ކޮވިޑް-19ގެ ނުރައްކާ ބޮޑުވަމުންދާ ދަނޑިވަޅެއްގައި އެފްރިކާގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކުގެ މިސްކިތްތައް އަލުން ހުޅުވަން ފަށައިފި އެވެ.

ރަމަޟާން މަސް ނިމެން ގާތް ވެފައިވަނިކޮށް މިސްކިތްތައް އަލުން ހުޅުވާލުމަށް ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދިނުމުން އެކަމާ ގުޅިގެން ސިއްހީ މާހިރުންގެ ފާޑުކިޔުން ވަނީ ރައްދުވެފަ އެވެ. އެގޮތުން މިސްކިތްތައް އަލުން ހުޅުވަން ފަށާފައިވާ ސަރަހައްދުތަކުގެ ތެރޭގައި އެފްރިކާގައި ކޮވިޑް-19 އެންމެ ގަދައަށް ފެތުރެމުންދާ ސަރަހައްދުތައް ހިމެނެ އެވެ.

މިސްކިތްތައް އަލުން ހުޅުވާލުމާ އެކު އެތައް ހާހުން މީހުންތައް ވަނީ މިސްކިތްތަކަށް ޖަމާވެފަ އެވެ. އަދި މިސްކިތުގައި އިޖުތިމާއީ ގައިދުރު ކަމާއި ރައްކާތެރިކަމަށް އިސްކަމެއް ދިންނަމަވެސް ވައިރަސްގެ ބިރު އޮތް ކަމަށް ބުނެއެވެ. އެހެންނަމަވެސް އާންމުންގެ ބައެއް ފަރާތުން އެކަމާ ކަންބޮޑެއް ނުވެ އެވެ.

"އަޅުގަނޑުމެން ވައިރަސް އިން ރައްކާތެރިވުމަށް އެބަ މަސައްކަތްކުރަން. އެކަމު މިއީ އަހަރެމެންނަށް ފިލައިގެން އުޅެވޭނެ ވައިރަސް އެއް ނޫން. އެކަމު ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެމީހުންގެ އެންގުންތަކަށް ބަލައިފި ނަމަ ރަނގަޅުވާނެ،" މިސްކިތަށް ދިޔަ މީހެއް ކަމަށްވާ އަބްދުއްރަހްމާން ސޯލް ބުންޏެވެ.

އޭނާ ބުނިގޮތުގައި ބަލައިގެން އުޅުނު ނަމަވެސް ވައިރަސް ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންކަމުން ވަކި މިސްކިތަށް ނުގޮސް ތިބެވެން ނެތް ކަމަށް އޭނާ އިޝާރާތްކުރި އެވެ.

އިޖުތިމާއީ ގައިދުރުކަން އިސްކޮށް އެފްރިކާ ހުޅަނގުގެ ސަރަހައްދުތަކުގައި މިސްކިތްތައް ހުޅުވަން ފެށި އިރު، މިސްކިތްތަކުގައި މީހުން ތިބެނީ އެކަކު އަނެކަކާ ދެމެދު 1.5 މީޓަރުގެ ދުރުމިނެއް ބަހައްޓައިގެންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވަނީ ކޮވިޑް-19 ފެތުރެން ފެށިތާ އަހަރެއް ވާއިރު އެފްރިކާއިން އެ ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު 200،000 އާ ގާތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިރަސް އާ ގުޅިގެން ވެސް ތަފާތު އިތުރު ބަލިތައް އެފްރިކާގައި ފެތުރެމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމުގައި އެފްރިކާގެ ސިއްހީ ނިޒާމުގެ ބަލިކަށިކަން އިސް ރޯލެއް ކުޅޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.