އިތުރު ހަތް މީހަކު މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1090އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ ފަސް ދިވެއްސަކާއި، ބަންގްލަދޭޝްގެ މީހަކާއި، އިންޑިއާ މީހަކާ އެކު އިތުރު ހަތް މީހަކު މިރޭ ކޮވިޑް-19 ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މި މީހުންނާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 12 އެވެ. މިއަދު މީގެ ކުރިން ޕޮޒިޓިވްވެފައި ވަނީ ހަތަރު ބަންގްލަދޭޝް މީހުންނާއި ސްރީލަންކާ މީހެކެވެ.

ރާއްޖެއިން އެންމެ ގިނައިން ކޮވިޑް-19 ޖެހިފައި ވަނީ ބަންގްލަދޭޝް މީހުންނަށެވެ. ބަންގްލަދޭޝްގެ 562 މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ދިވެހީންގެ އަދަދަކީ 384 އެވެ. އޭގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ 104 މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.