ރަލުގެ ދުނިޔެއެއްގައި ބޭކާރު ވަގުތުތައް ހޭދަކުރުމަށްފަހު ގެއާ ހަމަޔަށް ފޯރިއިރު ދަންވަރު އެކެއް ޖަހައިފިއެވެ. މަގުގެ އަނެއް ފަޅީގައި އަރްސަން ސިގިރެޓެއް ބޯން މަޑުކޮށްލިއެވެ. ފާރުގައި އެއް ފައި ވިއްދާލައިގެން ހުރިއިރު މާޒިން އިނީ ކާރުގެ ބޮނެޓްމަތީގައެވެ. ސުޕާރީއެއް ކަނޑާލާފައި އެތިކޮޅެއް އަނގަޔަށް ލިއެވެ. ފޯނަށް ބަލައިލިއެވެ.
"ރިޕްލައިއެއް ނާދޭތަ؟ " އަރްސަން އެހިއެވެ.
"އެކުއްޖާއަށް ކަމުދާހެން ހީވާ ސްޓައިލަށް މިއުޅެނީ. އެކުދިންނަށް ކަމުދާނީ ހަލާލް ލޯބި..."
"ހަހަ. ވަޓް ދަ.....އިޒް ދެޓް.." އަރްސަންއަށް މަޖާވިއެވެ.
"ގޫގުލްކޮށްގެން އެގޮތަށް މިއުޅެނީ. އެކުއްޖާ ކުރިކަމެއް އަދި އެނގޭތަ؟ އެކަނި ވާހަކަދައްކަން ނުވާނެއޭ ކިޔާފައި ގްރޫޕެއް ހަދާފައި އަޔާޒްއާއި އަދާވެސް އެޑްކޮށްލީ. ބޯ ހަލާކު. ތިއްތި ބުނެބަލަ. ވަކިން ވާހަކަދައްކާލެވޭކަށްވެސް މިހާރު ނެތް. އެކުއްޖާ އިމޭޖިން ވަނީ ކޮން ސިފައެއްގަތަ؟ " މާޒިން އެހިއެވެ. އަރްސަންއަށް އާލިޔާ ފެނި ސަޕްރައިޒެއް ލިބޭނެ ދުވަހަކަށް އޭނަ އިންތިޒާރު އެބަކުރެއެވެ. އެކުއްޖާ މި ޚާންދާނުގެ އަންހެންކުދިންފަދަ ރީތިކަމެއް ލިބިފައިވެއޭ ނުބުނަނީ އެހެންވެއެވެ. ކަޅުފަރުދާއެއްގެ ތެރޭ ފޮރުވިގެން އަޑުބަދަލުކޮށްގެން ވާހަކަދައްކާތީ އެހެންމީހަކަށް އާލިޔާގެ ރީތިކަމެއް ނުފެންނާނެއެވެ. އޭނައަށް އާލިޔާ މީރާ މަންސޫރުއާއި ވައްތަރުގޮތެއް ހުރެއެވެ. އަދި ބައްޕައާއި ދެބެންގެ ދެދަރި އަދްނާނުގެ ދަރިފުޅު އާއިޒާ އަދްނާންވެސް ހަމަ އެފާޑެއް ހުރެއެވެ.
"ހަންޑިއެއްގެ.." އަރްސަން ސަމާސާކޮށްލިއެވެ." ޔަގީނުންވެސް އޭނާގެ ވަރުގަދަ އަޑުއިވުނީމަ ބިރުގަނޭ..."
"ހަހަ...." މާޒިން ހިނިގަނޑެއްޖެހިއެވެ.
"އެހާ ދެން ބިރުވެރިކުއްޖެއް ނޫން. އެކަމަކު ތެދަށް ބުނަންޏާ ވަރަށް ބޯރިން ސްޓައިލަކަށް ދޯ ދެން އެއުޅެނީ. ތިއްތި އެކުއްޖާ އިސްލާހުކުރެވޭނެކަމަށް މި ގަނޑު މިގަންނަނީ. ހަމައެކަނި ރިވެންޖްއަކަށްވެސް ނޫން...." މާޒިން ވިސްނާގޮތާއި އަރްސަންގެ ނިޔަތްވެސް ތަފާތެވެ. އަރްސަން ބޮޑަށް ބޭނުމީ އަދާއަށް ފިލާވަޅެއް ދިނުމެވެ. މާޒިންގެ ބޭނުމަކީ އަރްސަންއަށް ހަޔާތުގެ ބައިވެރިޔަކު ހޯދަދިނުމެވެ.
***
މިންކާ އައްމާ ފޮތް ދަސްކުރަންވެގެން ބާރުބާރަށް ޝަރުހު ސޫރަތް ކިޔަވަން އިންދާ އޭނަގެ ބައްޕަ ދޮރުމަތީގައި އަޑުއަހަން ހުރެފައި ވަނެވެ.
"ރިޕީޓްކޮށް ދަރިފުޅު ކިޔެވީމަ ރުގުޔާ ކަމަަށް ހީކޮށް...." މަންސޫރު ބުނެލިއެވެ.
"ނޫން. މި ކުރު ސޫރަތްތައް ދަސްކުރަނީ. ނަމާދުކުރާއިރު ކިޔަވަން އަލްހަމްދުވެސް ނޭގިއޮތީ. މިހާރު މާނަވެސް އެނގިއްޖެ. ބައްޕަމެން ދަސްކޮށްދެއްވިނަމަ ކިހާ ރަގަޅުވީސް. ކުޑައިރުއްސުރެ ނަމާދުކުރާނެ ގޮތާއި ގުރުއާން ތައުހީދު މިފަދަ އެއްވެސް އެއްޗެއް ނޭގުނީމަ ދިރިއުޅުން އަސްލު ބޭކާރު އެއްޗަކަށްވީ. މިއީ ޕާމެނެންޓް ދުނިޔެއެއްނަަމަ އެންމެ ރަގަޅު. މީރާ....މީރާވެސް ދުނިޔެއާއި ވަކިވެގެން ދިޔައީ ދީން ނޭގި...." މިންކާގެ ލޯ ތެމުނެވެ.
"ދަރިފުޅާ. ޝީ ވޯޒް އެ ކިޑް. އެންޑް މާތްﷲއަކީ ރަހީމުވަންތަ ރަސްކަލާނގެ. ނޭގި ހުރުމުން ފާފައެއްނުވާނެ.."
"ނޫން ބައްޕާ. އަމިއްލައަށް ދީން އުނގެނެންވާނެ. އިގްނޮރަންޓްވުމަކީ ބަހަނާއެއްނޫން. އާލިޔާ ބުނީ......"
"އާލިޔާ އާލިޔާ..ދަރިފުޅު އަބަދު އެމީހެއްގެ ވާހަކަދައްކަނީ އޭނަގެ ސަބަބުން ހާދަ ގިނަ އާއިލާތައް ބައިބައިވެއްޖެ ކަޕްލްސްތައް ރުޅިކުރުވައިފިއޭ. ސިކުނޑި ދޮވެލަނީނު. މިންކްއަށް އެނގޭތަ؟ އެމީހުން ކުދިންނާއި ކުށެއްނެތް މީހުން ކަތިލަމުން ތަންތަން ރޯކުރަމުން އެއުޅެނީ. ބައްޕަމެންނަކީ ވެސް މުސްލިމުންނޭ. އެކަމަކު އެވައްތަރަކަށް ނޫޅެން. އެމީހުން ދެން މާ ހަރުކަށީ. ދީނަކީ ލުއިފަސޭހަ ދީނެއް......" މަންސޫރު ހިތްހަމަނުޖެހުމާއެކު އޭނަގެ ޚިޔާލު ފައުޅުކުރިއެވެ.
"އާލިޔާމެންނަކީ ޓެރަރިސްޓުންނެއްނޫން. ދީން ރަގަޅަށް އުގެނި ދީނަށް އުޅުމާއި ކުދިން ކަތިލުން ތަފާތު. ފަންޑަމެންޓަލިސްޓުންގެ ގޮތުގައި ރަގަޅު މުސްލިމުންގެ ގޮތުގައި އާލިޔާމެން އުޅެނީ. އެންޑް އާލިޔާ ވަރަށް އުފާވެރި. އަބަދު ހީލައިގެން. ދުނިޔޭގެ ހުރިހާ މުއްސަދިކަމެއް ލިބިފައިވާއިރު އަޅުގަނޑަށްވެސް އެ އުފާ ފީލް އެއްނުވޭ. ސޯ ޝީޒް ބްލެސްޑް...އައި ތިންކް..." މިންކާ ބުނެދިނެވެ.
"ހޫމް އާލިޔާގެ ކަންތައް ވަރަށް ބޮޑުވެއްޖެ. މިންކް ގެނައިންތަ ޑީއެންއޭ ހަދަން އެއްޗެއް؟ " މަންސޫރު އެހިއެވެ.
"ޔެސް....." މިންކާ ދުވެފައިގޮސް އޭނަގެ ދަބަސް ހުޅުވާލާފައި ނެގި ނިޔަފަތި އަދި އިސްތަށި ބުޑުން ވަކިކޮށްފައިވާ އިސްތަށިކޮޅެއް ބައްޕައަތަށް ދިއްކޮށްލިއެވެ. މަންސޫރުއަށް އެންމެ މުހިއްމީ ހިރާ އޭނަގެ ބޮލުގައި އެޅުވި ދަރިފުޅުގެ ހަގީގަތް ހާމަވުމެވެ. އާލިޔާ އޭނަގެ ދަރިއަކަށް ނުވަންޏާ އާލިޔާ މަންސޫރުގެ ނަން ދެވިގެން ނުވާނެއެވެ. އޭނަ އެ މައްސަލަ ކޯޓަށްވެސް ވައްދާނެއެވެ.
ބައްޕަ ދިޔުމުން މިންކާ އެނދަށް ވެއްޓިގެން ބާލީހުގައި ބައްދާލިއެވެ. އޮޅުވައިލާ މަކަރުހެދުންވެސް ހުއްދައެއް ނުވާނެއެވެ. އޮޅުވައިލަނީއެއް ނޫނެވެ. ކުޑަކޮށް ވަގުތުދެނީއެވެ. އޭނަގެ އަމިއްލަ ނަފުސަށެވެ. އެހެންމީހުންނަށެވެ. މިންކާ ހިތްހަމަޖައްސައިލިއެވެ.
***

އުއްމު ކުލްސޫމްއާއި ސުކައިނާ އެގެއަށް އަންނަންވާއިރަށް އާލިޔާ ތައްޔާރުވެލިއެވެ.

ނުނިމޭ