18 May 2020, 10:51
ދެމަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ޖަރުމަނުގެ ބުންޑެސްލީގާގެ ކުޅުން ފަށާފައިވާ އިރު، އެފްސީ ޔޫނިއަން ބާލިން ބަލިކޮށް ބަޔާން މިއުނިކުން އެއްވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުން ބަޔާން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބަޔާން ތާވަލުގެ އެއްވަނައިގައި އޮތީ 26 މެޗު ކުލެގެން ލިބުނު 58 ޕޮއިންޓާ އެކުގަ އެވެ. ދެވަނައިގައި އޮތް ބްރޮޝިއާ ޑޮޓްމަންޑަށް 54 ޕޮއިންޓް ލިބިފައިވާ އިރު ތިންވަނައިފައި އޮތް ބްރޮޝިއާ މޮންގްލަބަޝްއަށް ލިބެނީ 52 ޕޮއިންޓް އެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.
އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.
ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެގޮތުން ރޭ ބުންޑެސްލީގާގެ ހަ މެޗު ރޭ ކުޅެފައިވާ އިރު މިރޭ ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ.
ސަޕޯޓަރުން ދަނޑަށް ނުވައްދާ މިރޭ ކުޅުނު މެޗުގައި ބަޔާން މިއުނިކުން ފުރަތަމަ ހާފުގައި ލީޑު ނެގީ ރޮބާޓ ލެވަންޑޮސްކީ ގެ ގޯލުންނެވެ. މެޗުގެ 40 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީއަ އެކު ލެވަންޑޮސްކީ ވައްދާލި ގޯލާ އެކު އޭނާ ވަނީ މި ސީޒަނުގެ 40 ވަނަ ގޯލު ހަމަކޮށްފަ އެވެ. މިއީ 40 އަށް ވުރެން ގިނަ ގޯލު އޭނާ ޖެހި ފަސްވަނަ ސީޒަނެވެ.
ދެވަނަ ހާފުގެ 81 ވަނަ މިނަޓުގައި ބަޔާންއަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ ފުލްބެކް ބެންޖަމިން ޕަވާޑް އެވެ.
ބަޔާން މިއުނުކުން އަންނަ މެޗުގައި ބައްދަލު ކުރާނީ ތާވަލުގެ 13 ވަނައިގައި އޮޔތް އެއިންޓްރެކްޓް ފްރެންކްފާޓްއާ ދެކޮޅަށެވެ.