17 May 2020, 23:57
ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން މިހާރު ކުރިއަށްދާ 2019-2020 ވަނަ ފުޓްބޯޅަ ސީޒަން ނިންމާލަން ބަންގަލަދޭޝް ފުޓްބޯލް އެސޯސިއޭޝަން އިން ނިންމައިފި އެވެ.
ބަންގްލަދޭޝްގެ ފުޓުބޯޅަ އިދާރާގެ އެކްސްކޯއިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު މިހާރު ކުރިއަށްދާ ފުޓުބޯޅަ ސީޒަން ނިމުމަކަށް ގެނެސްފައިވާ ކަން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. އެއާ އެކު މި ސީޒަނުގައި ބަންގްލަދޭޝް ޕްރިމިއާ ލީގާއި، މިއަހަރު ކުޅުމަށް ހަމަޖެހިފައި އޮތް އިންޑެޕެންޑެންސް ކަޕް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
ބީއެފްއެފްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރުގެ ތެރޭގައި އެގައުމުގައި ފުޓުބޯޅަ އަލުން ފެށޭނެ މާހައުލެއް އޮތް ކަމަށް ގަބޫލު ނުކުރެވޭތީ ސީޒަނުގެ ބާކީ އޮތް ބައި ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ ޕްރިމިއާ ލީގުގައި އެކި ޓީމުތައް އެކިވަރަށް މެޗު ކުޅެފައިވާތީ ލީގުގެ ޗެމްޕިއަން ޓީމެއް އަދި ރެލިގޭޝަން ޓީމެއް ވެސް ނުހޮވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝްގެ 12 ވަނަ ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލީ މިދިޔަ މާޗް މަހުގެ ކުރީކޮޅެވެ. އޭރު އެގައުމުގެ ބަޝަންދުރަ ކިންގްސް ޓީމުން އައީ އޭއެފްސީ ކަޕުގައިވެސް ވާދަކުރަމުންނެވެ.
ބަންގަލްދޭޝްގެ ފުޓުބޯޅަ އިދާރާއިން ބުނީ އެގައުމުގެ ފުޓުބޯޅަ ސީޒަން ނިންމާލީ އޭއެފްސީއާ އެކު ވެސް މަޝްވަރާ ކުރުމަށްފަހު އެ އިދާރާއިގެ ލަފާގެ މަތިން ކަމަށެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން މި ސަރަހައްދުގައި އެންމެ އަވަހަށް ފުޓުބޯޅަ ސީޒަން ނިންމާލި އެއް ގައުމަކީ ދިވެހި ރާއްޖެ އެވެ. ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިންމާލާފައިވާކަން އެފްއޭއެމުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރި އިރު އެފްއޭކަޕާއި، ޕްރެޒިޑެންޓް ކަޕުގެ އިތުރު ތިންވަނަ ޑިވިޝަން މުބާރާތް އޮތީ ނުނިމި އެވެ.