18 May 2020, 00:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވައި އިންޓަވިއު ދިން މައްސަލަ ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް އެދި ފުލުސް އޮފީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ބުނެފައިވާ ކަމުގެ ދޮގު އިލްޒާމ،ް ރ. އަނގޮޅިތީމް މީހަކު ރައީސް ނަޝީދުގެ އިސްތަށިފުޅުގައި އަޅުވާފައިވާތީ އެކަން ތަހްގީގްކޮށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އެ ވާހަކަ ދެއްކި މީހާގެ އިތުރުން އެ އިންޓަވިއު ގެނައިސްދިން މީޑިއާގެ މައްސަލަތައް ވެސް ތަހްގީގް ކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައި ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.
ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ ހ. ގެ ފަސް ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.
އެހެންކަމުން އެ މީހާ ދައްކާފައިވާ ވާހަކަތަކަކީ އެފަދަ ކުށަކަށްވާއިރު ރަމަޟާން މަހުގެ ފަހު ދިހައިގައި މި މައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ކަމުގައި ވެސް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.