ޓީވީ އެކްޓަރު މަންމީތު ގްރޭވާލް 32، މަރުވެއްޖެއެވެ.

"އާދަތް ސޭ މަޖްބޫރު" ފަދަ މަޝްހޫރު ޓީވީ ސިލްސިލާ ކުޅުނު މަންމީތު މަރުވީ އަމިއްލައަށް ކަމަށް ޚަބަރުތައް ބުނެއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ މަރުވެފައިވާކަމަށް އޭނާގެ އާއިލާއާ ގާތް ފަރާތެއްކަމަށްވާ ޕްރޮޑިއުސަރު މަންޖީތު ސިންހް ރާޖްޕުތް ބުނެފައިވެއެވެ.

އޭނާ ބުނީ މަންމީތު މަރުވިއިރު އޭނާ ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ ކަމަށެވެ. އަދި ލޮކްޑައުންގެ ސަބަބުން އާމްދަނީ ހޯދޭނެ ގޮތެއް ތަނަވަސްވެފައި ނެތުމުން އޭނާއަށް ވަރަށް ބޮޑެތި ފައިނޭންޝަނަލް މައްސަލަތަކެއް ދިމާވެފައިވާކަމަށެވެ. މަންޖީތު ބުނީ އެރޭ މަންމީތު ކެއުމަށް އެއްޗެއް ހެދުމަށްފަހު ކުއްލިއަކަށް ކޮޓަރިއަށް ވަދެ ތަޅުލީ ކަމަށެވެ. ބަދިގެ ތެރޭ ހުރި މަންމީތުގެ އަންހެނުންނަށް ގޮޑިއެއް ވެއްޓޭ އަޑު އިވުމުން ދުވެފައި ގޮސް ކޮޓަރި ހުޅުވިއިރު މަންމީތު ހުރީ ދަންޖެހިފައި ކަމަށެވެ.

މަންމީތުގެ އަންހެނުންގެ ހަޅޭކުގެ އަޑަށް އަވަށްޓެރި ގޭތަކުން މީހުން އައި ނަމަވެސް އެމީހުންނަށް އެހީ ނުވެ ވީޑިއޯ ކުރުމައިގެން އުޅުނު ކަމަށްވެސް މަންޖީތު ބުންޏެވެ.

"އަވަށްޓެރިން ހީކުރީ މަންމީތު އަށް ހުރީ ކޮވިޑް ޖެހިފައި ކަމަށް. އޭރު އޭނާގެ އަންހެނުންވެސް ބުނި ކޮވިޑް ޕޭޝަންޓެއް ނޫނޭ އެއީ. އެކަމަކު އެކަކުވެސް އެވާހަކަތަކެއް ގަބޫލެއް ނުކުރި. އެމީހުން ބޭނުމެއްނުވި މަންމީތު ގައިގައި އަތްލާންވެސް،" މަންޖީތު ބުންޏެވެ.