ފުލުހުންގެ ތެރޭގައި ކޮވިޑް-19 ވައިރަސް ފެތުރިޔަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ، ފުލުހުންގެ މެދުގައި އިތުރަށް ބަލި ފެތުރިޔަނުދިނުމަށް ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާ ކަަމަށެވެ. ބަލީގެ ސަބަބުން ފުލުހުންގެ ވޯކްފޯސް މަދުވިޔަ ނުދިނުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ މުވައްސަސާގައި މަސައްކަތް ކުރާ 23 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސީޕީ ވިދާޅުވިއެވެ،

އޭގެ އިތުރުން، ބަލި ފެތުރިޔަ ނުދިނުމަށް ފުލުހުންގެ މުވައްސަސާގައި މަސައްކަތް ކުރާ 293 މީހަކު، އައިސޮލޭޝަންގައި އެބަ ތިބިކަންވެސް އޭނާ ހާމަކުރެއްވިއެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ މީހުންގެ އަދަދު ސީޕީ ހާމަކުރެއްވި އިރު، ކޮވިޑް19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރަން މީގެ ކުރިން ނޭޝަނަލަ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީީއޯސީ)އިން ވަނީ ނިންމައިފައެވެ. އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ އެވެ.

މީގެ ކުރިން އެންއީއޯސީއިން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި އެންމެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ 137 މީހަކު މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.