19:00


ބައިނަލްއަޤްވާމީ ވިޔަފާރިއަށް ރާއްޖެ މިއަދު ވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމް ކޮށްގެން މިއަދު ބޭއްވެވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ ވިޔަފާރި ބޭރު ދުނިޔެއަށް ހުޅުވާލުން ކަމަށާއި، އެގޮތުން ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ސިޔާސަތެއް މިހާރު ވަނީ ކަނޑައަޅާފައި ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމަކީ، އެކަމުން ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެ، ސިންގަޕޫރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކޮށްފައިވާ މިންވަރު ވަރަށް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ބޭނުންވަނީ، އަމިއްލަ ވިޔަފާރީގެ ދާއިރާ ފުޅާކޮށް، ބޭރުގެ ތަޖުރިބާ ހުރި ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރްޞަތު އިތުރު ކުރުމަށް ކަމުގައި ވިދާޅުވި އެވެ. އަދި ތަފާތު ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ ފުރްޞަތުތައް ރާއްޖޭގައި މިހާރު އެބަހުރި ކަމަށް ވިދާޅުވެ، އިންވެސްޓަރުންނަށް ރައްކާތެރި ޤައުމަކަށް ރާއްޖެ ހެދުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.


މި ފޯރަމްގައި ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރްޞަތުތަކާބެހޭ މަޢްލޫމާތު ސިންގަޕޫރުގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ބޭފުޅުންނަށް ދެއްވި އެވެ.


ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި، ސިންގަޕޯރ އެއަރޕޯޓް ޓަރމިނަލް ސަރވިސަސް (ސެޓްސް) އަށް މިއަދު ހަވީރު ޒިޔާރަތް ކުރެއްވި އެވެ. އަދި އެ ސަރވިސްގެ ކޫލް ޕޯޓާއި، އެހެން ބައެއް ތަންތަން ބައްލަވާލެއްވި އެވެ.


ސެޓްސްގެ ކޫލްޕޯޓަކީ، ތަރުކާރީއާއި މޭވާ އަދި އެހެނިހެން ތަކެތި ތާޒާކަންމަތީ ބެހެއްޓުމަށް ސިންގަޕޫރުގެ ވައިގެ ބަނދަރުގައި ޤާއިމް ކޮށްފައިވާ ނިޒާމެކެވެ.


ރައީސުލްޖުމްހޫރިއްޔާ، ސެޓްސްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް މިފަދަ ނިޒާމެއްގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ. ޓޫރިސްޓް ހޮޓާތަކުގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރެވޭ ތާޒާ މޭވާއާއި، ތަރުކާރީއާއި، މަލާއި، އަދި ތާޒާކަން މަތީ ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތަކުގެ މައްޗަށް ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ނިޒާމެއް ކަމުގައި ވިދާޅުވި އެވެ. އަދި ރާއްޖޭގައި މިފަދަ ކޫލް ޕޯޓެއް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.