18 May 2020, 00:03
ރާއްޖެއިން އިންޑިއާއަށް ފުރި މަނަރުވަރުގައި ތިބި ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށާއި އެ ތިން މީހުންނަކީވެސް ބައިސަން ކުންފުނީގެ މީހުން ކަމަށް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.
މިހާތަނަށް އިންޑިއާއިން ދެ ފަހަރެއްގެ މަތިން މީހުން ގެންގޮސްފައިވެއެވެ. މަނަވަރުތަކުގައި ގެންދިޔަ އެ މީހުންގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވިކަން އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މިރޭ ދަރުބާރުގޭ، އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އިންޑިއާއަށް ދަތުރު ކުރި މީހުންގެ ތެރެއިން ތިން މީހަކު ޕޮޒިޓިވްވިކަން ޔަގީން ކުރެވިފައިވާ ކަމަށާއިި އިތުރު ބަޔަކު ޕޮޒިޓިވްވެފައިވާނަމަ އެކަންވެސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އޮފިޝަލް ޗެނެލްތައް މެދުވެރިކޮށް މިހާރު އަޅުގަނޑުމެންނަށް އެބަ އެނގޭ ތިން ޕޮޒިޓިވް ކޭސްވާކަން. މި ތިން ކޭސްއަކީ، ބަސަން ކުންފުނީގައި މަސައްކަތްކުރި ބައެއް. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އެ ތިން މީހުން ފުރައިގެން ދިޔައީ ކޮން މަނަވަރެެއްގައި ކަމުގެ މައުލޫމާތު އަދި ނެތް ކަމަށެވެ.
ކޮރޯނާ ވައިރަސް އާއެކު، އެކި ގައުމުތަކުގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމުގެ ހާއްސަ، "ސަމުދުރާ ސެތޫ"ގެ ނަމުގައި އޮޕަރޭޝަނެއް އިންޑިއާ އިން ވަނީ ފަށައިފަ އެވެ.
އޮޕަރޭޝަނުގެ ދަށުން ކަނޑުމަގުންނާއި ވައިގެ މަގުން އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދާނެ އެވެ. މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާގެ 1،300 އެއްހާ މީހަކު ވަނީ އެނބުރި ގައުމަށް ފުރައިފަ އެވެ.