26 Dec 2011, 09:20
ސުނާމީ އާއި އެފަދަ ޑިޒާސްޓާތަކާއި މޫސުމީ ބަދަލުތަކުގައި ދިމާވެދާނެ ނުރައްކަލުގެ "އާލީ ވޯނިން" ފޮނުވައިދޭ ސިސްޓަމް ރާއްޖޭގައި ވެސް ހުރެ އެވެ. ކިރިޔާ މޫސުމީ ބަދަލެއް އައި ނަމަވެސް އެކި ކަހަލަ އެލާޓްތައް އެ ނިޒާމް މެދުވެރިކޮށް މިހާރު ފޮނުވައިދެ އެވެ.
"ވަރަށް އިފްކެޓިވްކޮށް އެކަން ހިނގާ ބާރަށް ގުރުރިއަސް، ފެން ބޮޑުވެދާނެ ކަމަށް ލަފާ ކުރެވެންޏާ ވެސް އެލާޓް ކުރޭ އެހެންނަމަވެސް އަޅުގަނޑުމެނަކަށް ޑެސިމިނޭޝަން ސިސްޓަމެއް އަދި ގާއިމުވެފައެއް ނެތް. މާނައަކީ އާލީ ވޯނިން އެންމެނަށް ވަގުތުން ފޮނުވައިދެވޭނެ ނިޒާމެއް ނެތޭ، އެއީ ވަރަށް ބޮޑު މައްސަލައެއް،" ނޭޝަނަލް ޑިޒާސްޓާ މެނޭޖެމެންޓް ސެންޓަރުގެ އަހުމަދު ޒަކީ ވިދާޅުވި އެވެ.
ޒަކީ، ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ ބައެއް ގައުމުތަކުގައި ސެލް ބްރޯޑް ކާސްޓް ބޭނުން ކޮށްގެން ހުރިހާ އެންމެންގެ މޮބައިލް ފޯނަށް އެއްފަހަރާ އާލީ ވޯނިން، ވަގުތުން ފޮނުވައިދޭއިރު ރާއްޖޭގައި މިވަގުތު އެކަން ކުރެވެނީ ރަޖިސްޓްރީ ކޮށްފައި ހުންނަ ވަކި މޮބައިލްތަކަކަށް ކަމަށެވެ.
"ވަކި ފޯނުތަކަކަށް ވޯނިން އަންނަނީ. އެއީ ޑިޒާސްޓާ ސެންޓަރުގައި ތިބޭ އެކަމަށް ހާއްސަ ފޯކަލް ޕޮއިންޓުންނަށާއި އެމްއެންޑީއެފާ ޕޮލިހަށް، މިހާރު އަޅުގަނޑުމެން އެ އަދަދު ފުޅާކޮށްފިން 90 އަށް. އެއީ ބައެއް ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފާރަތްތަކާއެކު،" ޒަކީ ވިދާޅުވި އެވެ.
ރާއްޖެއަށް ސުނާމީ އެރުމަށް ފަހު ލިބުނު ތަޖުރިބާތަކާއެކު ޑިޒާސްޓާ މެނޭޖެމެންޓްން މިހާރު އަމާޒު ކުރާ މައިގަނޑު އެއް ކަމަކީ 2012 ވަނަ އަހަރުގެ ތެރޭގައި އާލީ ވޯނިން މެސެޖް އެންމެނަށް އެއްފަހަރާ ސެލް ބްރޯޑްކާސްޓް ކުރެވޭނެ ނިޒާމެއް ގާއިމު ކުރާށެވެ.
ސަރުކާރުން އަންނަ އަހަރަށް ރާވާފައިވާ 31 ޕްރޮގްރާމްގެ ތެރޭގައި ވެސް ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޕްރޮގްރާމް ހިމަނާފައިވާއިރު އޭގެ ތެރޭގައި ސެލް ބްރޯޑްކާސިޓިން ވަނީ ހިމަނާފަ އެވެ. އެހެން ކަމުން ދައުލަތުގެ ބަޖެޓް އަންނަ ގޮތަކުން އެ ނަސީބުން ވަރަށް އަވަސް ވުމަކީ ގާތް ކަމެކެވެ.
"އެކަން ކުރެވޭތޯ އަޅުގަނޑުމެން ބަޖެޓްގައި ވެސް ހިމަނައިގެން މިއުޅެނީ އަޅުގަނޑަކަށް ނޭނގޭ ވާނެ ގޮތެއް،" ޒަކީ ވިދާޅުވި އެވެ. "ބަޖެޓްކޮށްފައި ވާނެ ރޭޑާ ސިސްޓަމް ފުޅާ ކުރުމަށް ވެސް، މިހާރު ރޭޑާ ހުރީ އެއް ސަރަހައްދުގައި. ދެން ސެލް ބްރޯޑްކާސްޓް ސިސްޓަމް މެދުވެރިކޮށް އާލީ ވޯވިންސް ލިބޭނެ ގޮތް ހެދުމަށް. ބަޖެޓް ލިބިއްޖެއްޔާ މިއަންނަ އަހަރު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ސެލް ބްރޯޑްކާސޓިންއަށް އޭރުން ރާއްޖޭގައި މޮބައިލް ބޭނުން ކުރާ އެންމެނަށް އެއްވަގުތެއްގައި އެ ވޯނިން ލިބޭނެ. އަދި އެފަދަ ކަންކަމާ ގުޅޭ ބްރީފް މެސެޖްތައް ލިބެމުންދާނެ، އެއީ ރާއްޖެއަށް ވަރަށް މުހިންމުވެފައިވާ ކަމެއް،"
ޒަކީ ވިދާޅުވީ މިހާރު އެފަދަ ވޯނިން އެއް އިޝޫކޮށްފި ނަމަ އެކަން އާންމުންނާ ހަމައަށް ގެންދަން ޖެހެނީ ނޫސްތަކާއި ޓީވީ ރޭޑިއޯގެ ޒަރީއާއިން ކަމަށާއި އެ މެސެޖް އެ ގޮތަށް ފޯރުކޮށްދޭއިރު އޮންނަނީ ވަރަށް ގިނަ ވަގުތު ފާއިތުވެގެން ގޮސްފައި ކަމަށެވެ.
"ހަމައެއާއެކު އަޅުގަނޑުމެން ބޭނުން ކުރާ އެސްއެމްސް ނިޒާމަކީ އެހާ އިފެކްޓިވް އެއްޗެއް ނޫން. ޓްރެފިކް އެހާ ބޮޑު. ހާއްސަކޮށް ހާދިސާއެއް ހިނގައިފިއްޔާ! އެފަދަ ހާދިސާއެއް މިދިއަ އަހަރުގެ ތެރޭގައި ހިނގައިވެސް ފި. ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް އެމްއެންޑީއެފަށް ފޮނުވި ވޯނިންއެއް ރިސީވްވީ އެއް ދުވަސް ފަހުން، އެމްއެންޑީއެފް އެލާޓަށް އައީ އެއްދުވަސް ފަހުން، އޭރު އެކަން ނިމިއްޖެ،" ޒަކީ ވިދާޅުވި އެވެ. "ސެލް ބްރޯޑްސްކާޓިންގެ ތަފާތަކީ ޓްރެފިކް ޖޭމެއް ނުވާނެ އެއްފަހަރާ އެއް ވަގުތެއްގައި އެންމެނަށް ޔަގީން ކަމާއެކު ދާނެ މިހާރު ހެނެއް ކިއޫއެއްގައެއް ނޫން ދާނީއަކީ،"